
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މުހިންމު އެއް ރަށަށް އޭދަފުށި ވީ ފުޓްބޯޅައިގެ ހުނަރު ހުރި ގިނަ ކުޅުންތެރިންތަކެއް ރަށަށް ނިސްބަތްވީތީ އެކަންޏެއް ނޫނެވެ. ގައުމީ ފެންވަރުގައި އޭދަފުށީގެ ފުޓްބޯޅަ ޓީމުތައް ހޯދި ކާމިޔާބީތަކުގެ ސަބަބުން އެކަންޏެއްވެސް ނޫނެވެ. މީގެ ސާޅީހަކަށް އަހަރު ކުރިން ފެށިގެން އޭދަފުށިގައި އެކި ފަރާތްތަކުން އެކި ފެންވަރުގައި ބާއްވަމުން އައި ފުޓްބޯޅަ މުބާރާތްތަކަކީވެސް ދިވެހި ފުޓްބޯޅައިގެ މައި ހަބަކަށް އޭދަފުށި ވުމުގެ ފަހަތުގައި އޮތް މުހިންމު އެއް ސަބަބެވެ.
އެކި މަސްދަރުތަކުން އެއްކުރި މަޢުލޫމާތުން އެނގެން އޮތްގޮތުގައި ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދަން ރާވައިގެން އޭދަފުށިގައި ފުރަތަމަ ފަހަރަށް ފުޓްބޯޅަ މުބާރާތެއް ބޭއްވީ 1981 ވަނަ އަހަރު އެވެ. ވިރާމް ކަޕްގެ ނަމުގައި އެ އަހަރު ބާއްވަން ފެށި އޭދަފުށީގެ ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތް 1987 ވަނަ އަހަރާ ހަމައަށް ކުރިއަށް ދިޔަ އެވެ.
އޭގެ ފަހުން ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު 1992 ވަނަ އަހަރު މަރްހޫމް ޔޫސުފް ކަލޭފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ ނަމުގައި ބޮޑު ފުޓްބޯޅަ މުބާރާތެއް އޭދަފުށްޓަށް އުފަންވި އެވެ. މިއީ އެތައް އަހަރެއް ވަންދެން ކޮންމެ އަހަރެއްގެވެސް ބޮޑު އީދުގައި އޭދަފުށީގައި ބާއްވަމުން އައި ފުޓްބޯޅަ މުބާރާތްތަކުގެ ފެށުމެވެ. އޭދަފުށި ޒުވާނުންގެ ޖަމިއްޔާއިން އިސްނަގައިގެން ބާއްވަމުން އައި މި މުބާރާތް 2001 ވަނަ އަހަރާ ހަމައަށް މެދު ނުކެނޑި ކުރިއަށްގެންދިޔަ އެވެ.

އެހެންނަމަވެސް ޖެހިގެން އައި އަހަރު އޭދަފުށި ޒުވާނުންގެ ޖަމިއްޔާއިން އެ މުބާރާތް ނުބާއްވާ ގޮތަށް ނިންމުމާ ގުޅިގެން ފުޓްބޯޅައަށް ލޯބިކުރާ އޭދަފުށީގެ ބައެއް ޒުވާނުން ފާޅުކުރި ކަންބޮޑުވުންތަކާއެކު 2002 ވަނަ އަހަރުގެ ތެރޭގައި އައި ބޮޑު އީދުގައި މުބާރާތް ބޭއްވީ އޭދަފުށި ފޭލި ޖަމިއްޔާއިންނެވެ. މަރްހޫމް ޔޫސުފް ކަލޭފާނުގެ ހަނދާނުގައި ކުޅޭ ލެކިއުޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ގޮތުގައި ޖެހިގެން އައި އަހަރާއި އަދި 2005 ވަނަ އަހަރު ފޭލި ޖަމިއްޔާއިން އެ މުބާރާތް ކުރިއަށްގެންދިޔަ އެވެ.
އޭގެ ފަހުން 2006 ވަނަ އަހަރުން ފެށިގެން ބޮޑު އީދުގައި ބޭއްވި ފުޓްބޯޅަ މުބާރާތް ކުރިއަށްދިޔައީ އޭދަފުށި ސޮކާ ކަޕްގެ ނަމުގަ އެވެ. އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ބާއްވަން ފެށި މި މުބާރާތަކީ އޭދަފުށީގައި ސިލްސިލާކޮށް އެންމެ ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ މުބާރާތެވެ. މި މުބާރާތް މެދު ނުކެނޑި 14 އަހަރުވަންދެން ކުރިއަށްގެންގޮސްފައިވެ އެވެ. އޭދަފުށި ކައުންސިލް އިދާރާގެ ފަރާތުން މިހާރު ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް ބާއްވަން ފެށީ އޭގެ ފަހުންނެވެ.

