ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ޖޫން 7، 2015 ގެ ބަޔާ ގުޅޭ]

އެދެލޯ ފެނިފައި ދީވާނާވެ ދުނިޔެމަތީގެ ހުރިހާ ކަމެއް ހަނދާން ނެތޭ ކަހަލައެވެ. ސްޓޭޖްގެ ކޮޅަށް އައިސް ހުއްޓުނުއިރު ޔާނީގެ ދެފައިން ހީވަނީ ވާގިދޫވެދާނެ ހެނެވެ. ޒައިދް ފެނިފައި ޔާނީގެ ނޭވާ ހާސްވިއިރު ލުއި ހިނިތުންވުމަކާއިއެކު ޒައިދްގެ ނަޒަރު ހުއްޓިފައިވަނީ ޔާނީއަށެވެ. އެތަނުގައި އިތުރުބަޔަކު ތިބި ކަމުގެ އިހުސާސް ޒައިދަށް ނުވާ ހާލު ހިތްއެދުނީ އެރީތި މޫނުގައި ފިރުމާލުމަށެވެ. ޔާނީ ސްޓޭޖްގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނބުރާ އައިކޮޅަށް ގޮސް ސްޓޭޖުން ފައިބަންދެން ޒައިދަށް ހުރެވުނީ އަނގަމައްޗަށް ނަގައިގެންނެވެ. ފެޝަން ޝޯވ ނިމި ނަތީޖާ އިއުލާން ކުރުމުގެ ކުރިން އޮތީ ކެއުން ކަމުން ހުރިހާ އެންމެންވެސް ކެއުމައިގެން އަވަސްވެގަތެވެ. މީހުން ގަނޑުގެ ތެރެއިން ޒައިދް ޔާނީ ހޯދަމުން ދަނިކޮށް ކާއެއްޗެހި ބަހައްޓާފައި ހުރި މޭޒެއްގެ ދޮށުގައި ހުއްޓައި ޔާނީ ފެނުމުން އޭނާގެ ގާތަށް ގޮސް އަތުގައި ހިފައިގެން މީހުންތަކުގެ ތެރެއިން ޖެހުނެވެ. ޒައިދް ކުރަން އުޅޭކަމެއް ނޭނގުމުން ޔާނީ ހުރީ ކަންބޮޑުވެފައެވެ. ޒައިދް ކުރިއަށް ފިޔަވަޅެއް އަޅާއިރަށް ޔާނީ ފަހަތަށް ދެފިޔަވަޅު އަޅަމުން ގޮސް ފާރުގައި ޖެހި ދެން ފަހަތަށް ޖެހެވެން ނެތްކަން ޔަގީންވުމުން ޒައިދް އާއި ދިމާލަށް އިސްއުފުލާ ބަލާލެވުނީ ދެލޯބޮޑުކޮށްލަމުންނެވެ. އަނގައިން ބުނަން ޔާނީގެ ދޫ ހަރަކާތްކޮށްލި ވަގުތު ޒައިދް އޭނާގެ އަތުގެ ޝަހާދަތް އިނގިލި ޔާނީގެ މަޑުމަޑު ތުންފަތުގައި ޖައްސާލުމަށްފަހު އަނެއް އަތް ފާރުގައި ވިއްދާލުމަށްފަހު ޔާނީއާއި ގާތްވެލާ އެންގީ ހިމޭން ވުމަށެވެ. އެވަގުތު ޒައިދްގެ ގައިން ދުވި މީރުވަހުން ޔާނީގެ ހުރިހާ ހިއްސުތަކެއް އެއްފަހަރާ ހޭލައްވާލިއެވެ.

