ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގައި ރޭ ހއ. ދިއްދޫ އިން ކ. މާފުށީގެ މައްޗަށް ކުރި ހޯދުމުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރަން އޭދަފުއްޓަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ މާފުއްޓާ ވާދަކުރި މެޗުން ދިއްދޫ މޮޅުވީ 0-2 އިންނެވެ. ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި މާފުށިން ވަނީ ހައިރާންކުރުވަނިވި ގޮތަކަށް 2-0 އިން އޭދަފުށި ބަލިކޮށްފަ އެވެ.
ގްރޫޕުގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލަށް އެކު ދިއްދޫ އެވެ. ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު މާފުއްޓެވެ. މާފުއްޓަށް ފައިދާ އަދި ގެއްލުން ގޯލެއް ވެސް ނެތެވެ. އޭދަފުށި މިވަގުތަށް ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ގެއްލުން ދެ ގޯލާ އެކު އެވެ.
ގްރޫޕުގެ ފަހު މެޗުގައި އޭދަފުއްޓާއި ދިއްދޫ ވާދަކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. އޭދަފުއްޓަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވާނީ މަދުވެގެން ތިން ގޯލުގެ ތަފާތުން ދިއްދޫ ބަލިކޮށްގެންނެވެ. ތިން ގޯލުގެ ތަފާތުން ނޫން ގޮތަކަށް މޮޅުވިޔަސް އޭދަފުށި ކަޓާނެ އެވެ. އެހެންވެ އެ މެޗު ވެގެންދާނީ އޭދަފުއްޓަށް މަރުގެ މެޗަކަށެވެ.
ތިން ގޯލުގެ ތަފާތަކުން އޭދަފުށި މޮޅުވެއްޖެ ނަމަ ކުއާޓާ ފައިނަލަށް ދާނީ އޭދަފުއްޓާއި މާފުއްޓެވެ. އެ ހާލަތުގައި ދިއްދޫ ކަޓާނެ އެވެ. މެޗު އެއްވަރުކޮށްލައިގެން ނުވަތަ އެއް ގޯލުގެ ތަފާތުން ބަލިވިޔަސް ދިއްދޫ ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ. އޭރުން ދިއްދޫއާ އެކު ކުއާޓާ ފައިނަލަށް ދާނީ މާފުއްޓެވެ.
ހުރިހާ ގޮތަކުން ތިން ޓީމު އެއްވަރުވެއްޖެނަމަ، މުބާރާތުގެ ގަވައިދު ބުނާގޮތުން ކުއާޓާ ފައިނަލުގެ ދެ ޖާގަ ކަށަވަރުކުރާނީ ގުރުއަތުލައިގެންނެވެ.
ދިއްދޫ އަތުން ބަލިވުމުން، އުއްމީދާ އެކު ތިބި މާފުށި ޖެހުނީ ގްރޫޕުގެ ފަހު މެޗަށް އިންތިޒާރު ކުރާށެވެ. ރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް މާފުއްޓަށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވީހެވެ.
މެޗުގައި ދިއްދޫގެ ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މުޅި މެޗުގައި މާފުށިން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމަށް ދިމާވީ ގޯލު ނުޖެހުމުގެ މައްސަލައެވެ.
މުބާރާތުގައި މިހާރު ކުރިއަށްދަނީ 12 ޓީމާ އެކު ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތަކެވެ. މިހާތަނަށް ކުއާޓާ ފައިނަލް ޖާގަ ކަށަވަރުކުރި ހަމައެކަނި ޓީމަކީ ކ. ގުރައިދޫ އެވެ.
Jahan nukerehyaam huttaalaa. Gabulhi libaythoa
ފޭސްބުކުގައި ކިތައްމެ މަލާމަތްކުރިއަސް އޯކޭ. އޭދަފުށީ ބަލިއަސް އޯކޭ.. ކިހާޑު ޓީމް އަން އަދި އެފެންވަރު ނެއް. ފައިނަލްގަ ތެޅީ ކޮންބައެއްބާ….