މެރިން އޭރިއާތައް ހަރުދަނާކުރަން ބ. އަތޮޅުގައި އައި.ޔޫ.ސީ.އެން ވޯކްޝޮޕް ފަށައިފި

މެރިން މެނޭޖްޑް އޭރިއާތައް ހިންގާނެ ގޮތް ހަރުދަނާކޮށް، އެ ތަންތަނުގެ ފައިދާ އިތުރުކުރުމަށް އަމާޒުކޮށްގެން އައި.ޔޫ.ސީ.އެން  މޯލްޑިވްސްގެ ގްރީން ލިސްޓް ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕް ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގައި ފަށައިފިއެވެ.

މި ވޯކްޝޮޕް ކުރިއަށްދާނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ވޯކްޝޮޕަކީ ދިވެހިރާއްޖޭގެ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި، އެ ތަންތަން ހިންގާނެ ގޮތްތައް ރަނގަޅުކޮށް، ހަމަހަމަ އުސޫލުތަކެއްގެ މަތިން މެނޭޖްމަންޓްގެ ކަންކަން ކުރިއަށް ގެންދިއުމަށް ބާރުއެޅުމަށް ބާއްވާ ވޯކްޝޮޕެކެވެ. ބައިވެރިންގެ ތެރޭގައި އައްޑޫ ނޭޗަރ ޕާކް، ފުވައްމުލައް ނޭޗަރ، ސައުތު އާރި މެރިން ޕްރޮޓެކްޓެޑް އޭރިއާ، ލ. އަތޮޅު ޕްރޮޓެކްޓެޑް އޭރިއާ އަދި ފާރުކޮޅު ޕްރޮޓެކްޓެޑް އޭރިއާގެ ބައިވެރިންނާއި، ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިން ހިމެނެއެވެ.

އޭދަފުށީ މަލްޓިޕާޕަސްގެ ސެމިނާ ރޫމުގައި ކުރިއަށްދާ މި ވޯކްޝޮޕްގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޒިޔާދާއި، ބ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ދިވެހިރާއްޖޭގެ މެރިން މެނޭޖްޑް އޭރިއާތަކުގެ ހިންގުމާއި އެ ތަންތަނުގެ ފައިދާ އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، ހިތްވަރުދެނިވި ވާހަކަތައް ދައްކަވާފައެވެ.

މި ވޯކްޝޮޕްގައި، އައި.ޔޫ.ސީ.އެން ގްރީން ލިސްޓް ސްޓޭންޑަރޑް ބޭނުންކޮށްގެން، ބައިވެރިން ވަނީ މަޢުލޫމާތު ބަދަލުކުރުމާއި، އަމިއްލައަށް އިވެލުއޭޓްކުރުމާއި، ގްރީން ލިސްޓް ސެޓްފިކޭޝަނަށް ވާސިލްވުމަށްޓަކައި ޤައުމީ ރޯޑްމެޕެއް އެކުލަވާލުމުގެ މަސައްކަތްތައް ފަށާފައެވެ.

މިފަދަ މަސައްކަތަކީ ދިވެހިރާއްޖެއިން ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތައް މެނޭޖްކުރުމުގައި ދައްކަމުންދާ އިސްދައުރު އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ދުނިޔޭގެ ފެންވަރުގައި ބަޔޮޑައިވަރސިޓީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.