ދޮންފަނުން މަދިރި ކޮންޓްރޯލްކުރަން ފޮގް ކުރަން ފަށައިފި

ދޮންފަނަށް ފޮގް ކުރަނީ
ދޮންފަނަށް ފޮގް ކުރަނީ

މި ދުވަސްވަރު ރާއްޖޭގައި ސީރިއަސްކަމާ އެކު ޑެންގީ ހުން ފެތުރެމުން ދާތީ، އެ ބަލި ޖައްސާ މަދިރި ކޮންޓްރޯލްކުރަން ބ. ދޮންފަނަށް މިއަދު ހަވީރު ފޮގްކޮށްފި އެވެ.

ދޮންފަނުގައި ފޮގް ކުރުމުގެ މަސައްކަތް ކުރީ ކިހާދު މޯލްޑިވްސް އާއި ދޮންފަނު ކައުންސިލު ގުޅިގެންނެވެ.

ކިހާދު މޯލްޑިވްސް އިން ބުނި ގޮތުގައި ދޮންފަނަށް ފޮގް ކުރީ މަދިރި ކޮންޓްރޯލް ކުރުމަށް އެރަށު ކައުންސިލުން ރާވާފައިވާ ޕްލޭނާ އެއްގޮތަށް އެ ރިސޯޓްގެ މެނޭޖްމަންޓްގެ ބެލުމުގެ ދަށުންނެވެ.

“މިއަދު ކުރިއަށް މިދިޔަ ހަރަކާތަކީ ދޮންފަނު ކައުންސިލުގެ އިސްނެގުމަކަށް އަޅުގަޑުމެން ކުރިއަށް ގެންދިޔަ ހަރަކާތެއް. އަޅުގަނޑުމެންގެ ސޯސަލް ރެސްޕޮންސިބިލިޓީސް ޕްރޮގްރާމުގެ ތެރެއިން މެނޭޖުމަންޓްގެ ވަރަށްބޮޑު އިސްނެގުމެއްގެ ތެރެއިން ކުރެވުނު ކަމެއް.” ކިހާދު މޯލްޑިވްސް ރިސޯޓްގެ އޮފިޝަލް ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަަނަށް 350 އަށްވުރެ ގިނަ މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާއިރު އެންމެ ގިނައިން ރިޕޯޓުކޮށްފައި އަތޮޅު ތަކުގެ ތެރޭގައި ބ އަތޮޅު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެއެވެ. ޑެންގީ ހުން ކަމަށް ޝައްކު ކުރެވޭ އުމުރުން ހަތް މަހުގެ ކުއްޖަކު ބ. އަތޮޅު ހޮސްޕިޓަލްގައި މިދިޔަ ހޯމަ ދުވަހު ވަނީ މަރުވެފަ އެވެ. ތުޅާދޫ ސިއްހީ މަރުކަޒާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ކުއްޖާ މަރުވީ ޑެންގީ ޖެހިގެންނެވެ. ނަމަވެސް ބ. އަތޮޅު ހޮސްޕިޓަލުން އެކަން ދޮގުކުރެ އެވެ.

ނުރައްކާތެރި ޑެންގީގެ އަލާމާތްތަކަކީ:
• ވަރަށް ގަދައަށް ބަނޑުގައި ރިއްސުން
• މާ ގިނައިން ހޮޑުލެވުން
• ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން
• މާބޮޑަށް ވަރުދެރަވުން

މިފަދަ އަލާމާތެއް ހަށިގަނޑުން ފެނިއްޖެނަމަ އެއީ ނުރައްކާތެރިކަމުގެ އިންޒާރެކެވެ. އެހެންކަމުން ވީހާ ވެސް އަވަހަކަށް ޑޮކްޓަރަަށް ދައްކައި ފަރުވާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރެ އެވެ.

ޑެންގީ ހުން ބޮޑަށް ފެތުރެނީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އެވެ. އެ ޓްރެންޑަށް ބަލާއިރު މި އަހަރަކީ ޑެންގީގެ މައްސަލަ ސީރިއަސްވާނެ އަހަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.