
އުރީދޫ މޯލްޑިވްސްއިން މިއަދު ކުންފުނީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ‘ލިވް އަންލިމިޓެޑް ކެމްޕެއިން’ ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް އިޢުލާނުކޮށްފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ 20 ދުވަހަކުން އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބިގެންދާނެއެވެ. މިގޮތުން ޖުމްލަ 19 ކަސްޓަމަރަކަށް 19 އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާއިރު، މި ކެމްޕެއިންގެ 20 ވަނަ އިނާމުގެ ގޮތުގައި ނުވަތަ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ޙައްޖު ދަތުރެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުރީދޫގެ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް މިހާރުވެސް އުރީދޫގެ ކަސްޓަމަރުންނަކީ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށްވުރެ މަތިން ބިލް ދައްކާ، ރީޗާޖްކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރަންޖެހޭނެއެވެ. އަދި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލް ދައްކާ، ރީޗާޖްކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރަންވާނެއެވެ.
ވިހި އަހަރުގެ މުއްދަތުގައި އުރީދޫން ވަނީ މުވާޞަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ޙާޞިލްކޮށްފައެވެ. ‘ލިވް އަންލިމިޓެޑް’ ކެމްޕެއިނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި ޚިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއްކަމަށް ކުންފުނިން ބުނެއެވެ.
އުރީދޫއިން އިތުރަށް ފާހަގަކުރިގޮތުގައި ‘ލިވް އަންލިމިޓެޑް’ އަކީ ހަމައެކަނި ޝިޢާރެއް ނޫނެވެ. އެއީ ކަސްޓަމަރުންނަށް ކަންކަން ފަސޭހަކޮށްދިނުމަށް އުރީދޫއިން ކުރާ ވަޢުދެކެވެ.