އޭދަފުށި ސްޓޭޑިއަމް: ފުޓްބޯޅައިގައި އޭދަފުށިން އެންމެ ކުލަޖައްސަން ބޭނުންވި ތަސްވީރު

އޭދަފުށީގައި ތަރައްގީކުރި ފުޓްބޯޅަ ސްޓޭޑިއަމް– ފޮޓޯ/ސިޑީބަރި

މިއީ ފުޓްބޯޅައަށް މަރުދޭ އޭދަފުށީގެ ޒުވާނުންނަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާ އެވެ. ފުޓްބޯޅައިގެ ދިގު ރަން މާޒީއެއް އޮތް އޭދަފުށީގެ އެންމެ ވަރުގަދަ ލޭންޑް މާކެވެ. އަދި، މިއީ ދާދި ފަހަކާ ޖެހެންދެން އޭދަފުށީގެ ފުޓްބޯޅައިގައި ކުލަ ނުޖެއްސި އޮތް ހަމައެކަނި ތަސްވީރެވެ.

އޭދަފުށްޓަށް އުފަން ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު (ނަޒީރުބޭ) ގެ އަމިއްލަ ހަރަދުގައި ބިނާކޮށްފައިވާ މި ސްޓޭޑިއަމަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ފުރިހަމަ ފުޓްބޯޅަ ސްޓޭޑިއަމެވެ. ސްޓޭޑިއަމްގައި އަޅާފައި އޮތް ޓާފަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ކަނޑައަޅާފައިވާ އެންމެ މަތީ މިންގަނޑަށް ފުޓްބޯޅައިގެ އިންފްރާ ސްޓްރަކްޗާ އަދި އެއާ ގުޅޭ ޓެކްނޮލޮޖީ އުފައްދާ އިޓަލީގެ ލިމޮންޓް ސްޕޯޓްސް ކުންފުނިން ފޯރުކޮށްދީފައިވާ ޓާފެކެވެ. މި މަސައްކަތުގައި ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުރި ލިމޮންޓް ސްޕޯޓްސް ކުންފުންޏަކީ ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކްލަބްތަކުގެ ތެރޭގައި ހިމެނޭ ސްޕެއިންގެ ރެއާލް މެޑްރިޑް އަދި އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން ފަދަ ކްލަބްތަކަށް ޓާފް ފަދަ ވަސީލަތްތަކާއި އަދި އެއާ ގުޅޭ ޓެކްނޮލޮޖީ މިހާރުވެސް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

ބ. އޭދަފުށީ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. — ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭދަފުށި ފުޓްބޯޅަ ސްޓޭޑިއަމްގެ އެންމެ ހާއްސަ އަނެއް ކަމަކީ ވާރޭ ވެހުމުގެ ސަބަބުން ދަނޑަށް އޮހޭ ފެން ދަނޑުގެ ހަތަރު ފަރާތުން ފައިބައިގެން ގޮސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިނދޭ ގޮތަށް ފަރުމާކޮށްގެން ހަދާފައިވާ ފެން ހިންދާ ނިޒާމެވެ. މިވަގުތު ރާއްޖޭގައި އަޅާފައި އޮތް އެއްވެސް ޓާފް ދަނޑެއްގައި މިހާތަނަށް ގާއިމުކޮށްފައި ނެތް މި ނިޒާމަކީވެސް ޔޫރަޕްގެ ބައެއް ބޮޑެތި ފުޓްބޯޅަ ދަނޑުތަކުގައި ގާއިމުކޮށްފައިވާ މިފަދަ ނިޒާމުތަކާއި އެއްފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާއިމުކޮށްފައިވާ ނިޒާމެކެވެ.

