އުނޑޫދޫގެ ކުއްޔަށް ހަލައްކަ ރުފިޔާ ދައްކަން ހުކުމް ކޮށްފި

މީރާ އޮފީސް ހުންނަ ފިނޭންސް މިނިސްޓްރީގެ ބިލްޑިންގު:
މީރާ އޮފީސް ހުންނަ ފިނޭންސް މިނިސްޓްރީގެ ބިލްޑިންގު:

 

ބ. އުނޑޫދޫގެ ކުއްޔާއި ޖޫރިމަނާ އަށް ހަލައްކައަށް ވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ސިވިލް ކޯޓުން ވިކްޓޯރިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމްކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީއާއި ވިކްޓޯރިއާ އާއި ދެމެދުވި އެއްބަސްވުމެއްގެ ދަށުން، ދިގު މުއްދަތުގެ ދަނޑުވެރިކަމަށް ވިކްޓޯރިއާއަށް ކުއްޔަށްދީފައވާ އުނޑޫދޫއާ ކުއްޔާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހޯދަން މީރާއިން ދައުވާ ކުރުމުން މައްސަލަ ނިންމާ ހުކުމްކޮށްފައި ވަނީ މިދިއަ އާދީއްތަ ދުވަހު އެވެ.

ވިކްޓޯރިއާ އުނޑޫދޫގެ ކުލީގެ ގޮތުގައި 313,792/17 ރ. އާއި ޖޫރިމަނާގެ ގޮތުގައި 384,785/-ރ. އާއެކު ޖުމުލަ 698,577/17ރ. މީރާއަށް ދައްކަން ޖެހެ އެވެ.

ސިވިލް ކޯޓްގެ އެ ހުކުމުގައި ބުނެފައި ނެޝަނަލް ޕްލޭނިން ކައުންސިލުން ފާސްކޮށްފައިވާ އޮނިގަނޑާ އެއްގޮތަށް، ދަނޑުވެރިކަމާއި މަސްވެރިކަންކުރުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިހުރި ފަޅު ރަށްރަށާއި ދޫކުރެވޭ ފަޅު ރަށްރަށާއި ފަޅުތަކުގެ ކުލި ޖެނުއަރީ 1، 2012 އިން ފެށިގެން ބަދަލުކުރުމަށް އެ ކައުންސިލުން ނިންމައި، ކުލި ބަދަލުކުރަން އެދޭ ފަރާތްތައް ފެބުރުއަރީ 29، 2012 ގެ ކުރިން އެގްރިކަލްޗަރަށް ހުށަހަޅަން އިއުލާން ކުރުމުން ވިކްޓޯރިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެގޮތުގެ މަތިން އެދިފައިވީ ނަމަވެސް ކުލި ކުޑަކުރިކަން އެ ފަރާތަށް މިނިސްޓްރީއިން އަންގާފައިނުވާތީ، ބަޔާންކުރި އިއުލާނާ ގުޅިގެން ވަގުތުން ކުލި ބަދަލު ނުވާ ކަމަށެވެ.

ވިކްޓޯރިއާ އާއި މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި، ދެ ފަރާތުން އެއްބަސްވެ ސޮއިކުރާ ލިޔުމަކުން ނޫނީ އެއްބަސްވުމަށް ބަދަލެއް ނުގެނެވޭނެތީ އާއި އެއްބަސްވުން އިސްލާޙު ނުކުރާހާ ހިނދަކު ކުލި ދައްކަންޖެހޭނީ އެއްބަސްވުމުގައިވާ ގޮތަށްކަމަށެވެ. އަދި އުނޑޫދޫގެ ކުއްޔާއި، ކުލި ދައްކަން ޖެހޭ ތާރީހާ ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ، ހަ މަސް ދުވަހުގެ ތެރޭގައި ވިކްޓޯރިއާއިން މީރާއަށް ދައްކައި ޚަލާޞް ކުރަންޖެހޭނެ ކަމަށެވެ. / ޚަބަރު – އަވަސް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.