ދަރަވަންދޫ – ބޮޑުބެރަށް ފަރިތަ އާއިލާތަކެއް ދިރިއުޅެމުން އަންނަ ރަށެއް

ދަރަވަންދޫ އިހުގެ ބެރު ގްރޫޕް

ދަރަވަންދޫގެ ތާރީޚަށް ބަލާއިރު، މި ރަށަކީ ޒަމާނުއްސުރެން ފެށިގެން ބޮޑުބެރު ޖެހުމަށް ފަރިތަ އާއިލާތަކެއް ދިރިއުޅެމުން އަންނަ އެއްބައިވަންތަ ސަޤާފީ ރަށެކެވެ. އެގޮތުން ރަށުގެ ހާއްޞަ ހަފްލާތަކާއި އީދު ކުޅިވަރުތަކުގައި ވެސް ބޮޑުބެރަކީ އެންމެ ހާއްޞަ އެއް ކުޅިވަރެވެ. ލަނގެރި ޖެހުމާއި، ކުރުފަލި ޖެހުމާއި ބޮޑުމާލި ނެށާއި އަސްރަފްތާ އަދި ދަނޑި ޖެހުމުގައި ވެސް މި މިރަށުގެ ބެރުވެރިން ހަރަކާތްތެރިވަމުން ގޮސްފައިވެއެވެ. މީގެއިތުރުން ބެރު ފަރުމާކުރުމަކީ ވެސް މިރަށުގައި ބެރުވެރިން ކުރަމުން އަންނަ މަސައްކަތެވެ. އަދި މިހާރު ވެސް ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން މި ފަސްގަނޑަކީ މޮޅެތި ބެރުވެރިން އުފަން ފަސްގަނޑެވެ. މިރަށުގައި ފާހަގަކޮށްލެވޭ ބެރުވެރިންގެ ތެރޭގައި އަލްމަރުހޫމް ކުޑަމަންޖެ ދާއުދު، އަލްމަރުހޫމް ދޮންއަލިބެ (ބޮޑާ ދޮންއަލީ)، އަލްމަރުހޫމް ހަސަން ބޮޑޭ ހިމެނެއެވެ. އަދި ނެށުންތެރިންގެ ތެރޭގައި ހޯލި ލަވަޔަށާއި މުޖުރާ ނެށުމަށް އަލްމަރުހޫމް ދޮންއަލީ އަހަންމަދު ( އަހުމަދުބެ) އަލްމަރުހޫމް އެކޮޅު އަލީ ކުޑަ ހަސަން  ފާހަގަކޮށްލެވޭއިރު، މިއީ ބޮޑުބެރުގެ ބުންބެރު ކުޅިވަރުގެ ފަންނާނުންނެވެ.

 މިރަށުގައި ބެރުޖެހުމަކީ ތޮބައީ ކަމަކޭ ވެސް ބުނެވިދާނެއެވެ. 1990 ގެ އަހަރުތަކުގައި އެންމެ ތުއްތު އިރުއްސުރެން ފެށިގެން ކޮންމެ ކުއްޖަކީ ވެސް ބެރުޖަހަން ދަންނަ ކުއްޖެކޭ ވެސް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިހާރުވެސް މިރަށުގައި ކަން އޮތީ މިހެންނެވެ. ބެރުޖަހަން ނުދަންނަ ކުއްޖަކު މަދެވެ. ޒުވާން އަންހެން ބެރުވެރިންނާއި ފިރިހެން ބެރުވެރިން ނުހަނު ގިނައެވެ. ހަމައެހެންމެ ފިރިހެން ބެރުވެރިންނެކޭ އެއް ހަމައެއްގައި ބެރުޖަހާ އަންހެނުން ވެސް މިރަށުގައި ވަކި މަދެއް ނޫނެވެ. އޭގެ މިސާލަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުރަމާލޭގައި ހަފްތާ ނިންމުގެ ޝޯވ އެއްގައި އަންހެން ބެރުވެރިންގެ ޓީމެއް މާލެ އައިސް ބޮޑުބެރު ޝޯވ އެއް ހުށަހަޅައިދީފައިވުމެވެ.

