މަގޭ ދަރަވަންދޫ އޭ ބުނެފިނަމަ އެރަށް ނޭގޭ މީހަކު ރާއްޖޭގައި މިއަދު މަދުވާނެއެވެ. އެއީ ގަދީމީ ޅެންވެރިންގެ ފަސްގަނޑެވެ. ބާ އަތޮޅުގެ މޫނު ބަލާ ލޯގަނޑެވެ.
ދަރަވަންދޫ އަކީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން އެންމެ ބޮޑު ފަސް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި މިރަށަކީ ބ. އަތޮޅުގައި އެންމެ ފުރަތަމަ އަތޮޅުވެރިކަން ކުރި ރަށެވެ. ދަރަވަންދޫއިން އަތޮޅުވެރިކަން ބަދަލު ކުރީ 4 ޖޫން 1962 ވަނަ އަހަރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި އޭދަފުއްޓަށެވެ. އާބާދީގައި 1200 އަށްވުރެ ގިނަ މީހުން ދިރިއުޅޭ މިރަށް އޮންނަނީ އަތޮޅުގެ މެދުތެރޭގައި އިރުން ހުޅަގަށް ހަނި ދިގުކޮށް އޮންނަ ރަށެއްގެ ގޮތުގައެވެ. ދަރަވަންދޫއަށް ލަފާފުރުމަށް ބޭނުން ކުރާ ބަދަރު އޮންނަނީ ރަށުގެ އިރު އުތުރު ކަނާއި ދިމާލުގައެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ވަރަށް ރީތި ރަށެކެވެ. ދަރަވަންދޫއަކީ މަލަމަތި އެއްވަރު ރަށުގެ މެދުން ބޮޑު ނިކަގަހެއް ހުންނަ ރަށެކެވެ. އަދި މިރަށަކީ ރައްގިރުމުގެ މައްސަލަ ދިމާވެފައި އޮންނަ ރަށެކެވެ.
ދަރަވަންދޫގެ އެންމެ ބޮޑުމަގަކީ ދިގުމަގެވެ. އަދި އެމަގަށް ”ބޮޑުމަގު” އޭވެސް އެރަށުގެ މީހުން ކިޔައެވެ. ދަރަވަންދޫގެ މަގުތަކަކީ ޕްލޭން ކުރެވިގެން ހެދިފައިވާ މަގުތަކެކެވެ. 1950ގެ ތެރޭގައި މަލިން ދޮހުއްތުގެ އަތޮޅުވެރިކަމުގައި ދަރަވަންދޫގެ މަގުތައް ކޮށާ މަގުތަކަށް އަރާ ގެތައް ބަދަލުކޮށް މަގުތައް ސީދާކުރިއެވެ. ދަރަވަންދޫގައި އޮންނަ މަގުތަކުގެ ތެރެއިން ކުރިން ފެށިގެން މަޝްހޫރު މަގުތަކަކީ މަލަންމަގު، ބަނޑަހަމާމަގު، ހުވަދުމާމަގު، ދޭލިޔާމަގު، ކޯރުކެނޑިމަގު، ވަށާހިގާމަގު (ވަލުތެރޭގެ މަގެއް)އެވެ. އަދި ފަހުގެ މަގުތަކުގެ ތެރެއިން އާބާދުމަގު، އަމީނީމަގު ހިމެނެއެވެ.
ދަރަވަންދޫގައި އޮންނަ އާސާރީ ތަނެއް ކަމުގައި ތަރާގަނޑެއްގެ ވާހަކައަކީ އެރަށުގެ މީހުންދައްކާ ވާހަކައެކެވެ. އެތަނަކީ ގާފުންޏެއް ހުރިތަނެކެވެ. ފަހުން އެތަނުގައި އެރަށުގެ މީހުން ހަދާފައިވަނީ އިންޖީނުގެއެވެ. އެރަށުގައި ހުންނަ ބިބީ ޒިޔާރަތަކީ އެރަށުގެ މީހުންނަށް ވެސް އޭގެ ހަޤީގަތް ނޭގޭ ޒިޔާރަތެކެވެ. އެތަނަކީ ނާމާން ތަނެއްގެ ގޮތުގައި ކުރިން އެރަށުގެ މީހުން ކިޔާއުޅެއެވެ. ދަރަވަންދޫގައި އޮންނަ ބޯފޮޅިކޭ އައިނުގަނޑަކީ އެރަށުގެ މީހުން ފުރޭތަ އަރާތަނެއްކަމުގައި ބަލައިގެން ކުރީ ޒަމާނުން ސުރެ އުޅުނު ތަނެކެވެ. އެއް ފަހަރަކު ދަރަވަންދޫއަށް ފުރޭތަ އަރައިގެން އެރަށުގެ މުދިން ކަލޭފާނު (މަސްހޫރުނަމުންނަމަ މާމުދިން އަލިފުޅު) އެފުރޭތަޔާއި ދިމާކޮށް ކިވެލި ކިޔަވާ އަދި މަސްދަތް ފިޔޮހިޖަހާ ފުރޭތަ މައިތިރި ކުރި ވާހަކައެއް އެރަށުގެ މުސްކުޅިވެރިން ކިޔާއުޅެއެވެ. މާމުދިން އަލިފުޅަކީ މުޅިރާއްޖެއަށް މަޝްހޫރު ޅެންވެރިއެއްކަމަށްވާ ދަރަވަންދޫ ޔޫސުފް އަލިފުޅުގެ ބައްޕަކަމުގައި ބުނެއުޅެއެވެ.
