ސެންޓޭގެ ގޯލަކާއެކު ނިއު އިން ފެށުން ރަނގަޅު ކޮށްފި

ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ – ފޮޓޯ: މޯލްޑިވްސޮކާ / އިސްމާއީލް އައްފާން
ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ – ފޮޓޯ: މޯލްޑިވްސޮކާ / އިސްމާއީލް އައްފާން

ފަހު ވަގުތު ކާމިޔާބުކުރި ގެ ދެގޯލަކާއެކު ވިކްޓަރީގެ މައްޗަށް 3-1 އިން ކުރިހޯދާ، އުރީދޫ ދިވެހި ޕްރިމިއަރ ލީގުުގެ ފެށުން ނިއު ރޭޑިއަންޓުން ރަނގަޅުކޮށްފި އެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ލޯންޗްކުރެވުނު އުރީދޫ ދިވެހި ޕްރިމިއަރ ލީގުުގެ ފުރަތަމަ މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ވެސް ނިއު ރޭޑިއަންޓުންނެވެ. 19 ވަނަ މިނިޓުގައި މިލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ، މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި އެޓީމުގެ ސްލޮވާކިއާ މިޑްފީލްޑަރ ވިލިއަމް މަކޯ އެވެ. ވިކްޓަރީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 74 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އަހުމަދު ޒިއާނެވެ.

މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ނިއުގެ ރިލްވާން ވަހީދު (ރިލޭ) އަށް ރަތް ކާޑް ދެއްކުމުން 10 މީހުނާއެކު ކުޅެ، ނިއުއިން ވަނީ މެޗުގެ އިތުރު ވަގުތުގައި ދެގޯލުޖަހާ، މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްފަ އެވެ.

ހަމްޕު ވިކްޓްރީ ކުޅުންތެރިއެއް ކައިރިން ނައްޓަން މަސައްކަތް ކުރަނީ – ފޮޓޯ: ވަގުތު / ޢަބްދުﷲ އަބީދު
ހަމްޕު ވިކްޓްރީ ކުޅުންތެރިއެއް ކައިރިން ނައްޓަން މަސައްކަތް ކުރަނީ – ފޮޓޯ: ވަގުތު / ޢަބްދުﷲ އަބީދު

މުހައްމަދު ޝިފާން (ކުޑައްޓޭ)، ވިކްޓްރީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ހިލޭޖެހުމެއް ވިކްޓްރީ ކުޅުންތެރިން ދިފާއުކުރަން އުޅުމުގެ ތެރޭގައި އެޓީމުގެ ނައިޖީރިއާ މިޑްފީލްޑަރ ޗިންޑާ ޗިޒީ ކަކާގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން، ދެވަނަ ފަހަރަށް ނިއުއަށް ލީޑު ނަގައިދިނީ އިބްރާހީމް ފަޒީލް (އޮއްޕޮ) އެވެ. އަދި ނިއުގެ ތިންވަނަ ލަނޑު، މެޗުގެ އެންމެ ފަހު ސިކުންތުގައި ކާމިޔާބުކުރީ އަލީ ފާސިރު (ސެންޓޭ) އެވެ.

ސެންޓޭގެ މި ލަނޑާއެކު އޭނާ ވަނީ، އޭނާގެ އަމިއްލަ ރެކޯޑެއް ކަމުގައިވާ ކޮންމެ ސީޒަނެއްގައި އޭނާ ކުޅޭ ލީގު ފުރަތަމަ މެޗުގައި ލަނޑުޖެހުމުގެ ރެކޯޑް ދަމަހައްޓައިފައެވެ. 2009 ވަނަ އަހަރުން ފެށިގެން ސެންޓޭ ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށީއްހުރެން ވެސް ކޮންމެ އަހަރެއްގެ ލީގުގައި އޭނާ ކުޅޭ ފުރަތަމަ މެޗުގައި އަންނަނީ ގޯލު ޖަހަމުންނެވެ.

ސެންޓޭ އާއި އަހުމަދު ސުހައިލް (ބަންބުޗް) ދެވަނަ ހާފުގެ ކުރީކޮޅު ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް ނަމަވެސް، ޝިފާނާއި ޝާފިއު އަހުމަދު އަދި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން މެޗު ފުރިހަމަ ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.