ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި އޭދަފުށީ ޓީމަށް ކުޅެން، ކްލަބް އީގަލްސް އާއި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ދޫކުރާނެ ހަމައެކަނި ގޮތަކީ ދެ ލައްކާ ރުފިޔާގެ ރިލީސް ފީއެއް ދެއްކުމުން ކަމަށް އީގަލްސް އިން ބުނެފި އެވެ.
ގޯލްޑް ކަޕަށް އޭދަފުށިން ނެރުނު ފައިނަލް ލިސްޓުގައި އީގަލްސްގެ ޕޮގްބާ އާއި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހައިޝަމް ހަސަން ވަނީ ހިމަނައިފަ އެވެ. އޭދަފުއްޓަށް އުފަން އެކުޅުންތެރިންނަށް އަމިއްލަ ރަށަށް ކުޅުމުގެ ހުއްދަ އީގަލްސް އާއި މާޒިޔާއިން ނުދިނުމުން، އޭދަފުށީ ކައުންސިލުން ވަނީ އެކުޅުންތެރިން ރިލީސް ކޮށްދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު ރަސްމީކޮށް ކްލަބްތަކުގެ ކިބައިން އެދިފަ އެވެ.
އީގަލްސް އިން އަންގާރަ ދުވަހު ކައުންސިލަށް ފޮނުވި ޖަވާބުގައި ބުނެފައިވަނީ ގޯލްޑް ކަޕަކީ ގައުމުގެ ފުޓްބޯޅަ އަށް އެއްވެސް ފައިދާއެއް ކުރާނެ މުބާރާތެއްގެ ގޮތުގައި އެ ކްލަބުން ނުދެކޭ ކަމަށެވެ. އަދި، އެއްވެސް ކުޅުންތެރިއަކަށް ވެސް ގޯލްޑް ކަޕުން ފައިދާއެއް ވާނެކަމަށް އީގަލްސް އިން ގަބޫލުނުކުރާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
“….ވީމާ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަށް ގޯލްޑް ކަޕް 2024 އަށް މި ކްލަބުން ދޫކުރެވެން އޮތް ހަމައެކަނި ގޮތަކީ 200،000 (ދެ ލައްކަ) ދިވެހި ރުފިޔާގެ ރިލީސް ފީއެއް މިކްލަބަށް ދައްކަވައި އަދި މި މުބާރާތަށް ދޫކުރެވިފައިވާ ދުވަސްވަރު ޕޮގްބާ އަށް ގެއްލުމެއް ލިބިއްޖެނަމަ ތި ކައުންސިލުން ޕޮގްބާގެ ބޭސްފަރުވާއަށް ފުރިހަމަ ޒިންމާ ނަންގަވާނެ ކަމަށް އެއްބަސް ވެވިގެން” އޭދަފުށި ފުޓްބޯޅަ ޓީމަށް ކާމިޔާބީ އަށް އެދެމުން ސިޓީގައި އީގަލްސް އިން ބުނެފައިވެ އެވެ.
އީގަލްސްގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުބާރާތްތައް ބާއްވާއިރު އޮންނަ އުސޫލުގެ ބޭރުން ކުޅުންތެރިން ބޭނުންކުރާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އެ ކްލަބް ބަދުނާމު ވާކަމަށެވެ.
“ހިތާމަޔަކީ ކުޅުންތެރިންވެސް އަދި މުބާރާތްތައް ހިންގާ، ބައިވެރިވާ ފަރާތްތަކުން ވެސް ކްލަބްތައް ބަޔަކަށް ނުހަދާކަން. އެހެނަސް މީގެކުރިން އެތަކެއް ފަހަރު ގިނަ ކުޅުންތެރިންތަކަކަށް އެކި ފަހަރު މަތިން މި ކްލަބުން ވާނީ ބ. އޭދަފުށި ޓީމުތަކަށް ކުޅުންތެރިން ދޫކޮށްފަ” އީގަލްސްގެ ޖަވާބުގައި ބުނެފައިވެ އެވެ.
އީގަލްސްއިން ބުނީ އޭދަފުއްޓަކީ އެ ކްލަބުން ވަރަށް ތާއިދުކުރާ، އަދި ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް އޭދަފުށިން ކުރާ މަސައްކަތް ބަލައިގަނެ ޝުކުރުވެރިވާ ކްލަބެއް ކަމަށެވެ.
“ޕޮގްބާ އަކީ ކްލަބް އީގަލްސް އަށް ވަރަށް މުހިއްމު އަދި ވަރަށް ބޮޑު އިންވެސްޓެއް ކުރެވިފައިވާ ކުޅުންތެރިއެއް” އީގަލްސްގައި މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ޖާގަ ހޯދާފައިވާ ކުޅުންތެރިޔާއާ ގުޅޭގޮތުން އީގަލްސްގެ ސިޓީގައި ބުނެފައިވެ އެވެ.
މާޒިޔާ އިން ކައުންސިލަށް ފޮނުވި ޖަވާބުގައި ބުނީ ޖަނަވަރީ މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެކަން އެނގު ހިސާބުން ފެށިގެން ގޯލްޑް ކަޕާއި އެހެނިހެން މުބާރާތްތަކުގައި އެ ކްލަބުގެ ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިން ނުކުޅެން އަންގާފައިވާނެ ކަމަށެވެ.
“ބޮޑު ހޭދައެއް ކޮށްގެން ސީޒަނަށް ފަށާއިރު، މުބާރާތްތަކުގައި ކުޅުމަށް ކުޅުންތެރިން ރިލީޒްކުރުމަކީ ކުރެވޭނެ ކަމެއް ނޫން. ވީމާ، މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި އޭދަފުށީ ޓީމަށް ކުޅުމުގެ ހުއްދަ ހަމްޒާ މުހައްމަދާއި ހައިޝަމް ހަސަންއަށް ދެވެން ނެތްވާހަކަ ހިތާމައާއެކު ދަންނަވަން” މާޒިޔާއިން ބުނެފައިވެ އެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން މިއަދު ހަވީރު ޕްރެކްޓިސް ފަށާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މާޒިޔާގެ ކުޅުންތެރިންނަށް އެއްވެސް މުބާރާތެއްގައި ކުޅުމުގެ ހުއްދަ ނުލިބުނަސް، އީގަލްސް ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން މިދުވަސްވަރު ވެސް އަތޮޅުތެރޭގެ މުބާރާތްތަކުގައި އަންނަނީ ކުޅެމުންނެވެ. އޭގެތެރޭގައި ޕޮގްބާގެ އިތުރުން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަންނަނީ މަހިބަދޫގައި ކުރިއަށްދާ މުބާރާތުގައި ކުޅެމުންނެވެ.
ގޯލްޑް ކަޕްގައި އުފަން ރަށް ތަމްސީލު ކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ނުދީ، އެހެން ރަށްރަށުގައި ކުޅުމުގެ ހުއްދަ ކުޅުންތެރިންނަށް ދިނުމުން އީގަލްސް އަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.