ދަރަވަންދޫ އަކީ ފެންމީރު އަދި ފެންތިލަ ރަށެކެވެ. ކޮންމެވެސް ވަރަކަށް ދަނޑު ގޮވާން ކޮށްލެވޭ ވަރަށް ބިންގަނޑު ރަނގަޅު ކަމުގައި ފާހަގަ ކުރެވެއެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ދަރަވަންދޫގައެވެ. ދަރަވަންދޫގައި އެގްރިކަލްޗަރ މިނިސްޓްރީން ނާސަރީއެއް އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ހިންގިއެވެ. އަދި ކާށި މުޑުވައް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ރާއްޖޭގައި ފުރަތަމަފަހަރަށް މެލޭޝިޔާކާށިގެ މުޑުވައް އާލާކުރި ރަށަކީ ދަރަވަންދޫއެވެ.
ދަރަވަންދޫއަކީ ބ. އަތޮޅުގައި ތަރައްޤީޤެ ގޮތުން ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކޮށްލެވެއެވެ. މިރަށުގައި ރަސްމީ ތައުލީމު ދިނުމުގެ ނިޒާމެއް ފެށުނީ 1979 ވަނަ އަހަރު ދަރަވަންދޫގައި އިފްތިތާހުކުރެވުނު ދަރަވަންދޫ ޕްރައިމަރީ ސުކޫލެވެ. އެސުކޫލް ބ. އަތޮޅު ޕްރައިމަރީ ސުކޫލްގެ ނަމަށް ބަދަލުވެ އަދި 80ގެ ކުރީކޮޅު ޖަޕާނު ސަރުކާރުގެ އެހީގައި މިރަށުގައި ސްކޫލެއް ވަނީ އަޅާދީފައެވެ. މިސްކޫލް އެޅުމަށްފަހު އެތަން ބ. އަތޮޅު މަދުރަސާގެ ނަމަށް ބަދަލުވިއެވެ. މި ސްކޫލްގައި 2000 ވަނަ އަހަރުން ފެށިގެން އޯލެވެލް އާއި ހަމަ އަށް ކިޔަވައިދެމުން ދެއެވެ. އަދި މިރަށުގައި ސިއްހީ ޚިދުމަތްދޭ ތަނެއް ހެލްތް ޕޯސްޓެއްގެ ނަމުގައި ހަދާ ޚިދުމަތް ދޭން ފަށާފައިވަނީ 2000 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު މިތަން ބ. ދަރަވަންދޫ ސިއްޚީމަރުކަޒު ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ. މިރަށުގައި ރަށު އޮފީހާއި ރަށު ކޯޓް ހަދާފައި ހުންނަނީ ކުރިން އަތޮޅުވެރިކަން ކުރި އިރު އަތޮޅުގޭގެ ގޮތުގައި ބޭނުންކުރި އަތޮޅުގޭގެ އިމާރާތުގައެވެ. އަދި މިރަށުގައި ސުނާމީގެ ފަހުން ފެންޕްލާންޓެއް ބަހައްޓާފައި ހުރެއެވެ. ނަމަވެސް އެތަނުން އަދި ފެން އުފެއްދުމުގެ މަސައްކަތް ފެށިފައެއް ނުވެއެވެ.
