4000 މުސްހަފަށްވާ ފައިސާ ދިރާގުން ހަދިޔާކޮށްފި

އޭދަފުށި ޓައިމްސްވިޔަފާރި

ދިވެހިންނަށް ހާއްސަކޮށްގެން ހަދާ މުސްހަފަށް ދިރާގުން ފައިސާ ހަދިޔާ ކުރަނީ
ދިވެހިންނަށް ހާއްސަކޮށްގެން ހަދާ މުސްހަފަށް ދިރާގުން ފައިސާ ހަދިޔާ ކުރަނީ

 

ދިވެހިންނަށް ހާއްސަކޮށްގެން ތައްޔާރުކުރާ މުސްހަފުގެ ތެރެއިން 4000 މުސްހަފަށްވާ ފައިސާ ދިރާގުން އިސްލާމިކް މިނިސްޓްރީ އަށް ހާދިޔާކޮށްފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިިއަދު ހެނދުނު ބޭއްވި ރަސްމިޔާތު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ އެ ފައިސާ ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް އެގްޒެކިޓިވް އިސްމާއިލް ރަޝީދެވެ. ދިރާގުން ބުނީ މިއަދު ހަވާލުކޮށްފައިވަނީ 4000 މުސްހަފަށްވާ 20000 ޑޮލަރު ކަމަށެވެ.

އެ ރަސްމިޔާތުގައި ޑރ. ޝަހީމް ވިދާޅުވީ ދިރާގުން ހަދިޔާ ކުރި ފައިސާއަކީ ދިވެހި މުސްހަފަށް ކުންފުންޏަކުން މިހާތަނަށް ހަދިޔާކުރި އެންމެ ގިނަ ފައިސާ ކަމަށެވެ. އަދި ދިވެހިންނަށް ހާއްސަ މުސްހަފެއް ތައްޔާރުކުރެވުމަކީ ރާއްޖެ އަށް ލިބޭ ޝަރަފެއް ކަމަށް ވިދާޅުވި އެވެ.

ދިރާގުން ހަދިޔާކުރި ފައިސާގެ އިތުރުން ވެސް ދިރާގުގެ ކަސްޓަމަރުންނަށް އެސްއެމްއެސްް މެދުވެރިކޮށް ވެސް މުސްހަފް ފަންޑަށް ފައިސާ ހަދިޔާ ކުރެވޭނެ ކަމަށް އެ ކުންފަނިން ބުނެފަ އެެވެ.

މުސްހަފް ފަންޑަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު ގިނަަ ކުންފުނިތަކުން ފައިސާ ހަދިޔާކުރާނެކަން އިއުލާން ކުރައްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފަ އެވެ. ބަހުރައިންގެ ގުރުއާން ކެއާ ސޮސައިޓީއާ ގުޅިގެން ހަދާ އެ މުސްހަފްތަކަށް އާންމުން ހަދިޔާ ކޮށްފައިވާ ފައިސާ ހަދިޔާގެ ޖުމްލަ އަދަދު ފަހުން އިއުލާންކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުގައި، މުސްހަފު ޗާޕްކުރަން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހާއްސަ ފަންޑެއް ވަނީ ހުޅުވައިފަ އެެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...