ޝާޒިންގާގެ ތައުރީފު ސޮނެވާފުއްޓަށް އޮއްސާލައިފި

ނިކޯލް ޝާޒިންގާ ބ. އަތޮޅު ސޮނެވާ ފުށި ރިސޯޓުގެ ބީޗްގައި ހިތްގައިމު އިރުއޮއްސޭ މަންޒަރު ބަލަނީ.
ނިކޯލް ޝާޒިންގާ ބ. އަތޮޅު ސޮނެވާ ފުށި ރިސޯޓުގެ ބީޗްގައި ހިތްގައިމު އިރުއޮއްސޭ މަންޒަރު ބަލަނީ.

ނޯޓް: މިއީ ހުކުރު ދުވަހު “ހަވީރު”ގައި ޝާއިއު ކޮށްފައިވާ ރިޕޯޓެކެވެ.

އެމެރިކާގެ މަޝްހޫރު އަންހެން މިއުޒިކް ބޭންޑް ޕުސީކެޓް ޑޯލްސްގެ ކުރީގެ ލަވަކިޔުންތެރިޔާ ނިކޯލް ޝާޒިންގާ، ބ. އަތޮޅު ސޮނެވާފުއްޓަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

“އަހަރެން މި ހުރީ ސުވަރުގޭގައި،” “ދިވެހިރާއްޖެ” އަދި “ސޮނެވާފުށި” ހޭޝްޓެގް ބޭނުން ކުރަމުން އޭނާގެ ފޭސްބުކް ސަފުހާގައި ޝާޒިންގާ އާދީއްތަ ދުވަހު ލިޔެފައިވެ އެވެ.

“ބެސްޓް އޮފް ދަ ބެސްޓް” ނުވަތަ “އެންމެ މޮޅުގެ ވެސް މޮޅު” މި ޓެގް ވެސް އޭނާ އިތުރު ކޮށްލާފައިވެ އެވެ.

އޭނާ މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަޔަސް ހުރީ ކޮން ރިޒޯޓެއްގައިކަން އިނގިރޭސި ވިލާތުގެ ނޫސްތަކުން މި ހަފުތާގައި ހާމައެއް ނުކުރެއެވެ.

ޝާޒިންގާ އާއި އޭނާގެ ދެބެއިން ކޭ އާއި ރަހްމަތްތެރިޔާ ކެޓީ އާއެކު ބަޒް އޯލްޑްރިން ސޮނެވާ ފުށިން ހިއްސާ ކުރި ފޮޓޯ.
ޝާޒިންގާ އާއި އޭނާގެ ދެބެއިން ކޭ އާއި ރަހްމަތްތެރިޔާ ކެޓީ އާއެކު ބަޒް އޯލްޑްރިން ސޮނެވާ ފުށިން ހިއްސާ ކުރި ފޮޓޯ.

ޝާޒިންގައި ވަނީ އަންގާރަ ދުވަހު ވެސް “ހެވަން” ނުވަތަ “ސުވަރުގެ” ހޭޝްޓެގްއެއްގެ ގޮތުގައި ބޭނުން ކޮށްފައި ސޮނެވާފުށީގެ ބީޗްގައި އިރުއޮއްސޭ މަންޒަރު ބަލަން އިން ވަރަށް ހިތްގައިމު ދެ ފޮޓޯއެއް ފޭސްބުކަށް ލައިފައެވެ. އަދި އޭނާ ސޮނެވާފުށީގައި މިހާރު ނަގަމުން އަންނަ ފޮޓޯތައް އޭނާގެ ފޭސްބުކްގައި އުޅޭ 8 މިލިއަން އަށްވުރެ ގިނަ ފޭނުންނަށް ވަނީ ވަރަށް ކަމުގޮސްފަ އެވެ. އެ ގޮތުން އެތައް ހާސް ބަޔަކު ވެސް ވަނީ މި ފޮޓޯތަކަށް ކޮމެންޓްކޮށް، އަދި ޝެއާ ވެސް ކޮށްފަ އެވެ.

ޝާޒިންގާގެ އިތުރުން ސޮނެވާފުށީގައި މި ހަފުތާގައި ޗުއްޓީ ހޭދަ ކުރި މަޝްހޫރު މީހުންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ސީރީޒް “ޕައިރެޓްސް އޮފް ދަ ކެރީބިއަން”ގައި ހަރަކާތްތެރިވި ނައޯމީ ހެރިސް އާއި ނީލް އާމްސްޓްރޯންގް އަށް ފަހު ހަނދުގައި ފައި ޖެއްސި ކަމަށް ބުނާ ބަޒް އޯލްޑްރިން އާއި އިނގިރޭސި ވިލާތުގެ ބީބީސީ، އައިޓީވީ އަދި ޗެނަލް 5 ގެ ޕްރެޒެންޓަރު އަދި ލިޔުންތެރިޔާ ބެން ފޮގްލް ހިމެނެއެވެ.

ބެން ފޮގްލް އާ އޯލްޑްރިން ސޮނެވާ ފުށި ބީޗުން ދިމާވެގެން ހިއްސާ ކޮށްފައިވާ ފޮޓޯ.
ބެން ފޮގްލް އާ އޯލްޑްރިން ސޮނެވާ ފުށި ބީޗުން ދިމާވެގެން ހިއްސާ ކޮށްފައިވާ ފޮޓޯ.

އޯލްޑްރިން ވަނީ ހޮނިހިރު ދުވަހު ޝާޒިންގާ އާއި އޭނާގެ ދެބެއިން ކޭ އާއި ރަހްމަތްތެރިޔާ ކެޓީ އާއެކު ސޮނެވާފުށީގައި ނަގާފައިވާ ފޮޓޯއެއް ވެސް ފޭސްބުކްގައި ހިއްސާކޮށްފައެވެ.

“ރާއްޖޭގައި އުފާވެރި ވަގުތެއް ހޭދަ ކުރަނީ،” މި ފޮޓޯ ހިއްސާ ކުރަމުން އޯލްޑްރިންގެ ފޭސްބުކްގައި ލިޔެފައިވެއެވެ.

އަދި ހޯމަ ދުވަހު ވަނީ ބެން އާއެކު ސޮނެވާފުށީގެ ބީޗްގައި ނަގާފައިވާ ފޮޓޯއެއް ވެސް އޯލްޑްރިން ހިއްސާކޮށްފައެވެ. އޯލްޑްރިން މިހާރު ވަނީ އޮސްޓްރޭލިޔާއަށް ގޮސްފައެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.