ބ އަދި ނ އަތޮޅު ޓީޗަރުންނަށް ‘ފެހި މަދަރުސާ’ ވޯކްޝޮޕް ބާއްވައިފި

އެޑިޔުކޭޝަން މިނިސްޓްރީ އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) އަދި ސޮނެވާ ނަމޫނާ ގުޅިގެން، ބ. އަތޮޅާއި ނ. އަތޮޅުގެ ޓީޗަރުންނަށް ދެ ދުވަހުގެ ވޯކްޝޮޕެއް ބާއްވައިފިއެވެ.

‘ފެހި މަދަރުސާ’ ޓްރެއިނިންގް އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ) ގެ މިދިޔަ ހަފްތާ ބަންދު ބޭއްވި މި ވޯކްޝޮޕުގައި މި ދެ އަތޮޅުގެ 15 ސްކޫލަކުން 42 ޓީޗަރުން ބައިވެރިވި އެވެ.

ދެ ދުވަހުގެ މުއްދަތަށް ދަރަވަންދޫގައި ބޭއްވި މި ވޯކްޝޮޕްގެ މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށީގެ ކަންކަން ކުރިއަށްގެންދިއުމަށް ތައްޔާރުކުރެވިފައިވާ ފެހި މަދަރުސާއާއި އަލަށް ގުޅޭ ސްކޫލުތަކަށް މިއޮނިގަނޑު ތަންފީޒުކުރުމަށް ބާރުވެރިކުރުވާ، ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި ވޯކްޝޮޕަކީ ވޯލްޑް ބޭންކުގެ އެހީއާއެކު އެޓޯލް އެޑިޔުކޭޝަން ޑެވްލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

2021 ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެން.އައި.އީ އަދި ސޮނެވާ ނަމޫނާގެ އެއްބާރުލުމާއެކު ތަޢާރަފުކުރެވުނު ފެހި މަދަރުސާގެ އޮނިގަނޑަކީ ރާއްޖޭގެ ސްކޫލްތަކަކީ މޫސުމީ ވިލުންވެރިކަން ހުންނަ އަދި ތިމާވެއްޓާ ރައްޓެހިތަންތަނަށް ހެދުމަށް މަގުދައްކައިދޭ އޮނިގަނޑެކެވެ. މިއީ ޤައުމީ މަންހަޖުގެ މައިގަނޑު ޤާބިލިއްޔަތުތަކުގެ ތެރެއިން ދެމެހެއްޓެނިވި އާދަތަކައް އިސްކަންދިނުމާއި އަދި ތިމާވެއްޓައް އިހްތިރާމްކޮށް އިސްކަންދިނުމުގެ ސިފަ ކުރިއެރުވުމުގެ ގޮތުގެ މަތިން އެކުލަވާލެވި އޮނިގަނޑެކެވެ.

މި ވޯކްޝޮޕްގެ ތެރެއިން ފެހި މަދަރުސާ އޮނިގަނޑާއި އަލަށް ގުޅުނު 15 ސްކޫލާއެކު، ޖުމްލަ 62 ސްކޫލަކުންވަނީ ފެހި މަދަރުސާ ޕްރޮގްރާމްގައި ބައިވެރިވެފައެވެ. މިބުރުގައި ފެހި މަދަރުސާ ޕްރޮގްރާމާއި އަލަށް ގުޅުނީ ބ. ގޮއިދޫ، ބ. ފެހެންދޫ، ބ. ހިތާދޫ، ބ. ތުޅާދޫ، ބ. އޭދަފުށި، ބ. މާޅޮސް، ބ. ދަރަވަންދޫ، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ކަމަދޫ، ބ. ކުޑަރިކިލު، ބ. ކެންދޫ، ނ. މަގޫދޫ، ނ. ޅޮހި، އަދި ނ. ކުޑަފަރީގެ ސްކޫލެވެ.

މި ވޯކްޝޮޕްގެ ތެރެއިން، ތިމާވެށި ރައްކާތެރިކުރުމުގެ ޢަމަލީ މަސައްކަތްތައް ރޭވުމާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމާއި، މުޖުތަމަޢުގެ ބައިވެރިވުން ހޯދުމަށް ގެންގުޅެވޭނެ އުކުޅުތައް އަށަގެންނެވުމަށް އަމާޒުކޮށްގެން ސެޝަންތައް ކުރިއައް ގެންދެވުނެވެ. މީގެ އިތުރުން ފެހި މަދަރުސާ ޕްރޮގްރާމް، ވޯކްޝޮޕްގައި ބައިވެރިވި މުދައްރިސުން މަސައްކަތް ކުރައްވާ ސްކޫލްތަކުގެ ޙާލަތާއި ގުޅޭނެގޮތަށް ކުރިއަށް ގެންދަވާނެ ގޮތުގެ މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ.

