ދިރާގުން ނައިފަރަށް ފޯޖީގެ ހިދުމަތް ތައާރަފްކޮށްފި

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ (ކ) ދިރާގުގެ ފޯޖީގެ ހިދުމަތް ނައިފަރަށް ތައާރަފްކޮށްދެއްވަނީ. --ހަވީރު ފޮޓޯ
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ (ކ) ދިރާގުގެ ފޯޖީގެ ހިދުމަތް ނައިފަރަށް ތައާރަފްކޮށްދެއްވަނީ. –ހަވީރު ފޮޓޯ

 

 

ދިރާގުން ޅ. ނައިފަރަށް ރޭ ފޯޖީގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ޅ. އަތޮޅު ކައުންސިލް އިދާރާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ނައިފަރަށް ފޯޖީގެ ހިދުމަތް ތައާރަފްކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

ޝައިނީ ވިދާޅުވީ ދިރާގުގެ ފޯޖީ އިންޓަނެޓް ހިދުމަތުގެ ސަބަބުން ނައިފަރުގެ މަސްވެރި އާއިލާތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި ދިރާގުން މި ކުރައްވާ މަަސައްކަތަކީ ގައުމީ ކަމެއް ކަމަށެވެ.

އެ ހަފްލާގައި ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއީލް ރަޝީދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އަހަންމިއްޔަތެއް ދީގެން ދިރާގުން ކުރަމުން އަންނަ ކަމަކީ މުޅި ރާއްޖެ އަށް އެދެވޭ ސްޕީޑެއްގައި، އެދެވޭ ފެންވަރެއްގައި އަދި އާންމުންނަށް އެކަށީގެންވާ އަގެއްގައި އިންޓަނެޓް ލިބޭނެ ގޮތް ހެދުމެވެ. އެކަމަށްޓަކައި 2010 ގައި ފެށި މަސައްކަތް 2012 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ސަބްމެރިން ކޭބަލް އަޅައި ނިންމުމަށް 30 މިލިއަން ޑޮލަރު ހަރަދުވި ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ފޯނާއި އިންޓަނެޓްގެ ހިދުމަތް ވެސް ދެމުން އަންނަނީ ސަބްމެރިން ކޭބަލް ނެޓްވޯކް މެދުވެރިކޮށް ކަމަށާއި ރާއްޖެ އާއި ބައިނަލްއަގުވާމީ ދުނިޔެ ވެސް މިހާރު ވަނީ ފައިބާ އޮޕްޓިކަލް ކޭބަލުން ގުޅާލެވިފައި ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ލަންކާ އާއި ސިންގަޕޫރާއި ހޮންކޮންގާއި ލަންޑަނާއި އިޓަލީއާ ވެސް މިހާރު ގުޅާލެވިފައިވާ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނައިފަރަށް ފޯޖީގެ ހިދުމަތް ތައާރަފްކުރި އިރު، ވާދަވެރި އޮޕަރޭޓަރުންނަށް ވުރެ ދެ ގުނަ ހަލުވި ސްޕީޑެއްގައި އިންޓަނެޓްގެ ހިދުމަތް ލިބެމުންދާނެ ކަމަށެވެ. އަދި މިއީ ދުނިޔޭގެ ބޮޑެތި ސިޓީތަކަށް ބެލިކަމުގައި ވިޔަސް ވަރަށް މަދު ސިޓީއެއްގައި ވަރަށް ފުޅާ ގޮތެއްގައި ދެމުން އަންނަ ހިދުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.