އިގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ އެއޯން އާއި ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތުގައި އެންމެ ތަޖުރިބާ ހުރި އެއް ކުންފުނި ކަމުގައިވާ ރިނިއުވަބަލް އެނާރޖީ މޯލްޑިވްސް އާއި ގުޅިގެން ބ. އަތޮޅުގައި ހޯމް ސޯލާ އަޅަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕެކޭޖުތަކެއް ހުޅުވާލައިފިއެވެ.
އެގޮތުން 6 ކިލޯ ވޯޓުން ފެށިގެން 12 ކިލޯ ވޯޓާއި ދެމެދުގެ ޕެކޭޖުތައް ގޭބިސީތަކަށާއި އަދި ވިޔަފާރިތަކަށް ވަނީ ޚާއްސަ ކުރެވިފައެވެ. އަދި މިސޯލާ ސިސްޓަމްތަކަކީ ބެޓެރީ ބެކަޕް ސިސްޓަމާއެކީ ފޯރުކޮށްދޭ ސިސްޓަމް ތަކެކެވެ.
މި ސިސްޓަމްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ބަދަލުގައި 5 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސް ކުރުމުގެ ފުރުސަތުވެސް ވަނީ ހަމަޖެހިފައެވެ.
މިގޮތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ކޮންމެ މަހަކު ކަރަންޓު ބިލަށް ދައްކަންޖެހޭ ފައިސާގެ އަދަދަށް ވުރެ ކުޑަވާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެތަނަކަށް އެކަށީގެންވާ ސޯލާ ސިސްޓަމެއް ބެހައްޓައިފިނަމަ، ސޯލާ ސިސްޓަމުގެ އަގަށް ދަންކަންޖެހޭ ފައިސާގެ އިތުރުން އެހެން އިތުރު އެއްވެސް ކަރަންޓު ބިލެއް ދެން ނާންނެކަމަށްވެސް އެފަރާތުން ޔަގީންކޮށް ދިނެވެ.
މިކަމާގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމުގެ ސެޝަނެއް 23 ނޮވެންބަރު 2024 ވާ ހޮނިހިރު ދުވަހު 16:30 އޭދަފުށީ މަލްޓި ޕާޕަސް ހޯލްގައި ކުރިއަށް ދާނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ސެޝަނަށް ވަޑައިގެން މައުލޫމާތު ސާފުކޮށް ސޯލާ އެޅުމުގެ ފުރުސަތު ސެޝަން ތެރެއިން ފަހިވެގެން ދާނެއެވެ. މި ސެޝަން ތެރެއިން ޕެކޭޖުތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓެއް ލިބޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ފައިނޭންސް ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) މެދުވެރިކޮށް ފައިނޭންސްވެސް ހަމަޖައްސައި ދިނުމަށް އެހީތެރިވެދޭނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ.
އިތުރު މައުލޫމާތު ސާފުކުރުމަށް 9645505 އަށް ގުޅަން ގުޅުއްވުން އެދެމެވެ.