މާލޭގައި ކުރިއަށްދިޔަ އައިބާ ޖޫނިއަރ ޗެލެންޖުން ރިވައިވަލްގެ އޭދަފުށި ކުޅުންތެރިން އަނެއްކާވެސް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މިދިޔަ ހަފުތާގައި މާލޭގައި ބޭއްވުނު މި މުބާރާތަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދުގެ އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ (އައިބާ) އިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ވާދަކުރިއެވެ. އައިބާއިން މި މުބާރާތް ބާއްވާފައިވަނީ ގްރޭޓާ މާލޭ ސަރަހައްދަށް އާއްމުކޮށް ހުޅުވާލައިގެން ނަމަވެސް، ރަށްރަށުން ދައުވަތު ދިނީ އެންމެފަހުން ބޭއްވި އައްޑު ޖޫނިއާ އޯޕަންސްގެ ޗެމްޕިއަނުންނަށެވެ. އެގޮތުން އޭދަފުށީގެ ހަތަރު ކުއްޖަކަށް މި ފުރުސަތު ލިބުނީ އެ މުބާރާތުން ޗެމްޕިއަންކަން ހޯދުމާ ގުޅިގެންނެނެވެ.
މި މުބާރާތުގައި 15 އަހަރުން ދަށުގެ ކެޓަގަރީގައި ރިވައިވަލް އޭދަފުށީ 4 ކުޅުންތެރިން ވާދަކޮށް ސިންގަލްސް އަދި ޑަބަލްސް އިވެންޓްތަކުން ޖުމްލަ 7 މެޑަލް ހޯދައިފައިވެއެވެ. މީގެ ތެރޭގައި 2 ރަން މެޑަލް، 1 ރިހި މެޑަލް، އަދި 4 ލޯ މެޑަލް ހިމެނެއެވެ.
އަންހެން ޑަބަލްސްގައި އަޒްކާ ރިލްވާން އާއި ހައްވާ ނައުރީން މުހައްމަދުގެ ޕެއަރ ރަން މެޑަލް ހޯދިއެވެ. އަދި އަންހެން ސިންގަލްސް އިން އަޒްކާ ރިހިމެޑަލް ހޯދިއިރު، ފިރިހެން ސިންގަލްސް އިންނާއި ޑަބަލްސް އިން އައޫފް އާއި ރިޝާމް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.
މި ނަތީޖާއާއެކު ރިވައިވަލް އޭދަފުށީ ކުޅުންތެރިން ވަނީ އަނެއްކާވެސް އެ ކުދިންގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދީފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކާމިޔާބީތައް ހޯދާނެކަމުގެ އުންމީދު ބޮޑުވެފައިވެއެވެ.