ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދޭ ދިރާގުން ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ލިބޭނެ އިތުރު ދެ ޕޭކޭޖެއް އިއްޔެ ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދޭ ދިރާގުން މިފަހަރު ތައާރަފްކޮށްފައި ވަނީ 100 އެމްބީޕީއެސް އާ ހަމައަށް އިންޓަނެޓް ލިބޭ، “ފައިބާ 100އެމް” އާއި 50 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ލިބޭ، “ފައިބާ 50އެމް” އެވެ.
އަލަށް ތައާރަފް ކުރި ދެ ޕެކޭޖްގެ ހިދުމަތް ދިރާގުން އަދި ދެނީ މާލެ އާއި ހުޅުމާލެއަށް އެކަންޏެވެ. ނަމަވެސް ލިބޭ ތަރުހީބަށް ބަލައި އަތޮޅުތަކަށް ވެސް ހިދުމަތް ފުޅާ ކުރާނެ ކަމަށް ދިރާގުން ބުނެއެވެ.
“ފައިބާ 100އެމް” ޕެކޭޖް ދިރާގުން ވިއްކަނީ، 350 ޖީބީގެ ފެއާ ޔޫސޭޖް އެލަވަންސަކާ އެކު މަހަކު 4999ރ. އަށެވެ. އަދި ފައިބާ 50އެމް ޕެކޭޖް ވިއްކަނީ 220 ޖީބީގެ ޑޭޓާ އެލަވަންސަކާ އެކު މަހަކު 3،500ރ. އަށެވެ.
ދިރާގުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ، ފެއާ ޔޫސޭޖް ހަމަވުމުން އިންޓަނެޓްގެ ސްޕީޑް ލަސްވި ނަމަވެސް މަހުގެ ފީ ފިޔަވައި އިތުރުން އެހެން އަގެއް ޗާޖް ނުކުރާނެ ކަމަށެވެ. އަދި މި ޕެކޭޖުތަކަކީ ވަކިން ހާއްސަކޮށް ގޭގޭގައި ބޮޑު ޑޭޓާ އެލަވަންސަކާ އެކު، މަހުބިލަށް ބަދަލެއްނައިސް އެންމެ ހަލުވި އިންޓަނެޓު ބޭނުން ކުރެއްވުމަށް ބައްޓަން ކުރެވިފައިވާ ޕެކޭޖުތަކެކެވެ. އެގޮތުން މި ޕެކޭޖުތައް ފަރުމާކުރެވިފައި ވަނީ އަވަސް ސްޕީޑުގައި ޑައުންލޯޑު ކުރުމަށާއި، އޮންލައިންކޮށް ހަލުވި ސްޕީޑުގައި ގޭމު ކުޅުމަށާއި، އަވަސް ސްޕީޑުގައި އަޕްލޯޑުކުރުމަށާއި، އޮންލައިންކޮށް ސްޓްރީމް ކުރުންފަދަ ބޭނުންތަކަށް އަމާޒުކޮށްގެން ކަމަށް ދިރާގުން ބުންޏެވެ.
“މި ޕެކޭޖުތަކަކީ އެއްބޭފުޅަކަށް ވުރެން ގިނަ ބޭފުޅުން އެއްފަހަރާ އަވަސް އިންޓަނެޓް ބޭނުން ކުރެއްވުމަށާއި، އިންޓަނެޓުގެ ހިދުމަތް އެއްފަހަރާ ތަފާތު ޒަމާނީ އާލަތްތައް ބޭނުން ކުރައްވައިގެން ހޯއްދެވުމަށް ވަރަށް އެކަށިގެންވާ ޕެކޭޖުތަކެއް. ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
ދިރާގު އެސިސްޓަން މެނޭޖާ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ، އަލަށް ތައާރަފް ކުރި ދެ ޕެކޭޖަކީ މި ވަގުތު ރާއްޖޭގައި ދެވޭ އެންމެ ފާސްޓް އިންޓަނެޓްގެ ހިދުމަތް ކަމަށެވެ. އިމްޖާދު ވިދާޅުވި ގޮތުގައި އެ ހިދުމަތް ދެނީ، އެންމެ ފަހުގެ އެއް ޓެކްނޮލޮޖީ ކަމަށްވާ ފައިބާ ބްރޯޑް ބޭންޑް ބޭނުން ކޮށްގެންނެވެ. މީގެ ކުރިން އިންޓަނެޓްގެ ހިދުމަތް ދެނީ ވީޑީއެސްއެލް އަދި އޭޑީއެސްއެލް ބޭނުންކޮށްގެންނެވެ.
ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ހޯއްދެވުމަށް ބޭނުންފުޅުވާ ހާއްސަ މޮޑެމް (އޮޕްޓިކަލް ނެޓްވާކް ޓާމިނަލް) ވެސް ދިރާގުން ލިބިވަޑައިގަންނަވާނެ އެވެ.
ދިރާގުން ދާދިފަހުން ވެސް ވަނީ36 އެމްބީޕީއެސް އާ 25 އެމްބީޕީއެސް ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ލިބޭ، އަންލިމިޓެޑް ޕެކޭޖެއް ތައާރަފް ކޮށްފަ އެވެ. އެ ދެ ޕެކޭޖްގެ ހިދުމަތް ދިރާގުން ދޭނީ މާލޭގެ ބައެއް ސަރަހައްދުތަކަށް އެކަންޏެވެ.