ޔާނީގެ މަސްތީ ދެލޮލުން ޒައިދްއާ ދިމާލަށް ބަލަމުން ދިޔަ ވަރަކަށް ޒައިދް ދިޔައީ އެލޮލުގެ ތެރެއަށް ގެނބެމުންނެވެ. މީކޮންފަދަ އަޖައިބެއްބާއޭ ޒައިދްގެ ހިތަށް އަރަމުން ދިޔަ ހިނދު ޒައިދްގެ މިހަރަކާތުން ޔާނީ ވަރަށް ބޮޑަށް ރަކިވިއެވެ. “މިއަދު ވާހަކަ ދައްކާނީ އަހަރެން. ޔާނީ އާއި ވާހަކަ ދެއްކޭތޯ އަހަރެެން ވަރަށް މަސައްކަތް ކޮށްފިން، އެކަމަކު ކޮންމެ ފަހަރަކުވެސް ޔާނީ އަހަންނާ ފަސްދީފަ ދަނީ. މިފަހަރު އަހަރެންގެ ވާހަކަ ފުރިހަމަކޮށް ނިމުމުން ނޫނީ އަހަރެން ޔާނީ ދުލެއް ނުކުރާނަން!” ޒައިދްގެ މިބަސްތަކުން އޭނާ ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން ޔާނީއަށް ކުޑަކޮށްވެސް ނަގައެއް ނުގަނެވުނެވެ. އެހެންވެ ޒައިދް ދައްކަން އެއުޅޭ ވާހަކައަށް ފުރުސަތު ދިނުމަށްޓަކައި ޔާނީ ހިމޭންވިއެވެ. ދެމީހުން އެކަހެރި މާހައުލެއްގައި ތިބިއިރު ޒައިދް ބުނަމުން ދިޔައީ ކޮންމެވެސް އިރެއްގައި އޭނާއާއި ޔާނީއާ ދިމާވެފައިވާ ކަމަށެވެ. ނޭނގި ނަމަވެސް ޔާނީގެ ސޫރަ އޭނާގެ ހިތުތެރޭގައި އާލާވަމުން ދާކަމަށެވެ. މިވާހަކަ އިވިފައި އިހުނަށްވުރެ ބޮޑަށް ހައިރާންވިއެވެ. ެ. ޒައިދް އާއި މީގެ ކުރިން ދިމާވެފައިވާ ކަމަކަށް ޔާނީ ހަނދާނެއް ނުވެއެވެ. މާޒީގެ ހަނދާންތައް ނެތުނުކަމުގައި ވިޔަސް ޒައިދްއާއި އެއްވެސް ކަހަލަ ގާތް ގުޅުމެއް އޮވެދާނެ ކަމަށް ޔާނީއަށް ގަބޫލުކުރަން ދަތިވިއެވެ.

މީހެއްގެ ފިޔަވަޅުގެ އަޑަށް ޒައިދް ފަހަތް ބަލައިލުމުން ތަންވަޅުބަލާފައި ޔާނީ ޒައިދްގެ އަތްދަށުން ދެމިގަތީ ވަރަށް އަވަހަށެވެ. ޒައިދް ގޮވުމުންވެސް މަޑުނުކޮށް ޔާނީ އެތަނުން ދިޔައީ ޒައިދްގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ޚުދު އޭނާއަށްވެސް ނޭނގޭތީއެވެ. ކެއުމަށް އިންސާފުކުރުމަށްފަހު ކޮންމެމީހަކުވެސް އެމީހަކަށް ހާއްސަކުރެވިފައިވާ ތަނުގައި އައިސް އިށީނެވެ. ޔާނީވެސް އަވަހަށް އައިސް ގޮނޑިގައި އިށީނދެ އިންތިޒާރުކުރަމުން ދިޔައީ ނަތީޖާ އިއުލާނު ކުރާނެ ވަގުތަކަށެވެ. އަތާއި އަތް ޖޯޑުކޮށްގެން އިނދެ ޔާނީ އިންތިޒާރު ކުރަމުން ދިޔައީ އޭނާއަށް ކާމިޔާބު ލިބޭނެ ކަމުގެ ފޮނި އުއްމީދާއެކުގައެވެ. ޖަޖުންގެ މާރކްސް ލިބި އެއްވަނައަށް ހޮވިފައިވާ ފަރުމާކުރުންތެރިޔާ އިއުލާނު ކުރުމަށްޓަކައި ހަފްލާގެ ހޯސްޓުން ސްޓޭޖަށް އަރަ ތައްޔާރުވެލިއެވެ. އެންމެ މޮޅު ފަރުމާކުރުންތެރިޔާއަށް އިނާމު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އިވެންޓްގެ މެއިން ސްޕޮންސަރގެ ފަރާތުން ޒައިދެވެ. މިއިީ އެންމެ ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތަށް ވުމުން ހުރިހާ ބައިވެރިންވެސް ތިބީ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައެވެ. ސިޓީއުރަ ހުޅުވާލުމަށްފަހު ހޯސްޓް ކުރަން ހުރި ކުއްޖާ އެއިއުލާނުކުރީ މުޅި ފެޝަން ޝޯވގެ އެއްވަނައަށް ހޮވިފައިވާ ފަރާތުގެ ނަމެވެ.