ދަރަވަންދޫގެ ބެރުވެރިންގެ ވާހަކަ ދައްކާއިރު، މިހާރުވެސް މި ރަށުގައި މަޝްހޫރު ބޮޑުބެރު ގުރޫޕެއް އޮވެއެވެ. އެއީ ޗަނބޭލީ ބޮޑުބެރު ގްރޫޕެވެ. މި ގްރޫޕުން ގެންދަނީ ގެސްޓްހައުސްތަކާއި، ރިސޯޓްތަކާއި އެކިއެކި އިވެންޓްތަކުގައި ބޮޑުބެރު ޝޯވތައް ދެމުންނެވެ.

މިރަށުގައި މިހާރު ދުނިޔޭގައި ތިބި އެންމެ ދުވަސްވީ ބެރުވެރިންގެ ތެރޭގައި ބޮޑުބެރު އާއިލާއަކަށް އުފަން ގަނީބެ އާއި، ނިޒާރުބެ ހިމެނޭކަމީ ދެބަސްވެވޭނެކަމެއް ނޫނެވެ. އަދި ދުވަސްވީ އަންހެން ބެރުވެރިންގެ ތެރޭގައި ޠަމީނާ، އައިމިނަތު ރަޝީދާ ފަދަ މޮޅެތި ބެރުވެރިން ފާހަގަކޮށްލެވެއެވެ.

ބ. ދަރަވަންދޫގެ ބޮޑުބެރު ޖެހުމުގެ ވާހަކަ ދައްކާއިރު، ދިވެހި ތާރީޚްގައި މި ކުޅިވަރު ރާއްޖެއަށް ތަޢާރަފްވި ގޮތާއި މި ކުޅިވަރު އިހުގައި ކުޅެމުން އައި ގޮތަށް ބަލާލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މި ކުޅިވަރު ރާއްޖެއަށް ތަޢާރަފްވެފައިވަނީ މީލާދީން 18 ވަނަ ޤަރުނުގެ ކުރީކޮޅު މެދުތެރޭ އެފުރިކާގެ ސޯމާލިޔާ ހިސާބުން ކަމަށް އަޙްމަދު ޝަފީޤް ( 1998) ވިދާޅުވެފައިވެއެވެ. ނަމަވެސް މިއީ ވަރަށް އިހުއްސުރެ ދިވެހިން ކުޅެމުން އަންނަ ކުޅިވަރެއް ކަމަށާއި، އަދި މިއީ 19 ވަނަ ޤަރުނުގެ ކުރީކޮޅު އެފްރިކާއިން ރާއްޖެއަށް އައި އަޅުންގެ ގޮތުގައި ގެނެވުނު މީހުން ތައާރަފްކުރި ކުޅިވަރެއްކަމަށް ހަބީބާ (2000) ހާމަކުރައްވާފައިވެއެވެ. އެހެންނަމަވެސް މޫސާ އަލީ (1994) ގައި ހާމަކުރައްވާފައިވަނީ މިއީ މީލާދީން 11 ނުވަތަ 12 ވަނަ ގަރުނުގައި އެފްރިކާއިން ރާއްޖެ ގެނައި އަޅު ބަބުރުން ރާއްޖެއަށް ތަޢާރަފްކޮށްދިން ކުޅިވަރެއް ކަމަށެވެ. ތިން ބޭފުޅުންގެ ހިޔާ ތަފާތު ވި ނަމަވެސް، މިހާރު މިކުޅިވަރަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.އެގޮތުން މިއީ ދިވެހި ފިރިހެނުންނަށް ހާއްޞާ އިސްޓޭޖު ގުރޫޕު ކުޅިވަރަކަށް ވިޔަސް، މިހާރު ބެރުވެރިންގެ ގޮތުގައި އަންހެނުން ވެސް ހަރަކާތްތެރިވެއެވެ. މިއީ ހުރިހާ އުމުރަކަށް ހާއްޞަ ކުޅިވަރަކަށް ވެފައި، މި ކުޅިވަރުގެ އެންމެ ހާއްޞަ ވައްތަރަކީ ”ބަބުރުލަވަ” އެވެ. މި ބޮޑުބެރުގެ ހާއްޞަ ކަމަކީ ކިޔާ ލަވަޔާއެކު އޭގެ ހަމަޔަށް ނަށާ މީހުން ނަށާތީއެވެ.

