ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް “ސްވައިޕް” ތައާރަފްކޮށްފި

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބޭނުންކުރެވޭ ގޮތަށް ގައުމީ ބޭންކް، ބީއެމްއެލްގެ އިންޓަނޭޝަނަލް ޑިޖިޓަލް ވޮލެޓް “ސްވައިޕް” މިއަދު ތައާރަފުކޮށްފި އެވެ.

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް އިފްތިތާހުކޮށްދެއްވީ އެ ބޭންކުން މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލްގެ އިންޓަނޭޝަނަލް ޑިޖިޓަލް ވޮލެޓް “ސްވައިޕް” ތައާރަފުކޮށްދެއްވަނީ.– ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލް އިން ބުނީ އެ ވޮލެޓަކީ ދިވެހި ޒުވާނުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު، ކްރޮސްބޯޑާ ޓްރާންސެކްޝަންތައް ހިންގޭނެ ވަސީލަތެއް ކަމަށެވެ. އެއާ އެކު، ހަރަދު ކުޑަކޮށް، ބޭރު ފައިސާ ރާއްޖެއަށް ގެނައުމަށް އެހީތެރިވެދީ އަދި ބޭރު ފައިސާ ހޯދުމަށް ހުރި ދަތިތައް ވެސް ކުޑަކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ވޮލެޓަކީ ދުނިޔޭގެ އެހެން ޑިޖިޓަލް ވޮލެޓްތަކާ އެއްގޮތަށް، ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެން ވެސް، ކޮންމެ މީހަކަށް ވެސް ބޭނުންކުރެވޭނެ އިންޓަނޭޝަނަލް ވޮލެޓެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެ ޑިޖިޓަލް ވޮލެޓާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކައިފަ އެވެ. އެ ޕްރެޒެންޓޭޝަންގައި ވަނީ ޑިޖިޓަލް ވޮލެޓް އެޕްގެ ބައެއް ފީޗާތައް ވެސް ކިޔައިދީފަ އެވެ.

އެ ޕްރެޒެންޓޭޝަންގައި ބުނި ގޮތުގައި، އެ ވޮލެޓް މެދުވެރިކޮށް އެއްވެސް ފީއަކާނުލައި، ކޮންމެ ގައުމަކުން ވެސް ވަގުތުން ފައިސާ ލިބޭނެ އެވެ. ރާއްޖޭގެ އުފެއްދުންތައް ބޭރު ގައުމުތަކަށް ވިއްކުމަށް އެހީތެރިވެދޭނެ އެ ވޮލެޓަކީ 100 ޕަސެންޓް ދިވެހި އުފެއްދުމެކެވެ. އަދި އެއީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތަކާ އެއް ފެންވަރުގެ އުފެއްދުމެކެވެ.

ބީއެމްްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފޮރެކްސް އަދި ޓްރޭޑިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހިންނަށް ޓްރޭޑް ކުރެވޭނެ ފަސޭހަގޮތްތައް ހަމަޖައްސައިދިނުމަކީ ރައީސް މުއިއްޒުގެ ވައުދަކަށް ވާތީ، އެކަން ކުރިއަށް ގެންދިއުމަށް އެ ބޭންކުން އިކޮނޮމިކް މިނިސްޓްރީއާ އެކު މި އަހަރު ކުރީކޮޅުން ފަށައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“އަޅުގަނޑުމެންގެ ސީޓީއޯގެ ބެއްލެވުމުގެ ދަށުން ބޭންކުގެ ޓެކްނޮލޮޖީގެ ޓީމްގެ ތެރެއަށް ރާއްޖޭގައި ތިބި ޓެކްނޮލޮޖީއަށް މޮޅު ޒުވާނުން ގެނެސް، ޓީމެއް އެކުލަވާލައި، މީގެ 12 މަސްދުވަސް ކުރިން އަޅުގަނޑުމެން މަސައްކަތް ފެށިން،” ޝަރީފް ވިދާޅުވި އެވެ.

އޭގެ ނަތީޖާއަކީ މިއަދު ތައާރަފުކުރި އެ ބޭންކްގެ އިންޓަނޭޝަނަލް ވޮލެޓް “ސްވައިޕް” ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ ވޮލެޓްގެ ހިދުމަތް ދޭން ފަށާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

“އެއާ އެކު، ރާއްޖޭގެ ހުނަރުވެރިންގެ މަސައްކަތްތަކަށް ބޭރުން ލިބެން ޖެހޭ ފައިސާ އެއްވެސް އިތުރު ޗާޖަކާއި ނުލައި ވަގުތުން ލިބޭނެ. ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ރާއްޖޭގެ ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހައިން ފައިސާ ދެއްކޭނެ މަގު ފަހިވެގެން ދާނެ. ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމަށް އިތުރަށް ފަސޭހަ ވާނެ. ވިޔަފާރިވެރިންނަށް ވަގުތުން ފައިސާ ލިބޭނެ،” ޝަރީފް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.