މަޝްހޫރު ޅެންވެރިޔާ ސައީދު އަލިފުޅު އަވަހާރަވެއްޖެ

ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ކުރީގެ ރައީސް މުހައްމަދު ވަހީދު (ކ) ސައީދު އަލިފުޅަށް ދެއްވަނީ.--ހަވީރު ފައިލް ފޮޓޯ
ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ކުރީގެ ރައީސް މުހައްމަދު ވަހީދު (ކ) ސައީދު އަލިފުޅަށް ދެއްވަނީ.–ހަވީރު ފައިލް ފޮޓޯ

 

ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް ޅެންވެރިޔާ ސައީދު އަލިފުޅު މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.

ބ. ދަރަވަންދޫ ޅެންވެރިކަމުގެ އާއިލާ އަކަށް އުފަންވެ ވަޑައިގަތް އެ ރަށު މިއުނިކް ސައީދު އަލިފުޅު އަވަހާރަވީ، ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓްގައި ހެނދުނު 9:30 ހާއިރު، އުމުރުން 79 އަހަރުގަ އެވެ. އާއިލާ އިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ސައީދު އަލިފުޅަކީ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި އަވަހާރަވީ ކުއްލިއަކަށް ކަމަށެވެ.

އެތަކެއް ބައިވަރު ޅެން ހައްދަވައި، އަދި އަދަބިއްޔާތަށް ވެސް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ސައީދު އަލިފުޅުގެ ހަނދާނުގައި ދިވެހި ބަހުގެ އެކަަޑަމީން ވަނީ ތައުބީނުގެ ޖަލްސާއެއް ބާއްވަން ވެސް ނިންމައިފަ އެވެ. އެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ މިއަދު ވިދާޅުވީ ސައީދު އަލިފުޅުގެ ހަނދާނުގައި ހާއްސަ ދަފުތަރެއް ވެސް ހުޅުވަން ހަމަޖައްސާފައިވާ ކަމަށެވެ. ސައީދު އަލިފުޅަކީ ޅެންވެރިކަމުގެ ރޮނގުން ގައުމީ އިނާމް، އަދި އެ ދާއިރާއިން 2013ގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމް ވެސް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއަކީ ސަރުކާރުގެ ވަރަށް ގިނަ މަގާމުތައް ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

“ސައީދު އަލިފުޅަކީ ދިވެހި ބަހަށް، ޚާއްސަކޮށް ޅެންވެރިކަމަށް ވަރަށް އަގުހުރި އިޚުލާސްތެރި މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއް. އޭނާ ޅެން ހެއްދެވުމުގެ އަވަސްމިނާ ދޭތެރޭ އަޅުގަނޑު ހަމަ ހައިރާންވޭ. ދިވެހި އިލްމުވެރިކަމުގެ ބަގީޗާއިން މި އުނިވީ ވަސްމީރު މަލެއް،” އޭނާ ވިދާޅުވި އެވެ. “ސައީދު އަލިފުޅު ދުނިޔެ ދޫކުރެއްވީ، އޭނާގެ ޅެންތަކެއް ފޮތެއްގެ ސިފައިގައި ނެރެން ތައްޔާރުވަމުން ވެސް ދަނިކޮށް.”

ރާއްޖޭގެ އެކި ދުވަސްވަރު ހިންގި ވަރަށް ބޮޑެތި މަޝްރޫައުތަކުގެ ތެރޭގައި ސައީދު އަލިފުޅުގެ ޅެންތައް ލަވަ އަށް ބަދަލުވެ މުޅި ރާއްޖެ އަށް ފެތުރިގެން ގޮސް ވަރަށް ބޮޑު މަޝްހޫރު ކަމެއް ވަނީ ހޯދައިފަ އެވެ. އޭގެ ތެރޭގައި ކުޅަދާނަ ލަވަކިޔުންތެރިޔާ ޖޭމު ދޮންކަމަނަ ކިޔާފައިވާ ވަރަށް ގިނަ ލަވަތަކުގައި ސައީދު އަލިފުޅުގެ ޅެންތައް ހިމެނެ އެވެ. ރާއްޖޭގައި ދަނޑުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު 1970ގެ ފަހުކޮޅު ހިންގި އިރު މުޅި ރާއްޖެ އަށް ގުގުމާލި “ދަނޑަށް ދަނޑަށް ދާންް ދެން ހިނގާ” އަކީ ވެސް ސައީދު އަލިފުޅުގެ މޮޅު ޅެމެކެވެ.

ސައީދު އަލިފުޅުގެ ޖަނާޒާ ބާއްވަން ހަމަޖައްސާފައި ވަނީ މިއަދު މަޣުރިބު ނަމާދަށް ފަހު ހުޅުމާލޭގަ އެވެ. އޭނާ އަވަހާރަވި އިރު ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އެ ބޭފުޅުންގެ ތެރޭގައި ވެސް ޅެންވެރިން ހިމެނި ވަޑައިގަންނަވާ އިރު، ސައީދު އަލިފުޅުގެ ބޭބެ ޔޫސުފު އަލިފުޅަކީ ރާއްޖޭގައި އުފެދުނު ކުޅަދާނަ ޅެންވެރިއެކެވެ. / ހަވީރު އޮންލައިނުން ނަގާފައި

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.