މި ވޯކްޝޮޕަކީ ތިމާވެށީގެ ތަޢުލީމަށް ޤައުމީ ފެންވަރުގައި ކުރިއެރުން ހޯދުމަށާއި، 2030 ނިޔަލަށް ދިވެހި ރާއްޖެއަކީ ކާރބަން ނިއުޓްރަލް ގައުމަކަށް ވުމުގެ ލަނޑުދަޑި ޙާޞިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް ވިދާޅުވީ ތިމާވެށީގެ ތަޢުލީމަކީ ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް ވަރަށް މުހިއްމު ކަމެއްކަމަށެވެ.

“ފެހި މަދަރުސާގެ އޮނިގަނޑު ތައާރަފްކުރެވި، އަޅުގަނޑުމެން މިދަނީ މި ބަދަލު ގެނަވުމަށް ސްކޫލްތަކާއި މުދައްރިސުންގެ ޤާބިލުކަން އިތުރުކޮށް ބާރުވެރި ކުރަމުން. މިއީ ތިމާވެށި ރައްކާތެރިކޮށް އަގުވަޒަންކުރާ ޖީލެއް ބިނާކުރުމުގެ ބިންގާ،” ގުލްފިޝާން ޝާފީއު ވިދާޅުވި އެވެ.

“ފެހި މަދަރުސާއަކީ ހަމައެކަނި އޮނިގަނޑެއް ނޫން – މިއީ ސްކޫލްތަކަކީ، މިހާރަށްވުރެވެސް ބޮޑަށް، ތިމާވެއްޓަށް ކުރާ އިހްތިރާމާއި ލޯބި އާލާކުރާ ތަންތަނަށް ހެދުމުގެ ތަޞައްވުރެއް. މުދައްރިސުންނަށް މި ބަދަލު ގެނައުމަށް ބޭނުންވާ މަޢުލޫމާތާއި ޤާބިލިއްޔަތުކަން ދެވުމުން އުފެދިގެންދާނީ ދެމެހެއްޓެނިވި ގޮތްތަކައް އިސްކަންދޭ، ތިމާވެއްޓާއި ރައްޓެހި އާދަތަކަށް އިސްކަންދޭ ޖީލެއް.” ސޮނެވާ ނަމޫނާގެ އިންސްޕަޔަރ މެނޭޖަރ އަޒޫރާ އަޙްމަދު ވިދާޅުވިއެވެ.

މި ވާރކްޝޮޕްގައި ބައިވެރިވި ބ. މާޅޮހު ސްކޫލުގެ ޝިއުނާ ޝަރީފް ވިދާޅުވީ ފެހި މަދަރުސާ އަކީ ހަމައެކަނި ތިމާވެއްޓާ ރައްޓެހި އިމާރާތްތަކާއި ސޯލާ ޕެނަލްތަކުގެ ވާހަކައެއް ނޫންކަމަށާއި ފެހި މަދަރުސާއަކަށް ވެވެނީ، ވަށައިގެންވާ މާހައުލަށް ދަރިވަރުންގެ ހިތުގައި ހޭލުންތެރިކަމާއި އޯގާތެރިކަން އުފެދޭ ހިސާބުން ކަމަށް މި ވާރކްޝޮޕުން އެނގިގެން ހިއްގަޖެ ކަމަށެވެ.

” މުދައްރިސެއްގެ ހައިސިއްޔަތުން، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޙަޤީޤީ ބަދަލު ފެށެނީ މިހިސާބުން. ދަރިވަރުންގެ ހިތުގައި ވަށައިގެންވާ ޤުދުރަތީ މާހައުލަށް ލޯބި އުފެދި، އެ މާހައުލަށް އިހްތިރާމްކޮށް ރައްކާތެރިވާން ދަސްވާ ހިސާބުން. ފެހި މަދަރުސާ ޕްރޮގްރާމްގެ ޓީއޯޓީ ތެރެއިން މި ބަދަލުތައް އަޅުގަނޑުމެންގެ ސްކޫލުތަކަށް ގެނެއުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރެވި، ހިތްވަރު ލިބިއްޖެ. ފެހި މަދަރުސާ ޕްރޮގްރާމަކީ އުޖާލާ މުސްތަޤްބަލަކަށް އެޅޭ ބިންގަލެއް،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.