
ބ. ދަރަވަންދޫ އެއަރޕޯޓުގެ ޓާމިނަލްގެ ޖާގަ ބޮޑުކޮށް، އެއަރޕޯޓުގެ ޚިދުމަތްތައް އިތުރުކުރުމަށްޓަކައި ޓާމިނަލް ޑިޒައިން ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އައިލޭންޑް އެވިއޭޝަނުން ހުޅުވާލައިފިއެވެ.
ދަރަވަންދޫ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ އައިލޭންޑް އެވިއޭޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
ދަރަވަންދޫ އެއަރޕޯޓު ތަރައްޤީކުރުމާއި ގުޅޭގޮތުން އައިލޭންޑް އެވިއޭޝަނުން ކޮށްފައިވާ އިއުލާނުގައި، ޓާރމިނަލުގެ ޑިޒައިން މަސައްކަތާއި އެކަމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހުޅުވާލާފައެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 814 އަކަމީޓަރުގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އައިލޭންޑް އެވިއޭޝަނުން ބުނެފައިވާ ގޮތުގައި، މި މަސައްކަތުގެ ތެރޭގައި އެރައިވަލް ހޯލު މިހާރަށްވުރެ ބޮޑު ކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ޑިޕާޗަރ ހޯލުގައި ކެފޭ ޖާގައެއް އިތުރު ކުރުމާއި ޑިޕާޗަރ ގޭޓް އިތުރު ކުރުމަކީވެސް މި މަޝްރޫޢުގެ މުހިންމު ބައިތަކެކެވެ. މިހާރު ހުރި ޓަރމިނަލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާއިރު، މިއީ އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް، ދަތުރުފަތުރުގެ ފަސޭހަތައް އިތުރުކުރުމަށް ކުރާ މަސައްކަތެކެވެ.
ބ. ދަރަވަންދޫ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންފައިވާ ވަޢުދެކެވެ. ރައީސް މުޢިއްޒު މި މަސައްކަތް އައިލޭންޑް އެވިއޭޝަނާ ހަވާލުކުރަން ނިންމެވިކަން ހާމަކުރެއްވީ ނިމިދިޔަ އޯގަސްޓް މަހުގެ މެދުތެރޭގައި ދަރަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، އެ އެއަރޕޯޓު ތަރައްޤީކުރި ކުންފުންޏާ މަޝްވަރާކޮށް، އެއަރޕޯޓު އައިލެންޑު އޭވިއޭޝަނާ ހަވާލުކޮށްގެން ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެއަރޕޯޓު ތަރައްޤީކުރުމުގެ ނަތީޖާ މުޅި އަތޮޅަށާއި ދަރަވަންދޫ އަދި ރާއްޖޭގެ އިޤްތިޞާދަށް ފައިދާ ކުރާނެކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ބ. ދަރަވަންދޫގައި އެއަރޕޯޓެއް ތަރައްޤީކޮށް، ޚިދުމަތް ދޭންފެށިތާ މިހާރު ވަނީ 14 އަހަރު ފާއިތުވެފައެވެ. 2012 ވަނަ އަހަރު ހުޅުވި މި އެއަރޕޯޓާއެކު ބ. އަތޮޅަށް އަންނަ ފަތުރުވެރިންނާއި އެނޫންވެސް ގިނަ ބަޔަކު އެންމެ ފުރަތަމަ ފައިބާ އެއް ރަށަކަށް ދަރަވަންދޫ ވެގެންދިޔައެވެ. މީގެ އިތުރުން އެއަރޕޯޓާއެކު އެރަށުގައި ލޯކަލް ޓޫރިޒަމް ވިޔަފާރި ފުޅާވެ، މިވަގުތުވެސް 400 ޓޫރިސްޓު އެނދު އެރަށުގައި ހިންގައެވެ. ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ބާރު ބޮޑު އަދި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފްލައިޓްތައް ޖައްސާ އެއާޕޯޓުކަމަށްވާއިރު، ފާއިތުވި މުއްދަތުގެތެރޭގައި އެއަރޕޯޓަށް އެއްވެސް ތަރައްޤީއެއް އައިސްފައިނުވުމުގެ ކަންބޮޑުވުން ރައްޔިތުން ވަނީ ފާޅުކޮށްފައެވެ. މި މަޝްރޫޢުގެ ސަބަބުން އެކަންބޮޑުވުންތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

