އޭދަފުށީގައި 75 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީގައި 75 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ގްލެޓް އިންވެސްޓްމަންޓްސްއާ މިއަދު ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 101,250,000 ރުފިޔާ އަށެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން 206 މަޝްރޫއު ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް މާލޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި، އޭދަފުށީގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތުގެ އިތުރުން، މި ރަށުގައި ހޭންޑްބޯލް ކޯޓެއް އެޅުމުގެ މަސައްކަތް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. ހޭންޑްބޯލް ކޯޓުގެ މަޝްރޫއުގެ އަގަކީ 1,723,873.80 ރުފިޔާ އެވެ.

އޭދަފުށީގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިއަދު ހަވާލުކުރިއިރު، މި ސަރުކާރުން ވަނީ މީގެ ކުރިން އެ ރަށުގައި 1000 ފްލެޓް އެޅުމަށް ޗައިނާގެ ކުންފުންޏަކާ ވެސް ހަވާލުކޮށްފަ އެވެ. ނަމަވެސް އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރިތާ އަންނަ އާދީއްތަ ދުވަހަށް އެއް އަހަރުވާއިރު ވެސް އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް އަދި ނުފަށަ އެވެ.

މިއަދު ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 ޕީއެސްއައިޕީ މަޝްރޫއުތަކުގެ ޖުމްލަ ހަރަދު 2.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި، މި އަދަދުގެ ތެރެއިން 997.38 މިލިއަން ރުފިޔާ އަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުވާ ފައިސާ އެވެ. މި 206 މަޝްރޫއަކީ 123 ރަށެއްގެ ތަރައްގީގެ އެކި މަސައްކަތްތައް ހިމެނޭ މަޝްރޫއުތަކެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މުޅި ރާއްޖޭގައި ހިންގާ މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ފައިސާ ހަމަޖެހޭނެ ކަމަށެވެ. މިއީ ރާއްޖޭގެ އަމިއްލަ ކުންފުނިތަކަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...