ކިޔޫ ސްޓޭޓަސް ބަލާލަން ޚާއްސަ އެޕެއް

އަހްސަން ތައްޔާރުކުރި އެޕްގެ ސްކްރީންޝޮޓެއް.
އަހްސަން ތައްޔާރުކުރި އެޕްގެ ސްކްރީންޝޮޓެއް.

 

މާލޭގެ އެކި އޮފީސްތަކާއި ކުންފުނިތަކުންދޭ ހިދުމަތްތަކުގެ ކިޔޫ ސްޓޭޓަސް ބެލޭނެގޮތް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި ހާއްސަ އެންޑްރޮއިޑް އެޕްލިކޭޝަނެއް ތައާރަފު ކޮށްފި އެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ އޭދަފުއްޓަށް އުފަން ޒުވާނެއް ކަމަށްވާ މުހައްމަދު އަހުސަން ތައްޔާރުކުރި މި އެޕް ފަރުމާކޮށްފައި ވަނީ މާލޭގައި ވަޒީފާތަކުގައިއުޅޭ ފަރާތްތަކަށް ފަސޭހައިން ކިޔޫ މައުލޫމާތު ލިބޭނެ ގޮތަށެވެ.

އެޕް ޑިވެލޮޕަރު އަހުސަނު ބުނި ގޮތުގައި މާލޭގައި ވަޒީފާގައި އުޅުއްވާ ފަރާތްތަކަށް މި އެޕްގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ. އެ ގޮތުން، ކިޔޫ ސިސްޓަމު މެދުވެރިކޮށް ޚިދުމަތްދޭ ތަންތަނުގައި ކިއޫގައި މަޑުކުރުމުގެ ބަދަލުގައި މި އެޕްގެ ސަބަބުން ކިޔޫ ސްޓޭޓަސް ބަލާލައި، ވަގުތު ސަލާމަތްވެ، އުފުލަން ޖެހޭ ބުރަ ކުޑަވާނެ ކަން ވެސް އޭނާ ފާހަގަކުރި އެވެ.

“މި އެޕްލިކޭޝަން ހެދުމުގެ އެންމެބޮޑު ބޭނުމަކީ އެއް އެޕްލިކޭޝަން މެދުވެރިކޮށް މާލޭގެ އެކިއެކި މުއައްސަސާތަކުގައި ހިދުމަތްދޭ ކިޔޫގެ ސްޓޭޓަސް ބަލާލުން. ޚާއްސަކޮށް ވަޒީފާތަކުގައި އުޅުއްވާ ފަރާތްތަކަށް ކިޔޫ ނަންބަރު ޖެހެންދެން އެތަނެއްގައި މަޑުނުކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު އެބޭފުޅެއްގެ ނަންބަރު ޖެހޭތޯ ބަލާލެވޭގޮތް ހެދުން،” ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ޑިގްރީއަށް ކިޔަވަމުންދާ އަހްސަނު ބުންޏެވެ.

މި އެޕްލިކޭޝަންގައި މިހާރު ހިމަނާފައިވާ ކިޔޫ ތަކަކީ، އޭޑީކޭ ހޮސްޕިޓަލް، މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ) މޯލްޑިވްސް އިސްލާމިކް ބޭންކް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ އެވެ.

އަހްސަނު ބުނީ މީގެ އިތުރުން އެމްޑަބްލިޔުއެސްސީ އާއި ސްޓެލްކޯއާއި ދިރާގު އަދި މީޑީއާ ނެޓް ފަދަ ތަންތަންވެސް އެތަންތަނުގެ ކިޔޫ ސްޓޭޓަސް ޑޭޓާ ލިބޭނެގޮތް ހަދައިދިނުމަކީ އޭނާގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ.

މި އެޕް ގޫގަލް ސްޓޯރ މެދުވެރިކޮށް އެންޑްރޮއިޑް ފޯނުތަކަށް އެޅޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.