އިސްލާމިކް ޔުނިވަސިޓީގެ ކައުންސިލަށް ފައިސަލް އައްޔަން ކުރައްވައިފި

ޖޭއެސްސީގައި ހުންނަވާ ރައީސްގެ މެމްބަރު ކަމުގެ ލިއުން، ރައީސް ޔާމީން ފައިސަލްއާ ހަވާލުކުރައްވަނީ: އޭނާ ވަނީ އިސްލާމިކް ޔުނިވަސިޓީގެ ކައުންސިލަށް ވެސް އައްޔަންކުރައްވާފައި.-- ހަވީރު ފައިލް ފޮޓޯ
ޖޭއެސްސީގައި ހުންނަވާ ރައީސްގެ މެމްބަރު ކަމުގެ ލިއުން، ރައީސް ޔާމީން ފައިސަލްއާ ހަވާލުކުރައްވަނީ: އޭނާ ވަނީ އިސްލާމިކް ޔުނިވަސިޓީގެ ކައުންސިލަށް ވެސް އައްޔަންކުރައްވާފައި.– ހަވީރު ފައިލް ފޮޓޯ

 

މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގެ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއްޔެ އައްޔަން ކުރެއްވި ފަސް ބޭފުޅުންގެ ތެރޭގައި ބ. ފުޅަދޫ ވީނަސް، އަލްއުސްތާޛް މުޙައްމަދު ފައިސަލް ހިމެނިވަޑައިގެންފި އެވެ.

ފައިސަލް އަކީ ޖޭއެސްސީގައި ހުންނަވާ ރައީސްގެ މެމްބަރު އަދި ޖޭއެސްސީގެ ނައިބު ރައީސް އެވެ.

ރައީސް ޔާމީން އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ ވިޔަފާރި އާއި މާލީ އަދި އިޤުތިޞާދީ ދާއިރާގެ ބޭފުޅެއް ކަމުގައިވާ، މާލޭ ސިޓީ މ. މުޞްތަފާ އާބާދު، މުޙައްމަދު މުޞްތަފާ އިބްރާހީމް އާއި ތަޢުލީމީ ދާއިރާގެ ބޭކަނބަލެއް ކަމުގައިވާ ސ. މީދޫ ފްލާވަރމީޑް، ޝުޙުދާ ރިޒްވާން އާއި ޑޮކްޓަރީ ބޭހުގެ ރޮނގުން ތަޢުލީމު ޙާޞިލް ކުރައްވާފައިވާ، ދަފްތަރު 6530، ޑރ. މުޙައްމަދު ހަނީފްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ ކުރިއަރުވައި ތަރައްޤީ ކުރުމަށް އެހީތެރިވެދެއްވި ފަރާތެއް ކަމުގައިވާ ޅ. ހިންނަވަރު ބޮޑުފެންޑާގެ، ޢަބްދުﷲ ނާޒިމް އިބްރާހިމް ކަމަށް ވަގުތުގައި ރިޕޯޓް ކޮށްފައިވެއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ރައިސް ޔާމީން އިއްޔެ އައްޔަން ކުރައްވާފައިވާ ކަމަށް ހަވީރުން ރިޕޯޓް  ކޮށްފައެވެ. އަދި އެ ޔުނިވަރސިޓީގެ ޗާންސެލަރު ކަމަށް ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން ވަނީ އިއްޔެ ނޫން އެހަށް ދުވަހު ރައިސް ޔާމީން އައްޔަން ކުރައްވާފައިވާ ކަމަށް ވެސް ހަވީރުގައި ރިޕޯޓް ކޮށްފައިވެއެވެ.

މި މަޤާމުތަކަށް މި ބޭފުޅުން ރައީސް ޔާމީން އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުން މި ދެ ޔުނިވަރސިޓީގެ ކައުންސިލްއަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވުމާ ގުޅިގެން ކަމަށް ހަވީރުގައި ރިޕޯޓް ކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.