
ބޭންކް އޮފް މޯލްޑިވްސްގެ ސްމޯލް ގްރާންޓްސް އެހީގެ ދަށުން، ބ. ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީން ޒަމާނީ ހައިޑްރޯޕޯނިކްސް ނިޒާމަކާއެކު، ފެންވަރު ރަނގަޅު ކިއުކަމްބާ އާއި ލެޓިއުސް ފުރިހަމަ ނިޒާމެއް ތަރައްގީކޮށްފި އެވެ.
މި މަޝްރޫޢުގެ ދަށުން އެރަށުގައި ވަނީ ހައިޑްރޯޕޯނިކް ސިސްޓަމް ހިމެނޭ ގްރީންހައުސްއެއް ޤާއިމުކޮށްފައެވެ. ކިއުކަމްބާ އަދި ލެޓިއުސް ހެއްދުމަށް ޚާއްޞަކޮށްފައިވާ 4 ހައިޑްރޯޕޯނިކް ސިސްޓަމް މި ގްރީންހައުސްގައި ހިމެނެއެވެ. ކޮންމެ ސިސްޓަމެއްގައި 180 ސްލޮޓް ހިމެނޭއިރު، އެއްފަހަރާ 100 އަށްވުރެ ގިނަ ގަސް މި ނިޒާމުން ހެއްދޭނެއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރަށުގައި ތާޒާ ތަރުކާރީ އުފެއްދުމާއި، ޒަމާނީ ދަނޑުވެރިކަން ތަޢާރަފްކުރުމެވެ.
މަޝްރޫޢުގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި، ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީއާ ގުޅިގެން ޝައުޤުވެރިވާ ފަރާތްތަކަށް ދަނޑުވެރިކަމާއި ހައިޑްރޯޕޯނިކްސްއާ ގުޅޭ ޓްރެއިނިންގ ސެޝަންތަކެއް އަންނަނީ ބާއްވަމުންނެވެ.

މީގެ އިތުރުން، ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީން ވަނީ ރަށުގެ ރައްޔިތުންނަށް ހައިޑްރޯޕޯނިކް ދަނޑުވެރިކަމާ ގުޅޭ މަޢުލޫމާތު ސެޝަންތަކެއް ވެސް ބާއްވާފައެވެ. މަޝްރޫޢުން ލިބޭ އާމްދަނީ ބޭނުންކުރާނީ ޖަމިއްޔާގެ އިޖްތިމާއީ ހަރަކާތްތަކަށެވެ.

ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑުގެ މަޤްޞަދަކީ، ތިމާވެށްޓާ ގުޅޭ މައްސަލަތަކައް ހައްލު ހޯދުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގުމަށް ޖަމްޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި މަޝްރޫޢުގެ ކާމިޔާބީ ދައްކުވައިދޭ އެއް މިސާލަކީ މިހާރު ހައްދާފައިވާ ކިއުކަމްބާ އަދި ލެޓިއުސްގެ ފުރަތަމަ ބުރުގެ ނަތީޖާއެވެ. މި ނިޒާމުން އުފައްދާ ތަރުކާރީގެ ފެންވަރު ރަނގަޅުކަމާއި، މިއީ ރާއްޖޭގެ އެހެން ރަށްރަށަށްވެސް ނަމޫނާއަކަށް ވެގެންދާނެ މަޝްރޫއެކެވެ.