
ޑިޖިޓަލް ރާއްޖެއަކަށް ގައުމު ވާސިލުކޮށްދިނުމަށް ދިރާގުން ހިންގަމުން ގެންދާ އެންމެ މުހިންމު އެއް މަޝްރޫއުކަމުގައިވާ ރާއްޖޭގެ ހުރިހާ ރަށަކަށް ދިރާގުގެ ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ނިމި ރާއްޖޭގައި މީހުންއުޅޭ ހުރިހާ ރަށެއްގައި އެޚިދުމަތް ފަށައިފިއެވެ.
ދިރާގުން މި މަޝްރޫޢު ނިންމައި ޚިދުމަތްދޭން ފަށާފައިވާކަން އިއުލާންކޮށްފައިވަނީ އެކުންފުނިން މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެރ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، ބްރޯޑްބޭންޑް އިންޓަނެޓަކީ ގައުމެއްގެ އިޖްތިމާޢީ އަދި އިގްތިސޯދީ ތަރައްގީގެ ކުރިއެރުމަށް އިތިރު ހަލުވިކަމެއް ގެނސްދޭ ވަސީލަތެއް ކަމަށާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަރައްގީގެ ޕެލޭންގައި ބްރޯޑްބޭންޑްގެ ޚިދުމަތް ފުޅާކުރުން މުހިންމުކަމެއްގެ ގޮތުގައި ހިމަނާފައިވުމަކީ މީގެ ވަރަށް ބޮޑު ހެއްކެއްކަމަށެވެ.
އެގޮތުން ސްމާޓް ނޭޝަނަކަށް ހެދުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއްކަމަށް ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދެވޭ އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު މަތިކޮށް އިންޓަނެޓްގެ އަގު އަތްފޯރާފަށަށް ތިރިކުރުމަށް ކުރަށްވަމުން ގެންދަވާ މަސައްކަތަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދިރާގު ހައިސްޕީޑް ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
އަދި މިކަމުގައި ސަރުކާރުން ދެއްވަވާ އެއްބާރުލުމަށް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވަނީ ޝުކުރުއަދާކުރައްވައިފައެވެ.