ޔާނީގެ ނަން އިވިފައި އޭނާއަށް އުފަލުންގޮސް ނުރޮވުނީވެސް ހަމަކިރިޔާއެވެ. ތަނަށް ހާޒިރުވެ ތިބި އެންމެންގެ އަތްތިލަބަޑީގެ އަޑުފަށްގަނޑުން މުޅިތަން ގުގުމާލިއެވެ. އުފަލުން ފޮޅިފައިވާ ޔާނީ ފެނިފައި ޒައިދްގެ ހިތަށް ލިބިގެންދިޔަ ހިތްހަމަޖެހުމުގެ އިހުސާސް ހަށިގަނޑުގެ ތެރޭގައި ދައުރުކޮށްލީ އެންމެ ފުރިހަމައަށެވެ. ޒައިދް ބަލާކަށް ނުހުރެ ސްޓޭޖުން ފައިބައިގެން ގޮސް ޔާނީއާ ދިމާލަށް އަތް ދިއްކޮށްލުމުން އެއްވެސް ޖެހިލުމެއްނެތި ޔާނީ ޒައިދްގެ އަތުގައި ހިފައިގެން ސްޓޭޖަށް އަރަން ދިޔައިރު އެންމެންގެ ލޯތަށް އަމާޒުވީ މިހިތްގައިމު ޖޯޑަށެވެ. ޒައިދް އާއި ޔާނީ އެކުގައި ތިބިތަން ފެނިފައި ޝިވަމްމެންގެ އިތުރުން އެތަނަށް އައިސް ތިބި ޝިޔާޒްއާއި ނާޒްވެސް އުއްމީދުގެ ހުޅުކޮޅު އަލުން ރޯވީ ކަމަށް ނިންމައި ހިނިތުންވެލީ އުފަލުންނެވެ. ދަރިއެްގެ ދިރިއުޅުން އާރާސްތުވާނެކަމުގެ އުއްމީދުގައި ތިބި މައިންބަފަޔަކަށް މިއަށްވުރެ ބޮޑު އުފަލެއް ލިބޭނެ ހެއްޔެވެ.

ސްޓޭޖް މައްޗަށް އަރާ އިނާމާ ހަވާލުވެވުނު އިރު ޔާނީ ހުރީ ފިނިވެގެންގޮސް ގަނޑުފެންކޮޅަކަށް ވެފައެވެ. އެލޯބި ލޯބި ހިނިތުންވުން ދެކިލުމަށްޓަކައި ޒައިދްގެ ލޯ އެދެމުން ދިޔައީ މުޅި އުމުރަށެވެ. ފޮޓޯގްރަފަރުން ޔާނީއާއި ޒައިދްގެ ފޮޓޯތަށް ނަގަމުން ދިޔައިރު މެހެމާނުންތައް ދިޔައީ މިދެމީހުންނަށް ތައުރީފުގެ ބަސްތައް ރައްދުކުރަމުންނެވެ. ޔާނީއަށް މިލިބުނު ކާމިޔާބީގެ ފަހަތުގައިވާ ހުރިހާ ފަރާތްތަކަށް ޔާނީ މިފުރުސަތުގައި ޝުކުރު އަދާކުރީ ހިތުގެ އެންމެ ފުންމިނުންނެވެ. ނިންމާލުމުގެ ކުރިން ޔާނީ ބުނި ޖުމްލައިން މުޅިތަން ހިމޭންވިއެވެ. ފަހަރުގައި ޔާނީގެ ވާހަކައަށް ސަމާލުކަން ދޭން ބޭނުންވިލެއް ބޮޑީކަންނޭގެއެވެ. ޝުކުރުގެ ލިސްޓަށް ފަހު ޔާނީ އެންމެން ހާޒިރުގައި ޒައިދްގެ ކިބައިން މައާފަށް އެދުނެވެ. އެކަންތަށް ކުރުމަށް އެންމެ ރަނގަޅުގޮތަކީ އެއީ ކަމަށް ޔާނީއަށް ފެނުނެވެ. ޔާނީގެ ފަރާތުން އިވިގެން ދިޔަ ބަސްތަކުން އިސްތަށިތަށް ކޮޅަށް ޖެހި ޒައިދްގެ ހިތް ޔާނީއަށްޓަކައި އިތުރަށް އެދެވެން ފެށިއެވެ. ޔާނީގެ މިއަމަލް ޒައިދަށް ވަރަށް ކަމުދިޔައެވެ. ޒައިދް ޔާނީއަށް މައާފްކޮށް އޭނާއަށްވެސް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ގަބޫލުކޮށް ޔާނީގެ ކިބައިން ޒައިދްވެސް މައާފަށް އެދުނެވެ. އެވަގުތުން ފެށިގެން ދެމީހުންގެ ގުޅުމަށް އެކުވެރިކަމުގެ ނަމުން ނަން ދެވުނެވެ.

