
ރާއްޖޭގެ ސަރުކާރު ސްކޫލްތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އެއަރކޮންޑިޝަން ކުރުމުގެ މަޝްރޫޢު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުޅުދުއްފާރު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހޫނުގަދަ ރަށްތަކުގެ ސްކޫލްތައް ހުންނަންވާނީ ފިނިކޮށް ކަމަށެވެ.
“ކޫލް ސްކޫލް” ޕްރޮޖެކްޓްގެ ދަށުން ސްކޫލްތައް އެއަރކޮންޑިޝަން ކުރުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ފަށާފައެވެ. ސަރުކާރުގެ ވިސްނުމަކީ މި މަޝްރޫޢު އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
“މިހާރު ވަނީ އެކަން ފެށި، ވަރަށް ރަނގަޅު ހިސާބަކަށް ގެންދެވިފައި، މި އަހަރުގެ ދެން އޮތް ތަނުގައި މި ރަށާއި [ހުޅުދުއްފާރާއި] ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލެއްގެ ހުރިހާ ކްލާހެއް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެން،” ރައީސް ވިދާޅުވި އެވެ.
“ކޫލް ސްކޫލް” ޕްރޮޖެކްޓް ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގައި، ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް އެއަރކޮންޑިޝަން ކުރުމުގެ މަޤްޞަދުގައެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެފައިވާ ގޮތުގައި، ސްކޫލްތައް އެއަރކޮންޑިޝަން ކުރުމުން ދައުލަތުގެ ޚަރަދު 38 ޕަސެންޓް އިތުރުވާނެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މަޝްރޫޢު ކުރިއަށް ގެންދާނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް، ވީހާވެސް ކުޑަ ޚަރަދަކުން ކަމަށެވެ.