މޮބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (އެމްވީޕީއެން) ޚިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވް ރޯޑް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި އުރީދޫ މޯލްޑިވްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު ސޯލްޓް ރެސްޓޯރަންޓުގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ. އެމްއާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އުރީދޫގެ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ޚިދުމަތް މެދުވެރިކޮށް އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެއެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، މިހާރު އުރީދޫގެ ތްރީޖީ ކަވަރޭޖު ރާއްޖޭގެ 99 ޕަސެންޓަށް ލިބޭނެ ކަމަށެވެ.
“އުރީދޫން މިދަނީ ވެލިއު އެޑެޑް ސާވިސްތައް އިތުރު ކުރަމުން. މިހާރު އުރީދޫގެ ތްރީޖީ ކަވަރޭޖު ރާއްޖޭގެ 99 ޕަސެންޓަށް ލިބޭނެ،” ވިކްރަމް ވިދާޅުވި އެވެ.
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ މި ހިދުމަތުގެ ސަބަބުން، މުވާސަލާތު ކުރުމުގެ އަގު ހެޔޮވެ، އެކި ހިސާބުތަކުގައި ހުރި އެ ކުންފުނީގެ އޮފީސްތައް ގުޅާލެވި އެ ކުންފުންޏަށް ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާނެ ކަމަށެވެ.
“އަޅުގަނޑުމެންގެ އޮފީސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރޭ. އެހެންވެ މި ހިދުމަތުގެ ސަބަބުން އޮފީސްތަކާއި ގުޅާލެވިގެން ދާނެ. މިހާރު ފޯނު ކުރާ އަގުވެސް ވަރަށް ބޮޑުތަން ހެޔޮ ވެގެން ދާނެ،” ނަޒީމް ވިދާޅުވިއެވެ.
މިޚިދުމަތަކީ ކުދި އޮފީސްތަކުން ފެށިގެން ބޮޑެތި ކޯޕަރޭޝަންތަކަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ގިނަގުނަ ފައިދާ ހިމެނޭ ޕެކޭޖެކެވެ. އެގޮތުން މިހާރުވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގައި މި ޚިދުމަތް އަންނަނީ ބޭނުންކުރަމުންނެވެ.އޭގެތެރޭގައި ޕޮލިސް، އެމްއެންޑީއެފް، ޑީޕީއާރުއެސް، ޕީޖީ އޮފީހުގެ އިތުރުން ގިނަ ރިސޯޓުތައްވެސް ހިމެނެއެވެ.