2019 ވަނަ އަހަރުގެ މާރިޗް މަހުގެ 23 ވަނަ ދުވަހު މި ސްޓޭޑިއަމް ރަސްމީކޮށް ހުޅުވި އިރު ހަމައެކަނި އޮތީ ދިގުމިނުގައި 105 މީޓަރު އަދި ފުޅާމިނުގައި 68 މީޓަރު ހުރި ޓާފެވެ. އޭދަފުށިން ހޮވާލި ޓީމަކާއި ރާއްޖޭގެ އޭރު އޮތް ގައުމީ ޓީމާއި ދެމެދު އެދުވަހު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗާއި އެކު ދަނޑުގެ މަންޒަރުތައް ލައިވްކޮށް މުޅި ރާއްޖެއަށް ދައްކާލި ހިސާބުން ގިނަ ބައެއްގެ ސަމާލުކަން މިދަނޑަށް ހުއްޓުނެވެ. ރާއްޖޭގެ އެންމެ މަގްބޫލު އޮންލައިން ނޫސްތަކުގައި އެ ވާހަކަ ހިތްގައިމު ގޮތްގޮތަށް ގެނެސްދިނެވެ. އަދި، ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދަނޑުގެ ކޮލިޓީއާ ގުޅޭގޮތުން ހިތްހަމަޖެހުން ފާޅުކުރި އެވެ.

. އޭދަފުށީގައި ކްރައުން ނަޒީރުގެ ހަރަދުގައި އެޅި ފީފާ އެޕްރޫވް ޓާފް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި ދަނޑަކީ ރާއްޖޭގައި އެޅޭ އެންމެ މަތީ ފަންތީގެ ޓާފް ދަނޑު، މި ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މެޗު- — ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފަހުން ދެން ފެނުނީ ސްޓޭޑިއަމެއްގެ އަސްލު ސިފަ ޖެއްސުމަށްޓަކައި ކުރަންހުރި މުހިންމު ބޮޑެތި މަސައްކަތްތައް ފަށައިގަތް ތަނެވެ. 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 03 ވަނަ ދުވަހު ރަސްމީކޮށް ފެށި އެ މަސައްކަތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލިއިރު ރާއްޖޭގެ އެއްވެސް ފުޓްބޯޅަ ސްޓޭޑިއަމެއްގައި ގާއިމުކޮށްފައި ނެތް ފެންވަރަށް ގިނަ ކަންކަން މި ސްޓޭޑިއަމްގައި ހުރީ ފުރިހަމަވެފަ އެވެ. މި ސްޓޭޑިއަމްގައި މިހާރު ގާތްގަނޑަކަށް ހާހެއްހާ މީހުންނަށް ހިތްފަސޭހަކަމާއެކު އިށީނދެ ތިބެގެން މެޗުތައް ބަލައިލެވޭނެ އެވެ. މިކަމަށްޓަކައި އެކި ބްލޮކްތައް ވަކިކުރެވިގެން އަދި ނަންބަރު ދީފައިވާ ސީޓުތައް ޖަހައިގެން ތައްޔާރުކޮށްފައިވާ ސިޑިބަރީގެ އިތުރުން ވީއައިޕީންނަށް ހާއްސަކޮށްގެން ރޮސްޓްރަމް އޭރިއާއެއް މި ސްޓޭޑިއަމްގައި ބިނާކޮށްފައިވެ އެވެ.

