ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން އުޅޭ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާމުދޭން ދިރާސާ ހަދަނީ

ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ދިރިއުޅޭ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ކަމާ ގުޅޭ ދާއިރާތަކުގެ މިނިސްޓަރުންގެ އަރިހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެ މަނިކުފާނު ސޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ، ދުޅަހެޔޮ މުޖުތަމައުއަކަށް ހެދުމަށް އާ ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ މީހެއްގެ ބޭންކު އެކައުންޓަށް ޖަމާކޮށްދޭ ފައިސާއެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ފަހު އެއާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި މިނިސްޓަރުންނަށް ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް، މިކަމުގެ ތަފުސީލެއް ރައީސް އޮފީހުން އަދި ހާމައެއްކޮށްފައެއް ނުވެއެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ވަނީ މީގެ ކުރިންވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ނުރައްކާ އަންގައިދޭ ލޭބަލް ނުޖަހާނަމަ އެ ތަކެތި އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.