
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު ފެށި “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ނިމުން މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފާހަގަކޮށްފި އެވެ.
މި މަޝްރޫއުގެ ކާމިޔާބީއާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ވަނީ ފުޅާކުރެވިފަ އެވެ. މިއީ ރާއްޖޭގެ މާލީ ހިދުމަތްތައް ފުޅާކުރުމުގައި ލިބުނު މުހިންމު ކުރިއެރުމެކެވެ.
މި ރަސްމިއްޔާތުގައި، މަޝްރޫއުގައި އިސްކޮށް މަސައްކަތްކުރި ބީއެމްއެލްގެ މުވައްޒަފުންނަށް ވަނީ ހާއްސަ ހަނދާނީ ފިލާ ދީފަ އެވެ. އެ ފިލާ އެ މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މީގެ އިތުރުން، މީހުން އުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ރައީސް ވެ ވަޑައިގަތް ވައުދު ކުރު މުއްދަތެއްގައި ފުރިހަމަކުރެއްވުމާ ގުޅިގެން، ބޭންކުން ވަނީ ރައީސަށް ވެސް އެކަން ފާހަގަކޮށް ހަނދާނީ ފިލައެއް އަރުވައިފަ އެވެ.
މި މަޝްރޫއުގެ މަސައްކަތް ފެށުމަށް، އޭޓީއެމްގެ ހިދުމަތް ނެތް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް ނިންމައި އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ އެމްއޯޔޫގެ ދަށުން، ނުވަ މަސް ދުވަހުގެ ތެރޭގައި 20 އަތޮޅެއްގައި ޖުމްލަ 105 އޭޓީއެމް ވަނީ ބަހައްޓާފަ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގެ އަސާސީ ހިދުމަތްތައް ލިބިގެންދިޔުމުގެ މަގު ފަހިވެގެންދިޔައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، އޭޓީއެމްގެ ހިދުމަތް ދޭން ފެށިތާ 25 އަހަރު ފަހުން ވެސް މީހުން ދިރިއުޅޭ 82 ރަށެއްގައި އެ ހިދުމަތް ނެތުމުން ގިނަ ބަޔަކު ތަކުލީފު އުފުލަމުން ދިޔަކަމަށެވެ. ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ބޭންކުގެ ހިދުމަތް ހޯދަން އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމަކީ އަސާސީ ބޭންކިން ހިދުމަތުގައި ކުރިމަތިވި ބޮޑު އުނދަގުލެކެވެ. އޭނާ އިތުރަށް ވިދާޅުވިއެވެ: “އަސާސީ ބެންކިން ހޯދުމުގައި ދަތިތަކެއް ހުރުމުން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި ރައްޔިތުމީހާ ހުރި ކަމުގައި ވިޔަސް، އެ މީހާ މާލީ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު ވީހާ ވެސް އަވަހަކަށް ހޯދައިދިނުމަށް. ދަތުރުކުރަން ނުޖެހި، ބޭނުން ވަގުތަކު އަސާސީ ބޭންކިން ހިދުމަތް ލިބޭނެގޮތް ވީހާ ވެސް އަވަހަކަށް ފަހިކޮށްދިނުމަށް. އޭޓީއެމްގެ ހިދުމަތަކީ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އަބަދުވެސް ބޭނުންވާ ހިދުމަތެއް.”
ސީއީއޯ ޝަރީފު ވިދާޅުވީ، މުޅި ރާއްޖެއަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރުމުގެ މި މަސައްކަތަކީ ކޮސްޓް އެފިޝެންޓު މޮޑެލްއަކަށް ހިންގި ޕްރޮޖެކްޓެއް ކަމަށާއި، އޭޓީއެމް ބެހެއްޓުމަށް އާންމުކޮށް ހިނގާ އަގާ އަޅާބަލާއިރު ތިންބައިކުޅަ އެއްބައި ހަރަދު ކުޑަކޮށް މި މަޝްރޫއު ނިންމާފައިވާ ކަމަށެވެ. މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ލިބިގެންދާއިރު، ބީއެމްއެލްއިން 20 އަތޮޅުގައި 42 ބްރާންޗާއި 193 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 251 އޭޓީއެމްގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