ދަރަވަންދޫގެ އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ ދަނޑުވެރިކަމާއި، ވަޑާން ކުރުމާއި، މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ. ނަމަވެސް މިހާރު މި ރަށަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ފަންގިވިނުމަކީ ރަށުގެ ގިނަ އަންހެނުން ކުރާ މަސައްކަތެވެ. މިރަށުގައި މިހާރު މަހައްދާ ދޯންޏެއް ވަރަށް މަދެވެއެވެ. އޭގެ ބަދަލުގައި މި ރަށުގައި މިހާރު ގިނައ ލޯންޗު ފަހަރެވެ. ރަށުގެ ގިނަޒުވާނުން ކުރާ މަސައްކަތަކީ ޓްވަރިޒަމް އާއި ގެސްޓް ވިޔަފާރީގެ މަސައްކަތެވެ. އަދި މިރަށުގައި ގިނަ އަދަދެއްގެ ޓްވަރިސްޓް ޝޮޕްތައް ހުރިކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން ދަރަވަންދޫގެ ތަރައްޤީޤެ މަޝްރަހައް ބަލާއިރު މިރަށުގައި ސަރަހައްދީ ވައިގެ ބަނދަރެއް ހުރެއެވެ. އަދި މިރަށުގައި ނ،ރ،ބ.ޅ މި ސަރަހައްދުގައި އެންމެ ފުރަތަމަ ހުޅުވުނު ފިއުލް ސަޕްލައި ވެސް ހުންނަނީ މިރަށުގައެވެ.
ދިވެހި ސަޤާފަތަށް ބަލާއިރު މިރަށަކީ ދިވެހިންގެ ޒަމާންވީ ކުޅިވަރުތައް ދިރުވާ އާލާކުރުމަށް މަސައްކަތް ކުރަމުންދާ ރަށެއްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ. ޚާއްސަކޮށް ބޮޑު އީދު ތެރޭގައި މި ކުޅިވަރުތައް އެރަށުން ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބޮޑު މާލި ނެށުމާއި، ދަފި ނެގުމާއި، ބޮޑު މަހުގެ ކުޅިވަރުގެ އިތުރުން ބޮޑުބެރާއި ބަޑިޔާ ކުރު ފަލި ޖެހުން ފަދަ ތަފާތު ކުޅި ވަރުތައް ހިމެނެއެވެ. އެހެން ނަމަވެސް މިރަށުން އެންމެ އާދަޔާ ޚިލާފް ކުޅިވަރެއްގެ ގޮތުގައި ބޮޑު މަހުގެ ކުޅިވަރު ފެނިގެން ގޮސްފައިވެއެވެ. އަދި އިހުގެ މިޝަޤާފަތްތައް ދިރުވާ އާލާކުރުމަށް ދަރަވަންދޫގެ އެންމެހާ ރައްޔިތުން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.
ކޮންމެއަކަސް، ދަރަވަންދޫގެ ތާރީޚީ ވާހަކަ ދައްކަމުންދާއިރު ، ތަރައްޤީއަށް އަންނަމުންދާ ބަދަލާއެކު މިރަށުގައި 2012 ވަނަ އަހަރު ވަނީ ވައިގެ މަގުން ދަތުރު ފަތުރު ކުރެވޭނެގޮތް ހަދާފައެވެ. މި އެއަރޕޯޓްގެ ސަބަބުން ބ.އަތޮޅު އިހުނަށްވުރެ ތަރައްޤީވެ ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެން ގޮސްފައިވެއެވެ. ދަރަވަންދޫގައިވެސް މިހާރު 14 ގެސްޓްހައުސް ހުރެވެ. މި ބޮޑު ބަދަލާއެކު ބ.އަތޮޅުގެ ތަރައްޤީއަށް މިވަނީ އިތުރު ކުރިއެރުންތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ވިޒިޓް ދަރަވަންދޫ 2025 ގެ ނަމުގައި މިހާރު ވަނީ ރަށް ޕްރޮމޯޓްކުރުމަށް ކެންޕޭނެއް ފަށަފައެވެ.
ނޯޓް: މިއީ ދަރަވަންދޫ އަހްމަދު ނާފިއު މި ނޫހަށް ހަދިޔާކޮށްދީފައިވާ ލިޔުމެކެވެ. މާސްޓަރ އޮފް އާރޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން އާއި، ދިވެހި ލެންގުއޭޖުން ބެޗްލަރ އަދި ޑިޕްލޮމާ ހާސިލުކޮށްފައިވާ ނާފިއުގެ ލިޔުންތަކަކީ ކިޔުންތެރިންގެ ޝައުގުވެރިކަން ލިބިފައިވާ ލިޔުންތަކެކެވެ. 2013 ގައި ދިވެހި ސިފައިންގެ ޝަރަފުގެ އައްޑަނަ އަދި 2016 ގައި ބ. އަތޮޅުން ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ރަންނާ އެވޯޑް ލިބިފައިވާ ނާފިއަކީ އަރަމުން އަންނަ ލިޔުންތެރިއެކެވެ.