
‘ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ’ގެ ފައިނަލް މެޗުތައް މާދަމާ ރޭ ކުޅޭއިރު، ނިންމުމުގެ ރަސްމިއްޔާތުގައި ހަވާއެރުވުމުގެ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް ބ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތާއި ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާނީ ރާއްޖޭގެ ފުޓްބޯޅައިގައި އުފެއްދި އަދި މުޅި ކުޅިވަރުގައި ވެސް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ މޫސާ މަނިކު (ކުޑަ މޫސަ) އެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމުތަކަށް ޓްރޮފީ ދޭ ވަގުތުތަކުގައި ހަވާއަރުވާނެ ކަމަށް ވެސް އަތޮޅު ކައުންސިލުން ބުންޏެވެ.
ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ބައްދަލުކުރާނީ ގޮއިދު އާއި ދޮންފަނެވެ. އަދި ފިރިހެން ޑިވިޝަންގެ ފައިނަލުގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ ހިތާދޫ އެވެ.
މި މުބާރާތުގެ ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަކަށް 150،000ރ. (އެއް ލައްކަ ފަންސާސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. އަދި ކޮންމެ ރަނަރަޕް ޓީމަކަށް 75،000ރ. (ހަތްދިހަ ފަސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.
