ވެސްޓް ވިންގްސްގެ ވެބްސައިޓް ލޯންޗްކޮށްފި

އޭދަފުށި ޓައިމްސްޚަބަރު

ވެސްޓް ވިންގްސް އޭދަފުށީގެ ރަސްމީ ވެބްސައިޓް މިދިޔަ ހުކުރު ދުވަހުގެ ރޭ ލޯންޗްކޮށްފި އެވެ.

ވެސްޓް ވިންގްސް އޭދަފުއްޓަކީ ޒުވާނުންގެ ގްރޫޕެއް އެކުވެގެން 2017 ވަނަ އަހަރު ރަސްމީކޮށް ވުޖޫދުކުރި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ ރަށު ލެވެލް އާއި އަތޮޅު ލެވެލްގައި ހަރަކާތްތައް ހިންގަމުންނެވެ. ޒަމާނީ ސްޓައިލަށް ވެސްޓް ވިންގްސްގެ ވެބްސައިޓް ހަދާފައިވަނީ އިނގިރޭސި ބަހުންނެވެ. މުޅި ވެބްސައިޓް ފަރުމާކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަބްދުލްފައްތާހު (މަފް) އެވެ.

ވެބްސައިޓް ރަސްމީކޮށް ލޯންޗްކުރީ އޭދަފުށީގައި ދާދި އަވަހަށް ހުޅުވަން މަސައްކަތްކުރަމުން އަންނަ ސޮބާސް ކިޗަންގަ އެވެ. މި ރަސްމިއްޔާތުގައި ވެސްޓް ވިންގްސްގެ މެމްބަރުންނާއި ދައުވަތު ދީގެން ހާޟިރުވި ފަރާތްތަކާއި ސޮބާސް ކިޗަންގެ އިސްވެރިން ބައިވެރިވެފައިވެ އެވެ.

ވެސްޓް ވިންސްގެ ޗެއަރޕަރސަން އަދި އޭދަފުށީ ކައުންސިލްގެ މެމްބަރު ޒައިދު އަލީ ވިދާޅުވީ ފެންވަރު ރަނގަޅު ވެބްސައިޓެއް ލޯންޗުކުރުމުގެ ބޭނުމަކީ ވެސްޓް ވިންގްސްގެ ޕަބްލިސިޓީ އިތުރުކުރުމާއި ވެބްސައިޓްގެ އެހީގައި ހިދުމަތް ކޮލިޓީކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

“މިއީ ޖަމިއްޔާގެ ޕަބްލިސިޓީ އިތުރު ކުރުމަށް ކުރެވުނު މުހިއްމު ކަމެއް. އަދި އަޅުގަނޑުމެންގެ އިވެންޓަތް މާކެޓް ކުރުމަކީވެސް މީގަ ހިމެނޭ ކަމެއް. މި ވެބްސައިޓާ އެކު ކޮލިޓީ ހިފަހައްޓައިގެން ހިދުމަތް ފޯރުކޮށްދޭންވެސް ފަސޭހަވާނެ. މި ވެބްސައިޓުން ކްލަބުގެ މައުލޫމާތާއި އިވެންޓްތަކުގެ މައުލުމާތު ބަރާބަރަށް އަޕްޑޭޓްވަމުންދާނެ” ޒައިދު ވިދާޅުވި އެވެ.

ވެސްޓް ވިންގްސް އިން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ބޮޑުއީދުގައި “ކަލަރ ފެސްޓިވަލް” ބޭއްވުމަށެވެ. މިއީ އެ ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން އޭދަފުށީގައި ކަލަރ ފެސްޓިވަލް ބާއްވާ ތިން ވަނަ އަހަރެވެ. ފުރަތަމަ ދެ އަހަރު ބޮޑު ސަޕޯޓެއް ލިބުނުއިރު މިފަހަރުގެ ކަލަރ ފެސްޓިވަލްގައި ތަފާތުތަކެއް ފެންނާނެކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. މިގޮތުން ކަލަރ ފެސްޓިވަލް ފެށުމުގެ ކުރިން އޭދަފުށީގެ ބޮޑު މަގުތަކުގައި ކަލަރ ރަން ކުރިއަށްގެންދަން އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ. ކަލަރ ރަން އާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ ފެސްޓިވަލް ބާއްވަން ނިންމާފައިވަނީ އަންނަ ޖުލައި 10 ވަނަ ދުވަހުގެ ހަވީރު 4 އިން 6 އަށެވެ.

ކަލަރ ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ޖަމިއްޔާގެ ވެބްސައިޓް މެދުވެރިކޮށް ޓީޝާޓަށް އޯޑަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މާލެ ސަރަހައްދާއި އޭދަފުށި އަދި ބ. އަތޮޅުން ލިބޭ އޯޑަރުތައް ޑެލިވަރީ ކޮށްދޭނެކަމަށް ވެސްޓް ވިންގްސް އިން ބުނެ އެވެ. އެހެން އަތޮޅުތަކުން ލިބޭ އޯޑަރުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މާލެ އިންނެވެ.

“އެންމެން އެކީ ދުވެލަން” ނަމުގައި ހަދާފައިވާ ޓީޝާޓް ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ވެސްޓް ވިންގްސް އިން ބުނީ ސްޕޮންސަރުންގެ މައުލޫމާތު ޓީޝާޓްގައި ހިމަނާނެ ކަމަށެވެ. ސްޕޮންސަރ ކުރުމާ ގުޅޭ މައުލޫމާތު 7456989 އަށް ގުޅުމުން ލިބޭނެކަމަށް ވެސްޓް ވިންގްސް ޖަމިއްޔާއިން ބުނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...