ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި، ދިރާގަށް ސާފު ފައިދާގެ ގޮތުގައި 701 މިލިއަން ރުފިޔާ ލިބުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގުން މިރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ނެރެފައިވާ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާވަނީ ލިބިފަ އެވެ. އެ ކުންފުންޏަށް 2013 ވަނަ އަހަރު ލިބުނު ސާފު ފައިދާ އަށް ވުރެ އިތުރަށް 59 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 9.2 އިންސައްތައިގެ ކުރިއެރުމެކެވެ.
ދިރާގުން ބުނެފައިވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ނޮން ވޮއިސް ހިދުމަތްތަކުން ކަމަށެވެ.
އެ ކުންފުނިން ވަނީ ހިއްސާއަކަށް 4.7 ރުފިޔާ ބަހަން މިރޭގެ ބައްދަލުވުގައި ފާސްކޮށްފަ އެވެ. މިދިޔަ އަހަރު ލިބިފައިވާ އާމްދަނީން ހިއްސާއަކަށް 9.23 ރުފިޔާ ޖެހޭއިރު މިއީ 2013 ވަނަ އަހަރާ އަޅާބަލާއިރު 9.1 އިންސައްތައިގެ ކުރިއެރުމެއްކަން އެކުންފުނީގެ އަހަރީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އޭގެ އިތުރުން ދިރާގުގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުގެ ތެރެއިން ކަނޑައަޅުއްވާ ޑިރެކްޓަރުގެ މަގާމަށް މިހާރުވެސް އެ މަގާމުގައި ހުންނެވި އިމްރާން އަލީ ވަނީ އިންތިހާބުކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހަކަށް ހަމަ އެކަނި ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅުއްވާފައިވަނީ ވެސް އޭނާގެ ނަމެވެ. އޭނާ އެ މަގާމަށް މިރޭ އަލުން އިންތިހާބުވީ 77 ހިއްސާދާރުންގެ ވޯޓު ލިބިގެންނެވެ.
ދިރާގުން ބުނެފައިވަނީ މިދިޔަ އަހަރު އެކުންފުނިން ވަނީ އޭގެ ކުރީ އަހަރަށްވުރެ ހިންގުމުގެ ހަރަދު 2 އިންސައްތަ ކުޑަކޮށްފައި ކަމަށާއި އަދި ޓެކްސްގެ އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށެވެ.
ދިރާގަށް ސާފު ފައިދާގެ ގޮތުގައި 2013 ވަނަ އަހަރު ލިބިފައިވަނީ 642 މިލިއަން ރުފިޔާ އެވެ. އެ އަހަރު އާމްދަނީ ހިއްސާ އަށް ޖެހިފައިވަނީ 8.46 ރުފިޔާ އެވެ.