
ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ “ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ” ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މާދަމާ އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި މުބާރާތަކީ މި އަތޮޅުގައި ދެ ޖިންސުން ވެސް ފުޓްސަލްއާއި ފުޓުބޯޅައިގެ އިތުރު ތަރިންތަކެއް އުފެއްދުމުގެ މަގުސަދުގައި އަތޮޅު ކައުންސިލުން 2023 ވަނަ އަހަރު ފެށި މުބާރާތެކެވެ.
ރައީސް އިބޫ އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 1:00 ގަ އެވެ. މާދަމާ ހަވީރު ފަށާ މި މުބާރާތަކީ މި އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ކަމަށްވާއިރު، ކޮންމެ ޗެމްޕިއަން ޓީމަކަށް 150،000ރ. އަދި ކޮންމެ ރަނަރަޕް ޓީމަކަށް 75،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރަނީ އެންމެފަހުގެ ޗެމްޕިއަން އޭދަފުށީގެ އިތުރުން ކުޑަރިކިލު، ކަމަދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ، މާޅޮސް، ތުޅާދޫ، ހިތާދޫ، ގޮއިދޫ އަދި ފެހެންދޫ އެވެ. އަދި އަންހެން ޑިވިޝަންގައި ވާދަކުރަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އާއި ކިހާދޫ، ދޮންފަނު، ދަރަވަންދޫ، އޭދަފުށި ހިމެނޭ ގޮތަށް 5 ޓީމެވެ.
މުބާރާތުގެ ފުރަތަމަ މެޗުތައް މާދަމާ ހަވީރު ފެށޭއިރު، އަންހެން ޑިވިޝަނުގައި އޭދަފުއްޓާ ދޮންފަނު ބައްދަލުކުރާނެ އެވެ. ހަވީރުގެ ދެވަނަ މެޗުގައި ކުޅޭނީ ކިހާދޫ އާއި ގޮއިދޫ އެވެ.
މާދަމާ ރޭ ކުޅޭ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ދޮންފަނާއި ދެކޮޅަށް ފެހެންދޫ ކުޅޭއިރު، ދެވަނަ މެޗުގައި ކުޑަރިކިލު ކުޅޭނީ ހިތާދޫ އާ ދެކޮޅަށެވެ.

