
ބ. އޭދަފުށީ ރިންގު ރޯޑުގައި ގާއިމުކުރާ 1.2 މެގަވޮޓް ސޯލާ ޕީވީސީ ނިޒާމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ އެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ އެރައިސް ޕްރޮޖެކްޓުގެ އޭދަފުށީ ރިންގު ރޯޑުގައި ހަދަމުން އަންނަ ސޯލާ ހަކަތައިގެ ނިޒާމުގެ ސްޓަރަކްޗާގައި ސޯލާ ޕެނަލްތައް ހަރުކުރަން ފެށީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ މަހު އެވެ.
އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި، ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފަ އެވެ. އަދި ސޯލާ ހަކަތައިގެ ނިޒާމު އިންޖީނުގޭގެ ގްރިޑަށް ގުޅައި، ސޯލާ ހަކަތައިން ކަރަންޓް އުފައްދަން މިއަހަރުގެ ތެރޭގައި ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ އެ ޕްރޮޖެކްޓްގެ ދަށުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އިންޖީނު ގޭގެގައި ގާއިމުކުރާ ބެޓްރީ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.
މި ނިޒާމު ގާއިމްކުރަން ހަވާލުކުރީ ޗައިނާ ނޭޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓު ކޯޕަރޭޝަނާއި ގުއަޑިން ނަންޖީންގް އޮޓޯމޭޝަން ކޯ ލިމިޓެޑާއި ސީނޯ ސޮލާ ހައިބްރިޑް (ބެއިޖިން) ޓެކްނޮލޮޖީ ކޯ ލިމިޓެޑް ހިމެނޭގޮތަށް އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.
ސްޓޯރޭޖް ސިސްޓަމް ގާއިމްކުރުމުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެ ވަގުތެއްގައި ބޭނުންކޮށް، އިތުރުވާ ކަރަންޓު ރައްކާކޮށްދޭނެ ކަމަށެވެ. އަދި އެ ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތަ، މިރަށުގެ ޑިމާންޑުގެ ނިސްބަތް ޖުމްލަ 30 ޕަސެންޓަށް ވުރެ މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާއްމުކޮށް ކަރަންޓު ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ލުއެއް ލިބޭނެއެވެ.

