ސީނިއާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ހިތާދޫގެ ފުރަތަމަ ކުޅުންތެރިޔަކަށް ޗުމްޕު

ފީފާ ވޯލްޑްކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަން ދެވަނަ ބުރުގައި ރޭ ދިވެހި ރާއްޖެ ޗައިނާއާ ވާދަކޮށް ބަލިވި ނަމަވެސް މިއަތޮޅު ހިތާދޫ ރައްޔިތުންގެ ހިތް އުފާކޮށްދިނީ ރޭގެ މެޗުގައި ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި ވެސް މުޅިން އަލަށް އެރަށު ކުޅުންތެރިއަކު ސީނިއާ ގައުމީ ޓީމު ޖޯޒީގައި ކުޅެން އެރުމުންނެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ޔުނައިޓެޑް ވިކްޓްރީއަށް ކުޅޭ 29 އަހަރުގެ ފޯވަޑް އަލީ ހައިސަމް (ޗުމްޕު) ވަނީ ރޭގެ މެޗުގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ.

އުމުރުން އެންމެ 18 އަހަރުގައި ނިއުރޭޑިއަންޓުން ކެރިއަރު ފެށި ޗުމްޕު ވަނީ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގެ ފުރަތަމަ މުބާރާތުގައި ވެސް އޭނާގެ ހުނަރު ދައްކާލައިފައެވެ. މުބާރާތުގެ ފައިނަލުން ބަލިވި ނަމަވެސް ޖޮއިންޓް ޓޮޕް ސްކޯރާގެ މަގާމް ހޯދުމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ވެސް ޗުމްޕު ހިމެނުނެވެ.  

ނިއުއަށް ފަހު ބީޖީ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަދި މާޒިޔާގެ އިތުރުން ގދ. ތިނަދޫ ފުޓުބޯޅަ ޓީމަށް ވެސް ޕްރިމިއަރ ލީގުގައި ކުޅުމަށް ފަހު ޗުމްޕު އަލުން ޔޫވީއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނަށެވެ. ފުޓްސަލްގައި ވެސް ވިދުން ގަދަ ޗުމްޕު ވަނީ ޔޫވީއަށް މިސީޒަނުގެ ލީގުގައި ކުޅުނު 13 މެޗުން ތިން ގޯލު ޖަހާފަ އެވެ.

މީގެ ކުރިން ގައުމީ ޖޯޒީގައި ހިތާދޫއަށް އުފަން ކުޅުންތެރިއަކު ކުޅުނީ 23 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގައެވެ. ޓީސީއަށް ކުޅުނު ޑިފެންޑަރ މުރުތަޟާ އަދުނާން ވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޓީމަށް ކުޅެފަ އެވެ. އަދި އެފަހަރު މުރުތަޟާ ވަނީ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އިންޑިއާ ކޮޅަށް ގޯލެއް ވެސް ކާމިޔާބު ކޮށްފަ އެވެ.  މިދިޔަ ސީޒަނުގައި އޭނާ ދަ ގްރާންޑޭއަށް ސޮއިކުރި ނަމަވެސް ސީޒަނުގެ ފަހުކޮޅުގައި ފެނުނީ ދެވަނަ ޑިވިޝަނުގައި ދިވެހި ސިފައިގެ ކުލަބުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.