ބޮޑުބެރު ފެށެނީ ”ފަސްދަނޑިވަޅު ލަވަ” މި ނަމުގައި ބޭނުންކުރާ ލަސް ލަވަޔަކުންނެވެ. އެއަށްފަހު މެދުލަވަ އަދި އަވަސް ލަވަ ގެންގޮސް ލަވަ ބައެއް ހަމަކޮށްފައި ހުރެއެވެ. މިގޮތުން ބޮޑުބެރުގެ ލަވަތަކަށް އިހުގައި ދީފައިވާ ނަންތަކުގެ ތެރޭގައި ބޮޑުމާލި ލަވަ، ޖާވީ ލަވަ، ބަބުރުލަވަ ހިމެނެއެވެ. މި ކުޅިވަރުގައި ބުންޒީލަ ހަމަކޮށް ހުންނަނީ ބެރުގެ އަޑެވެ.  މި ކުޅިވަރުގައި މަދުވެގެން 6 ނުވަތަ 11 މީހުން ބައިވެރިވެއެވެ. އެ ޒަމާނުގައި 6 މީހުންނަށްވުރެ މަދުން މިކުޅިވަރުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ބޮޑުބެރު ޖެހުމުގައ ބޭނުންކުރަނީ އެ ދުވަސްވަރެއްގައި ދިވެހި ފިރިހެނުން ލައި އުޅޭ ހެދުމެވެ. އޭރު ބޮޑުބެރަށް ވަކި ހާއްޞަ ހެދުމެއް ކަނޑައެޅިފައި ނެތްނަމަވެސް މިއަދު ދިވެހި ބޮޑުބެރު ގްރޫޕްތަކުން އެކަމަށްޓަކައި ހާއްޞަ ފޭރާމެއް ބޭނުންކުރަމުން ދެއެވެ. ވަކިން ހާއްޞަކޮށް ހާއްޞަ ހަފްލާ ތަކުގައި މިކުޅިވަރު ކުޅޭއިރު، ވަރަށް ބޮޑަށް ތައްޔާރުވެއެވެ. މި ކުޅިވަރުގައި އާދައިގެ ބެރަށްވުރެ ބޮޑު 2 ބެރު ނުވަތަ 3 ބެރު ބޭނުންކޮށް އުޅެއެވެ. އިސްބެރު އޮންނާނީ ޓީމްގެ ވެރިމީހާގެ އަތުގައެވެ. ފުނަ (ޒީލާ) ޖަހަނީ އިސްބެރުގައެވެ. އަނެެއް ބެރަކީ މާނަ (ބުން) ޖަހާ ބެރެވެ. ނަމަވެސް މިހާރު ބޮޑުބެރު ގްރޫޕްތަކުގައި މަދުވެގެން 4 ބެރު ނުވަތަ 5 ބެރު ބޭނުންކުރެއެވެ.