ކޮންމެއަކަސް އޭދަފުށީގައި ބާއްވަމުން އައި ފުޓްބޯޅަ މުބާރާތްތަށްވީ ފުޓްބޯޅައަށް ލޯބިކުރާ ރަށުގެ އެތައް ކުޅުންތެރިންނެއްގެ ހިތުގައި ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން އިތުރުކޮށްދިން ކަމަކަށެވެ. އޭދަފުށީގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަދި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ ހަމްޒާ މުހައްމަދު (ހަމްޕު) ބުނެފައިވަނީ ބޮޑު އީދުގައި އޭދަފުށީގައި ބާއްވަމުން އައި ފުޓްބޯޅަ މުބާރާތަކީ ކުޑައިރުއްސުރެ ވަރަށް ޝައުގުވެރިކަމާއެކު ބެލި މުބާރާތެއް ކަމަށާއި، އޭރުއްސުރެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބޭނެ ދުވަހަކަށް އައީ އިންތިޒާރުކުރަމުން ކަމަށެވެ.
“ބޮޑު އީދު މުބާރާތް އޮންނައިރު ވަރަށް ކުޑައިރުވެސް މެޗްތައް ބަލަން ދަނޑަށް ދަން. ވަކިން ހާއްސަކޮށް އަވަށު ޓީމު ކުޅޭ މެޗުތައް ބަލަން ގަވާއިދުން ދަން. އޭރުވެސް ހިތުގައި އޮވޭ ކޮންމެވެސް ދުވަހަކުން އަވަށު ޓީމަށް ކުޅެން ފުރުސަތު ލިބޭނެއޭ” އުމުރުން 15 އަހަރުގައި ބޮޑު އީދު މުބާރާތުގައި ފުރަތަމަ ފަހަރަށް ކުޅުނު ހަމްޕު ބުންޏެވެ.

އޭދަފުށީގައި ކުރިން ބޮޑު އީދުގައި ބާއްވަމުން އައި ފުޓްބޯޅަ މުބާރާތްވީ ފުޓްބޯޅައިގައި ކުރިއަށްދާން ބޭނުންވެފައިތިބި ރަށުގެ ވަރަށް ގިނަ ކުޅުންތެރިންނަށް ހުޅުވިފައި އޮތް ފަހި ފުރުސަތެކަށެވެ. ފުރަތަމަ ޑިވިޝަންގައި ކުޅެމުންއައި ރާއްޖޭގެ މަޝްހޫރު ވަރަށް ގިނަ ކުޅުންތެރިންނާއި، ކޯޗުން މި މުބާރާތުގައި އެކި ޓީމުތަކަށް އައުމުގެ ނަތީޖާއަކަށްވީ އެ ކުޅުންތެރިންނާއި ކޯޗުންގެ ފަރާތުން ފުޓްބޯޅައިގެ އެތައް ފިލާވަޅެއް އޭދަފުށީގެ ކުޅުންތެރިންނަށް ދަސްވުމެވެ. އަދި، މުބާރާތުގައި ކުޅޭ އޭދަފުށީގެ ކުޅުންތެރިންގެ ހުނަރު މާލެއިން އަންނަ ކޯޗުންނާ ސީނިއާ ކުޅުންތެރިންގެ ލޮލުގައި އަޅައިގަނެ ރަށުގެ ކުޅުންތެރިންނަށް ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން އޮފާތައް ލިބުމެވެ.

“އޭދަފުށީގަ ބޮޑު އީދުގަ އޭރު ބާއްވަމުން އައި މުބާރާތަކީ ވަރަށް ރަނގަޅު މުބާރާތެއް. ވަރަށް ގިނަ އޭދަފުށީގެ ކުޅުންތެރިންނަށް ހުންނާނެ އެ މުބާރާތުގެ ތެރެއިން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ކުޅެން ފުރުސަތު ލިބިފަވެސް. ސީދާ އަޅުގަނޑުވެސް ހުންނާނެ އެ މުބާރާތުން ފާހަގަވެގެން އޭދަފުށީގެ ބައެއް ކުޅުންތެރިން ގެނެސްފަވެސް” ބޮޑު އީދު މުބާރާތަގައި އޭދަފުށީގެ ޓީމަކަށް އެކި ފަހަރު މަތިން އިރުޝާދުދިން އަދި ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވި މުޙައްމަދު ޝިޔާޒް (މޯހަން) މުބާރާތުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ބުނެފައިވެ އެވެ.

