
އޭދަފުށްޓަކީ ފުޓްބޯޅައިގެ ރަން ދިގު ތާރީހެއް އޮތް ރަށެކެވެ. 1960 ގެ އަހަރުތަކު މެދަކާ ހިސާބުގައި އޭދަފުށިން ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ފެށުން އެއީ އޭގެ އެއް މިސާލެވެ. ގައުމީ ފުޓްބޯޅަ މުބާރާތުގައި އޭރު ވާދަކުރަމުން އައީ ހަމައެކަނި މާލެއަށް ނިސްބަތްވާ ކްލަބްތަކުންނެވެ. އެކަމަކު އެއީވެސް އެއް އަތުގެ އިގިލިތަކުން ގުނާލެވޭހާ މަދު އަދަދެއްގެ ޓީމުތަކެކެވެ.
ފުޓްބޯޅައިގެ ފޯރި އަތޮޅުތެރޭގައި އަމުދުން ނެތް އެ ދުވަސްވަރު އޭދަފުށިން ގައުމީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވީ ހަމައެކަނި ނަމަކަށް ނޫނެވެ. ފުރަތަމަ މުބާރާތުގައި ކުޅެން ބައްތެލީގައި ޓީމު ރަށުން ފުރައިގެން މާލެ ދިޔައިރުވެސް ކުޅުންތެރިންގެ ހިތުގައި އޮތީ މޮޅުވުމުގެ އަޒުމެވެ. ކަންދިމާކުރި ގޮތުން ފުރަތަމަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެ މުބާރާތުން އޭދަފުށި ޓީމު ކެޓީ އެވެ.
އެ ނާކާމިޔާބީއާ އެކު ފަހަތަށް ޖެހުމުގެ ބަދަލުގައި އޭދަފުށީގެ ޓީމުން ދެން ނެރުނީ މާ ގަދަ ހިތްވަރެކެވެ. އަނެއްކާވެސް ޖެހިގެން އައި އަހަރު އޮތް ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން މާލެ ދިޔަ އެވެ. ފުރަތަމަ މެޗުގައި މިފަހަރުވެސް ކުރިމަތިލާންޖެހުނީ ވަރުގަދަ ހަނގުރާމައަކާ އެވެ. އިދިކޮޅުން ވާދަކުރީ މުބާރާތުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބުކޮށް ތަށި މިލްކުކުރުމުގެ ވަރުގަދަ އަޒުމުގައި ނުކުތް މާލޭ ރާނީ ކްލަބެވެ.

މުޅި ދަނޑު ވަށައިގެން ފުރި ބާރުވެފައި އޮތީ އިދިކޮޅު ސަޕޯޓަރުންނާއިގެންނެވެ. އެކަމަކު ކުޅިބަލަން ތިބި ސަޕޯޓަރުން ލަވަމުން ދިޔަ ހަޅޭކަށް ބެލުމެއް ނެތި އޭދަފުށީގެ ޓީމުން މެޗު ނިންމާލީ 1-0 އިން މޮޅުވެގެންނެވެ. މުބާރާތުގައި ބައިވެރިވީ ޖުމްލަ ހަތަރު ޓީމު ކަމަށްވެފައި މުބާރާތް ކުރިއަށް ދިޔައީ ނޮކައުޓް އުސޫލުން ކަމަށްވުމާއެކު އެ މެޗުން ލިބުނު މޮޅާއެކު އޭދަފުށްޓަށް މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުވި އެވެ. އެކަމަކު ފައިނަލްގައި މާފަންނު އޯކިޑް ކްލަބާ ވާދަކޮށް ނާކާމިޔާބުވީ އެވެ.