އޭދަފުށީ ދަނޑުގެ ޗޭންޖިން ރޫމް – ސިޑިބަރި- .ފޮޓޯ/ސިޑީބަރި

ސްޓޭޑިއަމްގައި އެންމެ ފަހުން ގާއިމުކުރި ވަސީލަތްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ މެޗު ކުޅޭ ދެ ޓީމަށް ހާއްސަކޮށްފައިވާ ޗޭންޖިން ރޫމެވެ. ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ހާއްސަކޮށް ލޮކަރު ތައްޔާރުކޮށްފައި ހުންނަ މި ރޫމް ގިނަ ބަޔަކަ އެއްގޮތްކުރީ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބިނާކޮށްފައިވާ އެމިރޭޓްސް ނުވަތަ ސްޓެންފަޑް ބްރިޖް ފަދަ ދުނިޔޭގެ ގިނަ ބަޔަކުވެސް ދަންނަ ފުޓްބޯޅަ ސްޓޭޑިއަމްތަކުގައި ވެސް ހުންނަ ޗޭންޖިން ރޫމްތަކާ އެވެ. އެހާވެސް އެތަން ބަލައިލަން ހިތްގައިމެވެ. ޗޭންޖިން ރޫމްގެ އިތުރުން މި ސްޓޭޑިއަމްގައި މިހާރު މެޑިކަލް ރޫމަކާއި، ޕްރެސް ރޫމަކާއި، ރެފްރީސް ރޫމަކާއި، ވީއައިޕީން މަޑުކޮށްލެއްވުމަށް ހާއްސަކޮށްފައިވާ ލައުންޖަކާއި، ނަމާދުކުރާ ކޮޓަރިއަކާއި، މީޑިއާ ބޮކްސްއެއް ވަނީ ގާއިމުކޮށްފަ އެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ މެޗުތައް ރޭގަނޑުވެސް ކުޅެވޭ ފެންވަރަށް މި ސްޓޭޑިއަމްގައި ލެޑް ލައިޓިންގ ސިސްޓަމްވެސް ވަނީ ގާއިމުކޮށްފަ އެވެ. އަދި، މުޅި ރަށުން ކަރަންޓް ކެނޑޭ ހާލަތުގައިވެސް ލައިޓިން ސިސްޓަމް ފެއިލްވިޔަ ނުދިނުމަށްޓަކައި އެއަށް ކަރަންޓްދެވޭނެ ޖަނަރޭޓަރު ސިސްޓަމެއްވެސް މި ސްޓޭޑިއަމްގައި ވަނީ ގާއިމުކޮށްފަ އެވެ.

އުސްކޮށް ވަށައިގެން ފާރު ރާނާފައިވާ މި ސްޓޭޑިއަމާއެކު އޭދަފުށި ވަނީ އަތޮޅުތެރޭގެ ފުޓްބޯޅައިގެ ތާރީހް ވެސް ބަދަލުކޮށްލައިފަ އެވެ. އަތޮޅުތެރޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ޓިކެޓް ގަނެގެން މެޗުތައް ބަލަން ވަދެވޭ ގޮތަށް މުބާރާތެއް ބޭއްވުމުގެ ފަހުރު އޭދަފުށްޓަށް ލިބުނީ މި ހާއްސަ ސްޓޭޑިއަމްގެ ސަބަބުންނެވެ. މިދިޔަ އަހަރު ބޭއްވި އޭދަފުށި ކަޕްގެ ބައެއް މެޗުތަކުގެ ޓިކެޓަށް ބާރުބޮޑުވެ ބްލެކް މާކެޓްގައި 500 ރުފިޔާއަށް ވެސް ޓިކެޓް ވިއްކާފައިވެ އެވެ. 50 މިލިއަނަށް ރުފިޔާއަށްވުރެ ބޮޑު ހޭދައެއް މިހާރުވެސް ކޮށްފައިވާ މި ސްޓޭޑިއަމް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ވަސީލަތަކަށްވެސް އެންމެ ފަހުންވީ އެވެ.

އޭދަފުށި ފުޓްބޯޅަ ސްޓޭޑިއަމަކީ ބައިނަލްއަގްވާމީ މެޗުތައްވެސް ބޭއްވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ސްޓޭޑިއަމެއް ކަމަށް ވެފައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގެ ހާލަތު މިވަގުތު އޮތްގޮތުން އޭއެފްސީ ކަޕްގައި ރާއްޖެ ތަމްސީލުކުރާ ޓީމު ކުޅޭ ހޯމް މެޗުތައް ފަދަ ހާއްސަ މެޗުތައް މި ސްޓޭޑިއަމްގައި ބާއްވާތަން ފެނުމަކީ އޭދަފުށީގެ ގިނަ ބަޔަކު ދެކޭނެ ހުވަފެނެއްކަން ޔަގީނެވެ. އެ ހުވަފެން ހަގީގަތަކަށް ވެއްޖެނަމަ އޭދަފުށްޓަށް މި ސްޓޭޑިއަމްގެ ސަބަބުން އެ ހުޅުވުނީ އަނެއްކާވެސް ކުރިއެރުމުގެ އިތުރު ދޮރެކެވެ.  

އެޑިޓަރުގެ ނޯޓް:  މިއީ އޭދަފުށީ ކައުންސިލާއި ޖާނަލްސް އެމްވީ ގުޅިގެން އޭދަފުށީ ކަޕަށް ނެރުނު މަޖައްލާއިން ނަގާފައިވާ އާޓިލަކެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.