ބޮޑުބެރު ޖަހާއިރު އޮނުގަނޑު، މަންޒީލަ އަދި ގިގުނިފައްޗާއި މިނާފަތި ލީ ކާއްޓާއި ގުރުޒު ކިޔާ އެއްޗެއް ބޭނުންކުރެއެވެ. މިަ ތަކެތީގެ ތެރެއިން އޮނުގަނޑަކީ ދެބައިކުޅަ އެއްބައި ފޫޓް ދިގުމިނުގެ ލަކުޑިން ހަދާފައި އޮންނަ ހޮޅިއެއްކަހަލަ އެއްޗެކެވެ. މީގައި އެކި ހަމަތަކަށް ފެތޭގޮތަށް ހަރު ދަނޑިކޮޅަކުން ބާރަށް ދެއަތަށް ކާއްތާ އަޑު ނެރޭނެއެވެ. އާލާތްތައް ހިފައިގެންތިބޭ މީހުންނަށްވުރެ އިތުރަށް ތިބޭ މީހުން ލަވަހަމަކޮށް އަތްތިލަބަޑި ޖަހާނެއެވެ. އަދި ނަށާ މީހުން ނަށަމުން ގެންދާނެއެވެ. އިހުޒަމާނުގައި ބޮޑުބެރު ޖެހިއިރު ގިނައިން ކިޔައި އުޅުނީ ފުރެއްދެ ލަވަކަމަށް ބުނެއުޅެއެވެ.

ކޮންމެއަކަސް، ބޮޑުބެރު ޖެހުމަކީ މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެންމެ ހިނގާ މިއުޒިކީ އެއް ކުޅިވަރެވެ. ކޮންމެ ރަށެއްގައި ވެސް މިއަދު އެރަށަކަށް ހާއްޞަ ބެރު ގްރޫޕެއް އޮންނާނެއެވެ. ނަމަވެސް މި ލިޔުމުގައި އަޅުގަނޑު ބަލާލާފައި މިވަނީ ދަރަވަންދޫގައި ބޮޑުބެރުޖެހުމުގެ ސަޤާފަތެއް ޒަމާނުއްސުރެން ފެށިގެން އޮންނަ ވާހަކައެވެ. އެހެންކަމުން އެހެން ރަށްރަށާއި މިރަށުގެ ބެރުވެރިންގެ ހުނަރުގެ ތަފާތު ބަލާލުމަށް މިރަށަށް ޒިޔާރަތްކޮށްލުމަކީ ބޮޑުބެރަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ އުފަލެއްކަމަށް ދެކެމެވެ.

ރިފަރެންސް

  • އަޙްމަދު ޝަފީޤް.(1998).ދިވެހިބައެއް ކުޅިވަރުތައް.މާލެ.ގައުމީ ކުތުބުހާނާ.
  • ޙަސަން ނިޒާމް. މުހައްމަދު ޢާމިރު އަޙްމަދު.ޢަލީ އިބްރާހިމް މަނިކު.(2007).ދިވެހި ގްރޭޑް 6 ދަރިވަރުންގެ ފޮތް.މާލެ: ދިވެހިރާއްޖޭގެ ތައުލީމް ކުރިއަރުވާ މަރުކަޒު

ނޯޓް: މިއީ ދަރަވަންދޫ އަހްމަދު ނާފިއު މި ނޫހަށް ހަދިޔާކޮށްދީފައިވާ ލިޔުމެކެވެ. މާސްޓަރ އޮފް އާރޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން އާއި، ދިވެހި ލެންގުއޭޖުން ބެޗްލަރ އަދި ޑިޕްލޮމާ ހާސިލުކޮށްފައިވާ ނާފިއުގެ ލިޔުންތަކަކީ ކިޔުންތެރިންގެ ޝައުގުވެރިކަން ލިބިފައިވާ ލިޔުންތަކެކެވެ. 2013 ގައި ދިވެހި ސިފައިންގެ ޝަރަފުގެ އައްޑަނަ އަދި 2016 ގައި ބ. އަތޮޅުން ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ރަންނާ އެވޯޑް ލިބިފައިވާ ނާފިއަކީ އަރަމުން އަންނަ ލިޔުންތެރިއެކެވެ.

ނާފިއުގެ ލިޔުންތަކަކީ ދިވެހި އަދަބިއްޔާތުގެ ދުނިޔެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ އަގުހުރި މުއްސަނދިކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.