“ބިސް، އަލުވި، ފިޔާގެ އަގު ބޮޑުވަނީ އެތަކެތި ގެނެވޭނެ ގޮތެއް ނެތިގެން”

އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް ސަލީމް: -- ފޮޓޯ: މަޖިލިސް
އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް ސަލީމް: — ފޮޓޯ: މަޖިލިސް

 

ރާއްޖޭގައި ރޯދަމަހަށް ބިސް، އަލުވި، ފިޔާ ގެ އަގު ބޮޑުވުމުގެ މައްސަލަ ދިމާވަނީ އެތަކެތި އިންޑިއާ އިން ގެނެވޭނެ ގޮތެއް ދިވެހި ވިޔަފާރިވެރިންނަށް ނެތިގެން ކަމަށް ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރޯދަ މަހުގެ އިނާޔަތުގެ ފައިސާގެ ގޮތުގައި ކޮންމެ މީހަކަށް 3000 ރުފިޔާ ދިނުމާއި ގުޅޭގޮތުން ހުށަހެޅުނު ބިލަށް މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ ރާއްޖެއަށް މަދުނުވާ ވަރަށް އެތަކެތި އެތެރެކުރެވޭނެ ފުރުސަތު މިހާރު ނެތް ކަމަށެވެ.

” ރާއްޖޭގައި ހަމައެކަނި ޖެހިގެން އުޅޭ މައްސަލައަކީ ބިސްފިޔާ، އަލުވީގެ މައްސަލަ. މި މައްސަލަ ޖެހިގެން މިއުޅެނީކީ، ވިޔަފާރި ވެރިންގެ ސަބަބަކުން ނޫން. ފެށުނީއްސުރެ މިއީ ސަރުކާރުގެ މައްސަލަ އެއް. އިންޑިއާ ޓްރިވެންޑްރަމްގައި ހުންނަ މީހަކު ފޮނުވާތީ ބިސް، ފިޔާ، އަލުވި ކޮޅެއް މިގެނެވެނީ” ސަލީމު ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ފަހަކަށް އައިސް ހަމައެކަނި ރޯދަމަހާއި ދިމާކޮށް އެސްޓީއޯ އިން ފިޔާ، އަލުވި، ބިސް ގެނެވޭނެ ގޮތް ހަމަޖެހިފައި އޮންނަ ކަމަށެވެ. ނަމަވެސް ސަލީމު ވިދާޅުވީ، އެސްޓީއޯ އިން އެފަދަ ކުދި ވިޔަފާރިތަކަށް ވަނުން ހުއްޓާލައި ދިވެހި ވިޔަފާރި ވެރިންނަށް އެތަކެތި މާލެ ގެނެވޭނެ މަގު ފަހިކޮށްދޭން އުޅުން ރަގަޅުވާނެ ކަމަށެވެ.

ސަލީމު ވިދާޅުވީ އެމްއެސްއެލް ގައި ބޯޓުފަހަރު އޮތް އިރުވެސް ވިޔަފާރި ވެރިންނަށް އިންޑިއާ އިން އެބާވަތުގެ ތަކެތި ގެނެވޭނެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އަދި މިހާރު ވެސް އެފަދަ ފުރުސަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

“އެފަދަ ފުރުސަތު އޮތްނަމަ، ނޫންނަމަ އިންޑިއާ އިން ތަކެތި ގެނެވޭނެ ބޯޓުގަނޑެއް އޮތް ނަމަވެސް އެކަން ދިވެހި ވިޔަފާރިވެރިން ކުރާނެ،” ސަލީމު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.