އެރޭ ގެއަށް ދިޔަ މަގުމަތީގައިވެސް ޔާނީއަށް ވިސްނެމުން ދިޔައީ ޒައިދް ދެއްކި ވާހަކައާ މެދުގައެވެ. ޔާނީގެ ހިތުގައި ޒައިދަށްޓަކައި ހާއްސަ މަގާމެއް ދެވުނީ ކީއްކަމެއް ޔާނީއަކަށް ނޭނގުނެވެ. ދުވަސްކޮޅެއްކުރިން އިންތިހާއަށް ނަފްރަތުކުރި މީހަކު މިއަދު އެހާ މުހިންމުވާންވީ ސަބަބަކީ ކޮބައިކަން ޔާނީ އޭނާގެ ހިތާ ސުވާލު ކުރަމުން ދިޔައެވެ. ރޭގަނޑުގެ އަރާމު ނިދި ގުރުބާންކޮށް މުޅި މެންދަން ނިމިގެން ދަނީ ޒައިދްގެ ހަނދާނުގައެވެ. ކޮޓަރީގެ ބެލްކަންޏަށް ނުކުމެ ހިޔާލީގެ ދުނިޔޭގެ ތެރޭގައި ހުރެ ޔާނީ އޭނާގެ ދިރިއުޅުމަށް މިއައި އާ މެހެމާނާ އާއިއެކު ހޭދަކޮށްފައިވާ ވަގުތުތައް ހިތުތެރޭ އާލާ ކުރަމުން ދިޔައީ ދުވަހަކުވެސް ނިމުމެއް ބޭނުންނުވާ ފަދަގޮތަކަށެވެ. ޒައިދްގެ އިޝްޤުގައި ޖެހިފައިވާކަން ޔާނީއަށް ނޭނގުނުކަމުގައިވިޔަސް އެހިތުން އެދެވެނީ ތާއަބަދު ޒައިދްގެ ކައިރީގައި ވުމަށެވެ. ޔާނީގެ ހިތް އެދޭ ސޫރައަކީ ޒައިދްކަމަށް ވުމުން ބޭނުންވަނީ ދުނިޔޭގެ ހުރިހާ އުފަލެއް ޒައިދަށް ލިބުމަށެެވެ. ޔާނީ އެކޭ އެއްފަދައިން މިރޭ ޒައިދްގެ ހާލުވެސް ހަމަ އެފަދައެވެ. ލެވެންޑާގެ މީރުވަހުން އެއްވަސް ކޮށްފައިވާ ކޮޓަރިތެރެ މިރޭ އަލިކޮށްލާފައިވަނީ އުއްބައްތީގެ އަލިންނެވެ. ޔާނީ އާއި ވާހަކަ ދެއްކޭގޮތްވުމުން ހިތަށް ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުން މިރޭގެ ނިދިވެސް މުޅިންހެންވަނީ ފިލައިގެން ގޮސްފައެވެ. ހިތްބޭނުންވީ އަދިވެސް އެއްފަހަރުު އެއަޑު އަހާލުމަށެވެ.

ހިތުގާޖަހާ ކޮންމެ ވިންދެއްގައި ޔާނީގެ ނަން ފަނާނުވާނެ ގަލަމަކުން ފެވެމުން ދިޔައީ ޒައިދްގެ ހިތަށްވެސް ނުގެނެވޭހާ އަވަހަށެވެ. ގޮތްނޭނގޭ އިހުސާސްތައް ޒައިދްގެ ހިތާއި ސިކުނޑިގެ މައްޗަށް ބާރު ފޯރުވަމުންދާއިރު މިވެވެނީ ލޯބިކަން ޒައިދަށް އިނގޭހެނެއް ހިޔެއް ނުވެއެވެ. އެމައުސޫމު ދެލޯ ފެނިފައި ޒައިދްގެ ހިތް ތެޅެން ފެށީ ނުހަނު އަވަހަށެވެ. ވަމުން މިދާ ގޮތްތައް ދުލުން ބަޔާންކުރެވޭ ވަރަށްވުރެ ބާރުގަދައެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.