ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ބްލޮކް ގްރާންޑުގެ ގޮތުގައި ދޭ އަދަދު އިތުރު ކުރަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ލަފާދީފި އެވެ.
އެ މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން، ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 700 މިލިއަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުން އިތުރު ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ކުރިން ހިމަނާފައިވާ 1.4 ބިލިއަން ރުފިޔާއާއެކު، މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ޖުމްލަ 2.1 ބިލިއަން ރުފިޔާ ހަމަޖެހިގެންދާނެއެވެ. މިއީ މިއަހަރު ކަނޑައަޅާފައިވާ 2.2 ބިލިއަން ރުފިޔާއާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ.
މިދިޔަ ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ބްލޮކް ގްރާންޓުގެ 5 ޕަސެންޓު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށާއި، ލޯކަލް ޓޫރިޒަމުން ވަކި ޕަސެންޓެއް ކައުންސިލުތަކަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށެވެ.
ކޮންޓިންޖެންސީ ބަޖެޓުގައި ކުރިން ހިމެނި 950 މިލިއަން ރުފިޔާގެ ތެރެއިން 700 މިލިއަން ރުފިޔާ ބްލޮކް ގްރާންޓަށް ބަދަލުކުރުމާ ގުޅިގެން، ކޮންޓިންޖެންސީ ބަޖެޓު 250 މިލިއަން ރުފިޔާއަށް ކުޑަވެގެންދާނެއެވެ.
ފިނޭންސް މިނިސްޓްރީގެ ސިޓީގައި، ބްލޮކް ގްރާންޓުގެ އަދަދު ކަނޑައެޅުމުގައި ބޭނުންކޮށްފައިވާ މިންގަނޑުތަކާއި، ވަކިވަކި ކައުންސިލްތަކަށް ލިބޭނެ އަދަދުތަކުގެ ތަފްސީލު ހިމަނާފައިވެއެވެ. ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ.