“ދަރަވަންދޫގެ ނަރުދަމާ އާއި ކުނީގެ މައްސަލަ އަވަހަށް ހައްލުކުރަންޖެހޭ”

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން -- ހަވީރު ފޮޓޯ
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން — ހަވީރު ފޮޓޯ

 

ބ. ދަރަވަންދޫގެ ނަރުދަމާއާއި ކުނީގެ މައްސަލައަކީ ސަރުކާރުން ޚާއްސަ އިސްކަން ދީގެން ހައްލުކުރަންޖެހޭ ކަމެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ވީ ނިއުސް އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އަލީ ހުސައިން ވިދާޅުވީ، ދަރަވަންދޫގެ ތަރައްގީގެ ޕްލޭނަށް ބަލާއިރު ރަށުގައި ތަރައްގީގެ އެއްވެސް ކަމެއް ކުރެވޭނީ ނަރުދަމާ އެޅިގެން ކަމަށެވެ. އަދި ދަރަވަންދޫގެ ކުނިގޮނޑުގެ މައްސަލަވެސް އަދިވެސް ހައްލުނުވާ ކަމަށާއި ކުނި އެންދުމުން ދުންތައް އެއާޕޯޓާ ދިމާއަށް އަރައިގެން ދިއުމުގެ ސަބަބުން ފަތުރުވެރިންގެ ޝަކުވާތައް ލިބެމުންދާ ކަމަށްވެސް އޭނާ ވިދާލުވި އެވެ.

“ކުނިގޮނޑުގެ މައްސަލަވެސް އަދިވެސް ހައްލެއް ނުވޭ. ކުނި އެންދީމަ އެއާޕޯޓާ ދިމާއަށް ދުންތައް އަރައިގެން ދިއުމުން ފަތުރުވެރިން އެކަމާ ވަރަށް ޝަކުވާ ކުރޭ. ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަކީ ބ. އަތޮޅަށް ޒިޔާރަތް ކުރާ މީހުން. އޭގެ ތެރެއިން ގިނަ މީހުން ބޭނުންކުރަނީ ދަރަވަންދޫ އެއާޕޯޓު. އެހެންވީމަ ދަރަވަންދޫ ނަރުދަމާއާއި ކުނީގެ މައްސަލައަކީ ސަރުކާރުން އިސްކަން ދީގެން ހައްލުކުރަންޖެހޭ ކަމެއް” އަލީ ހުސައިން ވިދާޅުވިއެވެ.

ދަރަވަންދޫ. އެރަށުގައި ކުނީގެ މައްސަލަވެސް ވަރަށްބޮޑު. ފޮޓޯ / ގެސްޓްހައުސް މޯލްޑިވްސް
ދަރަވަންދޫ. އެރަށުގައި ކުނީގެ މައްސަލަވެސް ވަރަށްބޮޑު. ފޮޓޯ / ގެސްޓްހައުސް މޯލްޑިވްސް

 

މީގެ އިތުރަށް ރަށްގިރުމުގެ މައްސަލައަކީ ވެސް ދަރަވަންދޫއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެކަން ހައްލުކޮށްދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނި ނަމަވެސް، އެކަމަށް އަދިވެސް އަމަލީ ސިފައެއް ނާންނަ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އޭނަ ވިދާޅުވި ގޮތުގައި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމާއި ކުނިނައްތާލުމުގެ ރަގަޅު ނިޒާމެއް ގާއިމުކުރުމާއި ނަރުދަމާގެ ޚިދުމަތް ފަދަ ކަންކަމަކީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ބަޖެޓު ތަންދިން މިންވަރަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތް ތަކެކެވެ.

ދަރަވަންދޫ އެއާޕޯޓް: ކުނި އެންދީމަ އެއާޕޯޓާ ދިމާއަށް ދުންތައް އަރައިގެން ދިއުމުން ފަތުރުވެރިން އެކަމާ ވަރަށް ޝަކުވާ ކުރާ ކަމަށް އަލީ ހުސައިން ވިދާޅުވި-- ފޮޓޯ / ގެސްޓްހައުސް މޯލްޑިވްސް
ދަރަވަންދޫ އެއާޕޯޓް: ކުނި އެންދީމަ އެއާޕޯޓާ ދިމާއަށް ދުންތައް އަރައިގެން ދިއުމުން ފަތުރުވެރިން އެކަމާ ވަރަށް ޝަކުވާ ކުރާ ކަމަށް އަލީ ހުސައިން ވިދާޅުވި– ފޮޓޯ / ގެސްޓްހައުސް މޯލްޑިވްސް

އަލީ ހުސައިން ވިދާޅުވި ގޮތުގައި ދަރަވަންދޫއަކީ އެއާޕޯޓެއް އޮންނަ ރަށަކަށް ވުމުން ގެސްޓުހައުސް ވިޔަފާރި ފަދަ ޓުއަރިޒަމާ ގުޅުންހުރި ވިޔަފާރިތައްވެސް އަންނަނީ ފުޅާވަމުންނެވެ. ނަމަވެސް ރަށުގެ ވިޔަފާރިތައް ކުރިއަރުވައި ވަޒީފާގެ ފުރުސަތު އިތުރުކުރެވޭނީ އެކަމަށް މަގުފަހިކޮށްދޭން ސަރުކާރުން ވެސް ކަންތައްތަކެއް ކޮށްދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.

“އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ މެންބަރަކަށް ވިޔަސް އަދި ސަރުކާރުން ކުރާ ކަންކަމަށް ފާޑުވިދާޅުވިޔަސް، ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ތަރައްގީއަށް ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އެއްބާރުލުން ދޭނަން” އަލީ ހުސައިން ވިދާޅުވި އެވެ.

ދަރަވަންދޫގައި ހިންގާ ގެސްޓް ހައުސް އެއް. ގެސްޓްހައުސ ވިޔަފާރި އެ ރަށުގައި އަންނަނީ ފުޅާވަމުން-- ފޮޓޯ / ގެސްޓްހައުސް މޯލްޑިވްސް
ދަރަވަންދޫގައި ހިންގާ ގެސްޓް ހައުސް އެއް. ގެސްޓްހައުސ ވިޔަފާރި އެ ރަށުގައި އަންނަނީ ފުޅާވަމުން– ފޮޓޯ / ގެސްޓްހައުސް މޯލްޑިވްސް

 

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ހަމައެކަނި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ވެސް ޒިންމާއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.