ހިތާދޫގައި ކުރިއަށްގެންދިޔަ “ފަހިރައްކާ” ޕްރޮގްރާމް ނިންމާލައިފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ބ. ހިތާދޫ ޕޮލިސް ޕޯސްޓުން އިސްނަގައިގެން ކުރިއަށްގެންދިޔަ “ފަހިރައްކާ” ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ “ބ.ހިތާދޫ ރައްޔިތުން އަމާންކަމާއިއެކު – ހިނިތުންވުން މަތީ ތިބުން” މި ޝިއާރުގެ ދަށުން ހިތާދޫ ކައުންސިލާއި، ޑަބްލިއު.ޑީ.ސީ އަދި ހިތާދޫ ސްކޫލް ގުޅިގެން 2024 އޮކްޓޯބަރ 15 އިން ނޮވެމްބަރ 3 އަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ހަތް ސްޓްރެޓެޖީއެއްގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ޓްރެފިކް، ގެވެށި އަނިޔާ، އަދި ސައިބަރ ކުށްތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގިއެވެ. މީގެ އިތުރުން، 60 ދަރިވަރުންނާއި 21 މުވައްޒަފުންނަށް ސްވިމިންގ ޕްރޮގްރާމެއް ހިންގުމާއެކު، 40 އަންހެނުންނަށް “ހަށިހެޔޮ ކަސްރަތު، ދުޅަހެޔޮ ސިއްހަތު” ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔައެވެ.

ޕްރޮގްރާމްގެ ތެރޭގައި ބެލެނިވެރިންނަށް ޕޭރެންޓަލް ވެލިއުސް ސެޝަނާއި، މުއައްސަސާތަކަށް ވާކް އެތިކްސް ސެޝަންތަކެއްވެސް ބޭއްވުނެވެ. އަދި ސްކޫލް ދަރިވަރުންނަށް ލީޑަރޝިޕް އަދި ޓީމް ބިލްޑިންގ ސެޝަންތަކެއްގެ އިތުރުން ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ޓީމް ބިލްޑިންގ އިވެންޓެއްވެސް ބޭއްވިއެވެ.

ފުލުހުން ބުނީ ފަހިރައްކާ ޕްރޮގްރާމްގެ ސެޝަންތައް ނަގައިދިނުމުގައި ހިތާދޫގެ އެކި މުއައްސަސާތަކުގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ސައިބަރ ކްރައިމް ޑިޕާޓްމަންޓާއި ރ. އަތޮޅު ޕޮލިހުން މި ޕްރޮގްރާމަށް ފޯރުކޮށްދިންކަން އެހީތެރިކަން ހާއްސަގޮތެއްގައި ފުލުހުން ފާހަގަކުރެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...