ހުރިހާ މެޗަކުން މޮޅުވެ އޭދަފުށި ގުރޫޕްގެ އެއްވަނައަށް

މިއަދު އޭދަފުށްޓާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު
މިއަދު އޭދަފުށްޓާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު

އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި މިއަދު ކުޅުނު މެޗް ކާމިޔާބުކޮށް އޭދަފުށި ގުރޫޕް “އޭ” ގެ އެއްވަނަ ހޯދިއިރު، ދަރަވަންދުއާއި ދޮންފަނު ޕޮއިންޓަކާއެކު މުބާރާތް ނިންމާލައިފި އެވެ.

މިއަދު މެންދުރު ކުޅުނު މެޗުން އޭދަފުށި މޮޅުވީ ފެހެންދުއާ ވާދަކޮށް 2-0 އިންނެވެ. އޭދަފުށި މި މެޗުގައި ލީޑް ނެގީ މެޗުގެ 8 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ނަގައިދިން ކޯނަރަކުން އިސްމާއިލް ޝާކިރު ބޮލުން ފޮނުވާލި ބޯޅަ ގޯލު ކުރިމަތިން ހުރަސް ވެގެން ދަނިކޮށް އޭރިޔާތެރޭގައި ހުހަށް ހުރެ އިބްރާހީމް ޝިޔާމް ޖަހައިދިން ގޯލުންނެވެ. މި ހާފުގެ 23 ވަނަ މިނެޓުގައި ފެހެންދޫގެ އަބްދުއް ސަލާމް ހާމިދު ފޮނުވާލި ބޯޅައެއް އޭދަފުށީ ޓީމުގެ ގޯލްކީޕަރު އަފްޒަލް އިބްރާހީމް އޭރިޔާ ބޭރުން އަތުން މަތަކުރުމާއެކު ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އޭދަފުށީ ޓީމުގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބު ކޮށްދިނީ ހުސައިން ޝިމާޒް (ކޮކީ) އެވެ. މި ޕެނަލްޓީއަކީ ސެންޓޭ ފެހެންދޫ ޓީމުގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ކީޕަރު ކައިރިން ނައްޓާލަން އުޅުމުގެ ތެރޭގައި އޭރިޔާ ތެރެއިން ފެހެންދޫ ޓީމުގެ ކީޕަރު އިބްރާހީމް ފަޒީލް ސެންޓޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފުގައި އޭދަފުށީ ޓީމުން ވަނީ ގޯލު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ހޯދައި މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އޭދަފުށީ ޓީމުގެ ދެވަނަ ލަނޑަށްފަހު ފެހެންދޫ ޓީމުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ގޯލު ޖަހާނޭ ފުރުސަތުތައް ތަނަވަސް ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭދަފުށީ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިން އިބްރާހީމް ޝިޔާމެވެ.

މިއަދު ދޮންފަނާއި ދަރަވަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ސައިނޯސާ ރާއި
މިއަދު ދޮންފަނާއި ދަރަވަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ސައިނޯސާ ރާއި

މިއަދު ހަވީރު ދަރަވަންދުއާއި ދޮންފަނު ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 އިން އެއްވަރު ވެގެންނެވެ. މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ވެސް މި ދެ ޓީމު މުބާރާތުން ކަޓާފައި ވީނަމަވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ވާދަވެރި ކުޅުމެކެވެ. އަދި ދެ ޓީމުން ވެސް ވަނީ މެޗުގައި މޮޅަށް ކުޅެ، ގޯލް ޖަހާނޭ ރަނގަޅު ގިނަ ފުރުސަތު ތަކެއް ހޯދައިފައެވެ. މި މެޗުގައި ފެނުނު ދެ ގޯލު ވެސް ފެނިގެން ދިޔައީ ގެވަނަ ހާފުގައެވެ. އެގޮތުން ފުރަތަމަ ލީޑު ނަގާ ކުރި ހޯދީ ދަރަވަންދޫއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 20 މިނެޓަށް ވެފައި ވަނިކޮށް އަލީ ހުސައިނެވެ. ދަރަވަންދޫއިން ލީޑު ނެގިތާ 4 މިނީޓު ފަހުން ދޮންފަނު ޓީމުން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު މަމްދޫހުގެ ޕާހަކުން، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އިބްރާހީމް ހަމްދާނެވެ.

މި ނަތީޖާއާއެކު އޭދަފުށްޓަށް 9 ޕޮއިންޓާ އެކު ގުރޫޕުގެ އެއްވަނަ ލިބޭއިރު 4 ޕޮއިންޓާއެކު ގުރޫޕުގެ ދެވަނަ ލިބުނީ ފެހެންދުއަށެވެ. ދަރަވަންދުއާއި ދޮންފަނު މުބާރާތް ނިންމާލީ ޕޮއިންޓަކަ އެކުއެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު މެންދުރު ފަހު 3:45 ގައި ބައްދަލުކުރާނީ އޭދަފުށްޓާއި ކިހާދޫއެވެ. އަދި ސެމީގެ ދެވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 3:45 ގައި ބައްދަލު ކުރާނީ ގޮއިދޫ އާއި ފެހެންދޫ އެވެ.

މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޭދަފުށީ ޔޫ ސްޕޯޓްސް އާއި ފޭލި ޖަމިއްޔާ ގުޅިގެންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯ ނޫފަހި ބްރޭންޑެވެ. ކޯ ސްޕޮންސަރ އަކީ އުރީދޫއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Hantey

    އަސްލު ކިހާދޫ މީހުންނަށް ފުޓްބޯޅަ ވަރަށްއާވާނެ، ހީބަނީ ލައްކައޭ ފުޓްބޯޅާގައި އޭދަފުއްޓާ ވާދަކުރަން ކިހާދޫ އަދި ގާތްގަޑަކަށް ވިއްސަކަށް އަހަރުބޭނުންވާނެ. އަދި އޭދަފުއްޓަށް ފުޓްބޯޅައަކީ ވަރަށް ބާއެއްޗެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.