އަބްދުﷲ ޝަރީފަށް ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ލިބިވަޑައިގެންފި

ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފަށް ލިބިވަޑައިގެންފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ޢަބްދުﷲ ޝަރީފް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 28 ފެބުރުވަރީ 1990 ގައެވެ. އޭނާ ފުރަތަމަ ޚިދުމަތް ކުރައްވަން ފެއްޓެވީ ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގެ ޕްރައިވެޓެއްގެ ރޭންކުގައެވެ. މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޢަބްދުﷲ ޝަރީފް މިހާރު ހުންނެވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ.

ފާއިތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޢަބްދުﷲ ޝަރީފް ވަނީ ޕްރައިވެޓް، ލާންސް ކޯޕްރަލް، ކޯޕްރަލް، ސާރޖަންޓް، ސްޓާފް ސާރޖަންޓް، ސްޓޭޝަން އިންސްޕެކްޓަރ، ޗީފް ސްޓޭޝަން އިންސްޕެކްޓަރ، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް، އިންސްޕެކްޓަރ އޮފް ޕޮލިސް، އަދި އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް2 ގެ ރޭންކުތަކުގައި ޚިދުމަތް ކުރައްވައިފައެވެ. އެމަނިކުފާނު ވަނީ ސިފައިންގެ އެކުވެރި ކުންފުނި، ސީ.އެމް.އެސް، ބ. އޭދަފުށި، ހދ. ކުޅުދުއްފުށި، ޅ. މަޑިވަރު، ރީޖަނަލް ޕޮލިސް ސްޓޭޝަންތައް، މާފަންނު ޕޮލިސް ސްޓޭޝަން، ކ. ތިލަފުށީ ޕޮލިސް ސްޓޭޝަން، ހުޅުމާލޭ ޕޮލިސް ސްޓޭޝަން، އަދި ލޮޖިސްޓިކްސް ދާއިރާގެ އެކި ޔުނިޓުތަކުގައި މަސައްކަތް ކުރައްވައިފައެވެ.

ޗީފް އިންސްޕެކްޓަރ ޢަބްދުﷲ ޝަރީފްގެ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވެނީ، ތަޙުޤީޤުކުރުމުގެ ދާއިރާއިންނާއި، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގުނު ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި ހިތްވަރާއެކު ކުރައްވައިފައިވާ މަސައްކަތްތަކެވެ. މިގޮތުން، ލ. އިސްދޫގައި ޑިއުޓީ އަދާކުރައްވަމުން ގެންދެވި ދުވަސްވަރުގައި އިސްދޫ/ކަލައިދޫގެ ޞިއްޙީ މަރުކަޒުގެ ކަރަންޓް މައްސަލައިގައި އުފެދުނު ހަމަނުޖެހުން ބޮޑު ހަމަނުޖެހުމަކަށް ނުގޮސް ކޮންޓްރޯލްކޮށް ހައްލުކުރެއްވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިއެވެ. އަދި ލ. މާވަށުގައި ހިނގައިދިޔަ ހާދިސާއެއް ސުލްހަވެރިކަމާއެކު ހައްލުކުރެއްވުމާއި، 2010 ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ޚާއްޞަ އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ނިންމާލުމުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.

އަބްދުﷲ ޝަރީފުގެ ޚިދުމަތުގައި، ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށާއި ތަރައްޤީކުރުމަށް 2012 ވަނަ އަހަރާއި 2017 ވަނަ އަހަރު އިޚުލާޞްތެރި މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ. މީގެއިތުރުން، 2014 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ހިންގުނު “އޮޕަރޭޝަން އިރުވަރު” އަދި 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ހިންގުނު “އޮޕަރޭޝަން ދިހި” ގައިވެސް ޢަބްދުﷲ ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި 2016 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު ބޮޑެތި މައްސަލަތައް ތަޙުޤީޤުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވިއެވެ.

ޤައުމީ ކާރިސާތަކުގައިވެސް ޢަބްދުﷲ ޝަރީފްގެ ޢަމަލީ ބައިވެރިވުން ފާހަގަކޮށްލެވެއެވެ. އެގޮތުން، ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި އޭނާ ވަނީ އިސްކޮށް މަސައްކަތް ކުރައްވައިފައެވެ. ސިފައިންގޭގައްޔާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި މި ޚިދުމަތްތަކުގެ ސަބަބުން އަބްދުﷲ ޝަރީފަކީ ފާހަގަކޮށްލެވޭ ފުލުހެއްކަން ޔަޤީނެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 7 ކުލައާއި 3 މެޑެލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ކުލަތަކުގެ ތެރޭގައި ފުލުހުންގެ ޚިދުމަތުގެ ކުލަ، އަޚުލާޤީ ކުލަ (ދެފަހަރު)، ސިފައިންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އަދި ހިތްވަރުގަދަކަމުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން، އޭނާއަށް ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި ސައްތައިގެ މެޑެލް، މިނިވަން ފަންސާހުގެ މެޑެލް އަދި ޖުމްހޫރީ ފަންސާހުގެ މެޑެލް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.