އޭރުގެ ހާލަތަށް ބަލާއިރު ކޮންމެ އަހަރަކު މުބާރާތުގައި ބައިވެރިވުންވީ ދަތިކަމަކަށެވެ. އެއާއެކުވެސް ހަތްދިހައިގެ ބައެއް އަހަރުތަކުގައާއި، އަށްޑިހައިގެ ގިނަ އަހަރުތަކުގައި އޭދަފުށިން ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އެވެ. އަދި މާލޭގެ ބައެއް ޓީމުތަކާ ދެކޮޅަށް ކުޅެ ރަގަޅު ނަތީޖާތައްވެސް ހުރީ ނެރެފަ އެވެ. އެގޮތުން އެއް މެޗެއްގައި މާލެއަށް ނިސްބަތްވާ ޓީމެއްގެ ކޮޅަށް އޭދަފުށި ޓީމުން 15 ލަނޑު ޖަހައިފައިވެސް އެބަހުއްޓެވެ.

“އޭރު މާލޭގެ ޓީމުތަކުން ވަރަށް ޖެހިލުންވޭ އޭދަފުށި ޓީމު ދެކެ. ވަރަށް ފޯރީގަ އޭދަފުށި ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ކުޅޭނީ. ވަރަށް ދިމާވެސް ކުރާނެ. އެކަމަކު އޭގެ ސަބަބުން ލިބެނީ އިތުރު ހިތްވަރެއް” ހަތްދިހައިގެ އަހަރުތަކުގެ ފަހުކޮޅާއި އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅު އޭދަފުށީ ޓީމުގެ ގޯލު ބެލެހެއްޓި އޭދަފުށި ހުދުވެލި ޢަބްދުއްރައްޒާގު މުޙައްމަދު އޭރުގެ ހަނދާންތައް އާކުރަމުން ބުނެފައިވެ އެވެ.
ގައުމީ ފުޓްބޯޅަ މުބާރާތުގައި އޭދަފުށިން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ދެވަނަ ޑިވިޝަންގެ ތަށި ހޯދުމެވެ. 1985 ވަނަ އަހަރު އޮތް ގައުމީ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ތަށި އޭދަފުށިން އުފުލާލީ ފައިނަލްގައި ވެލެންސިއާގެ ބީ ޓީމުގެ ގޮތުގައި މަޝްހޫރުވެފައި އޮތް ޔުވެންޓަސްއާ ވާދަކޮށް 0-1 އިން މޮޅުވެގެންނެވެ. މި މެޗުގައި އޭދަފުށިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އޭދަފުށި ބިންހިމަގޭ އަބްދުލްޢަޒީޒް އަހުމަދެވެ. އެފަހަރަގެ ކާމިޔާބީ އޭދަފުށީގެ ރައްޔިތުން ވަރަށް ކުލަގަދަކޮށް ފާހަގަކުރި އެވެ.
“ޓީމު ތަށި ހިފައިގެން ރަށަށް ދިޔައިރު މުޅި ރަށުގެ ހުރިހާ ރައްޔިތުން މަރުހަބާ ކިޔަން ނުކުމެ ތިބި. ކާމިޔާބީގެ އުފާ ފާޅުކުރުމަށް ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވި. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޭރުގެ އެޓޯލްސް މިނިސްޓަރ މަރްހޫމް އަބްދުﷲ ހަމީދު. އަދި، ރައީސުލްޖުމްހޫރިއްޔާ ޓީމަށް ތަހުނިޔާ ވިދާޅުވެ ހާއްސަ ސިޓީފުޅެއްވެސް ފޮނުއްވި” ފުޓްބޯޅައިގައި އޭދަފުށިން ހޯދި އެންމެ ތާރީހީ އެއް ކާމިޔާބީގެ ހަނދާން އާކުރަމުން އޭރު ފުޓްބޯޅަ ޓީމުގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް އުޅުއްވި ބ. އޭދަފުށި މުލައްމާގެ އަބްދުލްއަޒީޒު މޫސާ ވިދާޅުވި އެވެ.

