
ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އިނާމު ބ. އޭދަފުއްޓަށް އުފަން ޢަބްދުއްރައްޒާޤް ޔޫސުފަށް ލިބިވަޑައިގެންފި އެވެ.
އަބްދުއްރައްޒާގަށް މި އިނާމު އެރުވީ ދައުލަތަށް ހިދުމަތްކުރުމުގެ އިނާމާއި މަތީ ދަރަޖަ ހޯދި ބޭފުޅުންނަށް އިނާމު ދެއްވުމަށް ސޯޝަލް ސެންޓަރުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ޝަރަފުގެ ބެޖަކާއި ޝަރަފުގެ އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.
ޢަބްދުއްރައްޒާޤް ޔޫސުފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ މެކޭނިކް ވަޒީފާގައި 10 އެޕްރިލު 1989 ގައެވެ. ޚިދުމަތުގައި މި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ޑުރައިވަރ ކަމާއި، އެސިސްޓެންޓް ސުޕަވައިޒަރ ކަމާއި، ސްޓެލްކޯގެ ސުޕަވައިޒަރ ކަމާއި، ސީނިއަރ ޓެކްނީޝަން ކަމާއި، ސީނިއަރ ސުޕަވައިޒަރ ކަމާއި، އެސިސްޓެންޓް އިންޖިނިއަރކަން ކުރައްވައިފައި ވެއެވެ.
މިހާރު ސްޓެލްކޯގެ ސަރވިސް އިންޖިނިއަރ ކަމުގެ މަގާމުގައި ހުންނެވި ޢަބްދުއްރައްޒާޤް ޔޫސުފް ފުރަތަމަ ޚިދުމަތް ފެށްޓެވިއިރު ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އިންޖީނުތައް އޯވަރހޯލް ކުރުމާއި، އަތޮޅުތެރެއަށް ވަޑައިގެން ރަށްރަށުގެ އިންޖީނުގޭގައި އެކިއެކި މަސައްކަތް ކުރެއްވުން ހިމެނެއެވެ.
1992ވަނަ އަހަރުން ފެށިގެން ޕަވަރ ޖެނެރޭޝަން ޑިޕާޓްމަންޓްގެ ދަށުން ފެން ޕްލާންޓުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ ލޯޑް މަތިވާ ވަގުތުތަކުގައި ލޯޑް މެނޭޖް ކުރުމަށް އިންޖީނުތަކުގެ ރޫޓިން މަސައްކަތްތަކުގައްޔާއި، އިންޖީނުތައް އޮޕަރޭޓް ކުރުމާގުޅޭ މަސައްކަތްތަކުގައްޔާއި، މެއިންޓެނަންސް މަސައްކަތްތަކުގައި ހީވާގިކަމާއެކު ގިނަވަގުތު ކުންފުނީގައި ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ހުޅުމާލޭގައި އަލަށް އެޅި 50 މެގަވޮޓް އިންޖީނުގޭގެ ކޮމިޝަނިންގ މަސައްކަތްތަކުގައްޔާއި، 50 މެގަވޮޓް އިންޖީނުގެ ސީވޯޓަރ އިންޓޭކް ސިސްޓަމުގެ މަސައްކަތްތަކުގެ އިތުރުން، ސްޓެލްކޯގެ ރިކްރިއޭޝަން ސައިޓް “ވާދަވެހި” ހެދުމުގެ މަސައްކަތުގައި ޢަބްދުއްރައްޒާޤް ޔޫސުފް ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި މާލެއާއި، ހުޅުމާލެއާއި، އަތޮޅުތެރޭގައި ހުރި އިންޖީނުގެތަކުގެ އިންޖީނުތައް ބެލެހެއްޓެވުންފަދަ ކަންކަންވެސް ޢަބްދުއްރައްޒާޤް ޔޫސުފް ކުރެއްވިއެވެ.
ޢަބްދުއްރައްޒާޤް ޔޫސުފަކީ، ކުންފުނީގެ ރިކްރިއޭޝަން ކްލަބުގެ އެކި ކަންކަމުގައްޔާއި، އަދި ސްޓެލްކޯގެ ފުޅަނދުބުރު ރާވައި ހިންގުމުގައިވެސް ޢަމަލީގޮތުން މަސައްކަތްކުރައްވައިފައިވާ ބޭފުޅެކެވެ.

