ބ. އަތޮޅު ގުރުއާން މުބާރާތުގެ އެއް ވަނަ ތުޅާދޫ އަށް

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ގުރްއާން މުބާރާތުން އެއްވަނަ ކާމިޔާބު ކުރި ތުޅާދޫ ކައުންސިލަށް މިނިސްޓަރު އަހްމަދު ޒާހިރު މިއަދު ޓްރޮފީ ހަވާލުކުރައްވަނީ.—

ބ. އަތޮޅުގެ ނުވަ ރަށަކުން ވާދަކުރި އަތޮޅު ގުރުއާން މުބާރާތުގެ އެއް ވަނަ ތުޅާދޫ ކައުންސިލުން ހޯދައިފި އެވެ.

ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މި މަހުގެ 29-30 އަށް ބޭއްވި ގުރުއާން މުބާރާތުގައި ހަ އުމުރުފުރައަކުން ޖުމްލަ 132 ދަރިވަރުން ވާދަކޮށްފައިވާ އިރު، މުބާރާތުގެ ދެވަނަ ހޯދާފައި ވަނީ ކެންދޫ ކައުންސިލުންނެވެ. ތިންވަނަ ލިބުނީ އޭދަފުށީ ކައުންސިލަށެވެ.

މުބާރާތުން އެއްވަނަ ހޯދި ތުޅާދޫ ޓީމު

މުޅި މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ ކެންދޫ ޠަލަބަތުއްނޫރު ފައުންޑޭޝަންގެ އާއިޝަތު އީނާލު އާއި ތުޅާދޫ ސްކޫލުގެ ދަރިވަރު މުޢާން މުޢުތަސިމް މުހައްމަދު އެވެ. ފޮތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ލިބުނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އަމްނާއު އަހްމަދު ޝަހީދަށެވެ.

ފޮތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދި އަމްނާއު އަހްމަދަށް މިނިސްޓަރު ޓްރޮފީ ހަވާލުކޮށްދެއްވަނީ

އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި މިއަދު ހެނދުނު ބޭއްވި، އަތޮޅު ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ ހޯދި ދަރިވަރުންނަށާއި ކައުންސިލްތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު  އެވެ.

މި މުބާރާތް ކާމިޔާބު ކަމާ އެކީ ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުން ލިބުނު ކަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އަފްރާހް ޝުކުރު އަދާކުރެއްވި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...