ބޮޑު އީދުގައި ބާއްވަމުން އައި މުބާރާތްތަކުގެ އިތުރުން މުޅި އަތޮޅަށް ހުޅުވާލައިގެން 2012 ވަނަ އަހަރު ކުރިއަށްގެންދަން ފެށި ބ. އެޓޯލް ފުޓްބޯލް ޗެލެންޖަކީ ވެސް އޭދަފުށީގައި މިހާތަނަށް ބޭއްވި ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުބާރާތެކެވެ. ރާއްޖެއަށް ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރަން މެޑަލް ހޯދައިދިން ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު ޖަމީލު (ޖަމްބޭ) އިސްކޮށް ހުރެ ބޭއްވި އެ މުބާރާތް 2016 ވަނަ އަހަރާ ހަމައަށް ކުރިއަށްދިޔަ އެވެ.
“ފެންވަރު ރަގަޅު މުބާރާތްތައް ރަށުގައި ބޭއްވުމަކީ ރަށުގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. ކުރިއާ އަޅާބަލާއިރު މިހާރު އެކަން ކުރަން މާ ފަސޭހަވެސް ވާނެ. ފެންވަރު ރަގަޅު ސްޓޭޑިއަމެއް އެއޮތީ. ކުރީގަހެން ދަނޑު ތައްޔާރުކުރަން އުޅޭކަން މިހާރު ނުޖެހޭ” ގައުމީ ޓީމަށް 10 އަހަރަށްވުރެ ގިނަ ދުވަހު ކުޅެފައިވާ ޖަމްބޭ ބުންޏެވެ.
ރަށުގައި ބާއްވާ ފުޓްބޯޅަ މުބާރާތްތައް ފުޓްބޯޅައަށް ޝައުގު ހުންނަ ގިނަ ބަޔަކަށް ބައިވެރިވެވޭނެ ފަދަ ދުވަސްވަރެއްގައި ބޭއްވުމަކީވެސް މުހިންމު ކަމެކެވެ. މުބާރާތުގެ ފޯރި އިތުރު ކުރުމަށާއި، ރަށުން ބޭރުގައި ދިރިއުޅޭ ފުޓްބޯޅައިގެ ހުނަރުހުރި ގިނަ ކުޅުންތެރިންނަށްވެސް ބައިވެރިވާން ފުރުސަތު ފަހިވާ ގޮތަށް މުބާރާތްތައް އިންތިޒާމުކުރުމަކީވެސް ބޭނުންތެރި ކަމެކެވެ.

“ކުރިން ބޮޑު އީދުގައި މުބާރާތް އޮންނައިރު ބައިވެރިވާ ޓީމުތައްވެސް ގިނަ. އަނެއް ކޮޅުން ގިނަ ކުޅުންތެރިންނަށް މުބާރާތް ކުޅެން ރަށަށް އަންނަން ފަސޭހަ. ފުރަތަމަ ޑިވިޝަންގައި ކުޅޭ ރަށުން ބޭރު ކުޅުންތެރިންނަށްވެސް އަންނަން ފަސޭހަ ދުވަސްވަރެއް އެއީ. އެހެންވީމަ، މުބާރާތްތައް ބާއްވާއިރު ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ބަލައިގެން މުބާރާތް ބާއްވާ ދުވަސްވަރު ކަނޑައެޅުމަކީ މުހިންމު ކަމެއް” އޭދަފުށީގައި އެންމެ ގިނަ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތްކަމަށްވާ މުހައްމަދު ޒާހިދު {ބައްޓޭ) ބުނެފައިވެ އެވެ.
މި އާޓިކަލްގައި ހިމަނާފައިވާ މުބާރާތްތަކުގެ އިތުރުންވެސް އޭދަފުށީގައި އެކި ދުވަސްވަރު އެކި ޖަމިއްޔާތަކުންނާއި، ވަކިވަކި އަމިއްލަ ފަރާތްތަކުން އިސް ނަގައިގެން މުބާރާތްތައް ބާއްވާފައި އެބަހުއްޓެވެ. އެއިން ކޮންމެ މުބާރާތަކީވެސް އޭދަފުށީގެ ފުޓްބޯޅަ އެއް ފެންވަރެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދިން މުބާރާތެކެވެ.
“އަޅުގަނޑު ހަނދާން ހުރޭ އެއް ދުވަސްވަރެއްގައި ގައުމީ ފުޓްބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި އޭދަފުށްޓަށް ނިސްބަތްވާ ބާވީހަކަށް ކުޅުންތެރިން ތިބިކަން. އެއީ އަޅުގަނޑު ދަންނަވާނީ ފެންވަރު ރަގަޅު ފޯރިގަދަ މުބާރާތްތައް އޭދަފުށީގަ ކުރިއަށް ގެންދިޔައީމަ ލިބުނު ނަތީޖާއެކޭ” ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް އިރުޝާދުދީފައިވާ ތަޖުރިބާ ކާރރު ކޯޗު މޯހަން ބުނެފައިވެ އެވެ.
އެޑިޓަރުގެ ނޯޓް: މިއީ އޭދަފުށީ ކައުންސިލާއި ޖާނަލްސް އެމްވީ ގުޅިގެން އޭދަފުށީ ކަޕަށް ނެރުނު މަޖައްލާއިން ނަގާފައިވާ އާޓިލަކެވެ.