1985 ވަނަ އަހަރު ހޯދި ދެވަނަ ޑިވިޝަންގެ ތަށްޓާއެކު އޭދަފުށި ފުރަތަމަ ޑިވިޝަނަށް ޖެހިގެން އައި އަހަރު ޕްރޮމޯޓްވި އެވެ. މެދު ނުކެނޑި ހަތް އަހަރު އެއްވަނަ ޑިވިޝަންގައި އޭދަފުށިން ވާދަކުރިއިރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ފިޔަވައި އޭރު އެއްވަނަ ޑިވިޝަންގައި ވާދަކުރި ހުރިހާ ކްލަބެއް އޭދަފުށީ ޓީމުން ވަނީ ބަލިކޮށްފަ އެވެ. އެންމެ ގިނައިން އޭދަފުށި އަތުން ބަލިވެފައިވާ އެއް ޓީމަކީ ގައުމީ ފުޓްބޯޅަ މުބާރާތް މިލްކުކޮށްފައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. ވެލެންސިއާ ކޮޅަށް އޭދަފުށިން ފަސް ލަނޑު ޖެހި މެޗަކީވެސް ފާހަގަކޮށްލެވޭ މެޗެކެވެ.
ރާއްޖޭގެ ނިސްބަތުން އޭދަފުށްޓަކީ އިހުގައިވެސް މޮޅު ކުޅުންތެރިން އުފެދުނު ރަށެކެވެ. ބަހިއްޔާ ސާދާ މުސްކުޅި ދަރިވަރުންގެ ނަމުގައި އޭދަފުށިން ގައުމީ ފުޓްބޯޅަ މުބާރާތުގައި އެންމެ ފުރަތަމަ ވާދަކުރަން ފެށިއިރު ޓީމުގެ ކެޕްޓަނެއްގެ ރޯލް އަދާކުރި އޭދަފުށި ބުލްބުލާގެ އަލްމަރްހޫމް އަލީ ވަހީދު (ޢަލީ ވަހީދުބޭ) އަކީ ރާއްޖޭގައި އޭރު ތިބި އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. 1972 ވަނަ އަހަރު އިނގިރޭސި ރާނީ ރާއްޖެ ވަޑައިގެންނެވިއިރު އިނގިރޭސި މަނަވަރުގެ ޓީމާ ދެކޮޅަށް ކުޅުނު ރާއްޖެއިން ހޮވާލެވުނު ޓީމުގައި އަލީ ވަހީދުބޭ ހިމެނުނެވެ. އަދި އެ މެޗުގެ 90 މިނެޓް ފުރިހަމަ ކުރި ކުޅުންތެރިންގެ ތެރޭގައި އަލީ ވަހީދުބޭ ހިމެނުނު ކަމަށްވެ އެވެ.

ކޮންމެއަކަސް އޭދަފުށީގެ ފުޓްބޯޅައަށް މިއަދު އައިސްފައި މިއޮތް ކުރިއެރުމަކީ އެތައް އަހަރުތަކެއް ކުރިން އޭދަފުށީގެ ރައްޔިތުންގެ މެދުގައި ފުޓްބޯޅައަށް އުފެދުނު ޝައުގުވެރިކަމުގެ ނަތީޖާ އެވެ. އަދި ފުޓްބޯޅަ ރަށުގައި ދިރުވައި އާލާކުރަން އޭރުއްސުރެ ކުރަމުން އައި ބުރަ މަސައްކަތްތަކުގެ ނަތީޖާ އެވެ. އެ މަސައްކަތުގައި އެކި ދުވަސްވަރު ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް އޮތީ އިހުލާސްތެރި ޝުކުރެވެ.
އެޑިޓަރުގެ ނޯޓް: މިއީ އޭދަފުށީ ކައުންސިލާއި ޖާނަލްސް އެމްވީ ގުޅިގެން އޭދަފުށީ ކަޕަށް ނެރުނު މަޖައްލާއިން ނަގާފައިވާ އާޓިލަކެވެ.