
އޭދަފުށީގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް ދީފި އެވެ.
އޭދަފުށީ މެދު ސަރަހައްދުގެ ބޮޑު ބަޔަކުން އިއްޔެ މެންދުރުފަހު ކަރަންޓުގެ ހިދުމަތް ކެނޑުނު މައްސަލަ ހައްލުކޮށް ފަނަރަ ގަޑިއެއްހާއިރު ފަހުން އެ ސަރަހައްދަށް އަލުން ކަރަންޓު ދީފި އެވެ.
އެ ސަރަހައްދުން ކަރަންޓު ކެނޑުނީ އިއްޔެ މެންދުރުފަހު 3:00 ހާއިރެވެ.
ފެނަކަ އޭދަފުށީ އިންޖީނުގެ އިން ބުނިގޮތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އެ ސަރަހައްދުގެ ފީޑަރުގެ މެއިން ކޭބަލް ގްރައުންޑްވުމާ ގުޅިގެންނެވެ. އާ ކޭބަލެއް އަޅައިގެން ރޭ މެންދަމު 12ގެ ކުރިން ކަރަންޓްދެވޭތޯ ފެނަކައިން މަސައްކަތް ކުރި ނަމަވެސް، މަސައްކަތުގެ ބުރަކަމުން އަލުން ކަރަންޓް ދެވޭވަރުވީ މިއަދު ހެނދުނު ހައެއް ޖަހާ އެހާކަންހާއިރު އެވެ.
“ވަގުތީ ކޭބަލެއް އަޅައި އަޅުގަނޑުމެންގެ މުވައްޒަފުންނާއެކު ބައެއް އާއްމު ރައްޔިތުންނާއި އޮފީސްތަކުގެ މުވައްޒަފުން ގުޅިގެން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުން މައްސަލަ ދިމާވި ސަރަހައްދަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި،” ފެނަކައިގެ އޮފިޝަލަކު ބުންނެވެ.