ރާއްޖޭގެ ދެވަނަ “ދަގަނޑޭ” އަށް ވާނީ ތުޅާދޫގެ އަންކޮ ބާ؟

އަންކޮ ގައުމީ ޓީމާ އެކު ފަރިތަކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
އަންކޮ ގައުމީ ޓީމާ އެކު ފަރިތަކުރަނީ. –ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން

ގައުމީ ފުޓްބޯޅަ ޓީމާ ނިއު ޒީލެންޑުގެ ރިކީ ހާބަޓް ހަވާލުވެ ޒުވާން ގިނަ ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފަ އެވެ. އެގޮތުން އޭނާ އިރުޝާދު ދިން ހޮންކޮންއާ ދެކޮޅަށް އިއްޔެ ހަވީރު ކުޅުނު މެޗަށް ނެގި ސްކޮޑުން ވެސް މުޅިން އާ ތިން ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފަ އެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލާ ގުޅިފައިވާ ހުނަރުވެރި ތިން ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ބ. ތުޅާދޫ އަށް އުފަން އުމުރުން 20 އަހަރުގެ އަންސަރު އިބްރާހިމް (އަންކޮ) ހިމެނެއެވެ.

ބޭނުންވަނީ ޒުވާން ގިނަ ކުޅުންތެރިންނަށް ފެންވަރު ދައްކާލާނެ ފުރުސަތު ދޭން ކަމަށާއި މިހާރު މަސައްކަތް ކުރެވެނީ ދެ ވަނަ އަލީ އަޝްފާގް (ދަގަނޑޭ) އެއް ހޯދަން ކަމަށް ހާބަޓް އިއްޔެ ވަނީ ބުނެފި އެވެ.

 

“ދަގަނޑޭ އަކީ މި ގައުމުގެ އެންމެ މޮޅު ކުޅުންތެރިޔާ. އޭނާ ވަނީ އެކަން ސާބިތުކޮށްދީފައި. ދަގަނޑޭ އަށް އަހަރެން އިހުތިރާމް ކުރަން،” ވޯލްޑް ކަޕް ކޮލިފައިންގައި އިއްޔެ ހޮންގް ކޮންގްއާ ކުޅެ 1-0 އިން ރާއްޖެ ބަލިވި މެޗަށް ފަހު ހާބަޓް ބުނި ކަމަށްވެއެވެ.

“އެކަމަކު ބޭނުމެއް ނުވޭ ފަހަތަށް ދާކަށް. މުހިއްމީ ކުރިއަށް ދިއުން. ދަގަނޑޭ ނެތް ދުވަހަކަށް ވެސް އެބަ ޖެހޭ ތައްޔާރުވާން. ޒުވާން ކުޅުންތެރިންނަށް ހުނަރު ދައްކާލަން ފުރުސަތު މިދެނީ ވެސް އެ ބޭނުމުގައި.”

އޭނާ ބުނީ ދެ ވަނަ ދަގަނޑޭއެއް ހޯދަން އެބަ ޖެހޭ ކަމަށާއި އެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީގެން ކަމަށެވެ.

ހޮންކޮން އަތުން 1-0 އިން އިއްޔެ ގައުމީ ޓީމު ބަލިވި މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ދަގަނޑޭ އާއި މުހައްމަދު އާރިފް (ބަކާ) ވަނީ ބަދަލުކޮށްފަ އެވެ.

ހާބަޓް ބުނީ ބަކާ އާއި ދަގަނޑޭ ނެތް ހާލަތެއްގައި ވެސް ކުޅުންތެރިން ކުޅެން ދަސްކުރަން ޖެހޭ ކަމަށެވެ.

“ދަގަނޑޭ އާއި ބަކާ އަކީ ރާއްޖޭގެ އެންމެ މަޝްހޫރު ދެ ކުޅުންތެރިން. އެކަމަކު އެމީހުން އަނިޔާވެގެން ނޫނީ އެ ނޫން ވެސް ހާލަތެއް މެދުވެރިވެގެން ނުކުޅެވޭ ވަގުތަކަށް ވެސް ތައްޔާރުވާން އެބަ ޖެހޭ. ކުރިއަށް ސާފް ޗެމްޕިއަންޝިޕް ވެސް އެބަ އޮތް. އެގޮތަށް ވިސްނާއިރު އެބަ ޖެހޭ ވާދަވެރި މެޗުތަކުގައި ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެ ތިބެން،” ވޯލްޑް ކަޕަށް ނިއު ޒީލެންޑް ގެންގޮސްދިން ކޯޗު ބުންޏެވެ.

މުސްތަގުބަލަށް ރާއްޖޭގެ ޓީމެއް ބިނާކުރަން ބޮޑު މަސައްކަތެއް ފަށާފައިވާ ކަމަށާއި މިކަމުގައި ދަގަނޑޭ އާއި ބަކާގެ ތަޖުރިބާ އާއި އެހީތެރިކަން ލިބެމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ރާއްޖެ މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ރަށުން ބޭރުގައި ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗުން ރާއްޖެ 4-3 އިން މޮޅުވިއިރު ދަގަނޑޭ ވަނީ ހެޓްރިކެއް ހަަދައިފަ އެވެ.

ގައުމީ ޓީމަށް 2004 އިން ފެށިގެން ކުޅެމުން އަންނަ ދަގަނޑޭ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އޭނާ އަކީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެ އެވެ.

އަންކޮ އެންމެ ފުރަތަމަ ފާހަގަވީ އިންޓަ ސްކޫލް މުބާރާތުގައި އަރަބިއްޔާ ސްކޫލުންނެވެ. ކުޅެން ޖެހުނު ކޮންމެ މަގާމަކަށް ވެސް އޭރު އޭނާ ކުޅުނެވެ. މުޅި އަރަބިއްޔާ ސްކޫލް ޓީމު ހިފެހެއްޓީ އޭނާ އެވެ.

ސްކޫލް ނިންމުމަށް ފަހު ފުރަތަމަ ޑިވިޝަނަށް އޭނާ ތައާރަފްވީ ކްލަބް އީގަލްސް އިންނެވެ. އޭގެ ކުރިން އޭނާ ޔޫތު މުބާރާތުގައި އީގަލްސް ޓީމަށް ކުޅުނެވެ.

އަންކޮ އަކީ ވިންގަށް ކުޅޭ ކުޅުންތެރިއެކެވެ. އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނީ އޭނާ އަކީ ޑިސިޕްލިން، މޮޅު ކުޅުންތެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް ފުރިހަމަވެފައިވާ އުއްމީދީ ކުޅުންތެރިއެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.