
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ތިނެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އޭދަފުށީގެ ތަރި މުހައްމަދު ފާސިރު (ފާއްޓެ) ހޯދައިފި އެވެ.
ފުޓްބޯޅައިގައި އޭދަފުށިން ފެނުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފާއްޓެ ޒޯން ތިނެއްގެ ރަން ބޫޓު ހޯދީ ފަސް ގޯލާ އެކު އެވެ. ފާއްޓެ ވަނީ ޒޯން ބުރުގެ ފުރަތަމަ މެޗުގައި އޭދަފުށިން ކުރެންދޫ 1-3 އިން ބަލިކުރި މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. އަދި، ޒޯން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 4-7 އިން ކާށިދޫ ބަލިކުރި މެޗުގައި ހެޓްރިކް ހެދި އެވެ.
ޒޯން ބުރުގައި އޭދަފުށި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ފާއްޓެ ހޯދި އެވެ.

ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އަނިޔާގައި ހުރުމުގެ ސަބަބުން، ސައްޓުގެ ޖާގަ ފޫބައްދައި، ޓީމުގެ ޑިފެންސް ބެލެހެއްޓުމުގައި ވެސް ޒޯން ބުރުގައި ފާއްޓެ މުހިއްމު ދައުރެއް އަދާކުރި އެވެ.
ފާއްޓެ އަކީ މިދިޔަ އަހަރުގެ ފަހުކޮޅު މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުށި ހޯދިއިރު އެ މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ އެވެ.

އޭދަފުށިން ރޭ ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކ. ކާށިދޫއާ ވާދަކޮށް 0-0 އިން އެއްވަރުވެ ޕެނަލްޓީގައި 1-3 އިން ކުރި ހޯދައިގެންނެވެ.
ޒޯން ޗެމްޕިއަންކަމާ އެކު އޭދަފުށި ގަދަ 16 ގައި ކުޅެން ޖެހޭނީ ދެކުނުގެ ހަތަރު ޒޯނުގެ ތެރެއިން ރަނަރަޕް ޓީމަކާ އެވެ. ގަދަ 16 ގެ ގުރު ނަގާނީ މިރެ އެވެ. އެ ގުރާ އެކު މުބާރާތުގެ ބާކީ މެޗުތައް އޮންނާނެ ތާވަލު އެނގޭނެ އެވެ.