އޭދަފުއްޓާއި ތިމަރަފުށީގެ ވާދަވެރި މެޗު މިއަދު ހަވީރު

ތުޅާދޫއަށް ދެކޮޅަށް ކުލުނު މެޗުގައި އައްޔަ އޭދަފުށި ޓީމަށް ގޯލެއް ޖަހައިދިނުމަށް ފަހު ޓީމު ކުޅުންތެރިންނާއެކު އުފާފާޅު ކުރަނީ.– ފޮޓޯ: ސިޑިބަރި

ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގައި އޭދަފުއްޓާއި ތިމަރަފުށީގެ ވާދަވެރި މެޗު މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅޭނެ އެވެ.

އޭދަފުއްޓާއި ތިމަރަފުށި ހިމެނެނީ ގްރޫޕް ބީގަ އެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ މާލެ ސިޓީ އާއި ތުޅާދޫ އެވެ.

ފުރަތަމަ މެޗުގައި އޭދަފުށިން ވަނީ 1-5 އިން ތުޅާދޫ ބަލިކޮށްފަ އެވެ. ތިމަރަފުށި ވަނީ ފުރަތަމަ މެޗުގައި މާލެ އަތުން 0-4 އިން ބަލިވެފަ އެވެ. ގްރޫޕުން ކަޓާނީ ފުލަށްދާ ޓީމެވެ. މިވަގުތު ފުލުގައި އޮތީ ދެ މެޗުން ބަލިވި ތުޅާދޫ އެވެ.

އޭދަފުއްޓާއި ތިމަރަފުއްޓަކީ ފުޓްބޯޅައާއި ފުޓްސަލްގައި ވާދަވެރި ދެ ރަށެވެ. ދެރަށުގައި ފުޓްބޯޅައިގެ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ.

އެންމެ ފަހުން ގަލޮޅު ދަނޑުގައި އޭދަފުއްޓާއި ތިމަރަފުށި ވާދަކުރީ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި 2016 ވަނަ އަހަރު އެވެ. އެ މެޗުގައި ތިމަރަފުށި 0-1 އިން ބަލިކޮށް އޭދަފުށިން ރާއްޖޭގެ ޗެމްޕިއަންކަން ހޯދި އެވެ. އޭގެފަހުން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި 2019 ވަނަ އަހަރު ތިމަރަފުށިން ވަނީ 5-2 އިން އޭދަފުށި ބަލިކޮށް ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދައިފަ އެވެ.

ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން އޭދަފުށިން 2024 ވަނަ އަހަރު ހޯދިއިރު، ތައްޓައް ކުރި ދަތުރުގައި ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ތިމަރަފުށި ބަލިކުރި އެވެ.

މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި އޭދަފުށި އަތުން ބަލިވިޔަސް، 2018 ވަނަ އަހަރު ތިމަރަފުށި ވަނީ ވަރުގަދަކޮށް ނުކުމެ އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެފަހަރު ތިމަރަފުށި ފައިނަލުގައި މޮޅުވީ ފޯކައިދޫއާ ވާދަކޮށް 0-3 އިންނެވެ.

ފުޓްބޯޅައިގެ ވަރުގަދަ ދެ ރަށުން ގޯލްޑް ކަޕްގައި ވާދަކުރާއިރު، ދެޓީމުގައި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ކުޅުންތެރިން ހިމެނެ އެވެ.
އޭދަފުއްޓާއި ތިމަރަފުށި ވާދަކުރާ މެޗު ގަލޮޅު ދަނޑުގައި ފަށާނީ މިއަދު ހަވީރު 3:50 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.